ވޯލްޑް ކަލްޗާސް ފެސްޓިވަލްގައި ޕާފޯމްކުރުމަށް ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ފޭން ބޭސް ބޮޑު “ހަބޭސް ބޮޑުބެރު” ތުރުކީވިލާތަށް މިއަދު ފުރައިފިއެވެ.
އަންނަ ހުކުރު ދުވަހުން އާދިއްތަ ދުވަހަށް ތުރުކީގެ އަންކާރާގައި ކުރިއަށްދާ ވޯލްޑް ކަލްޗާސް ފެސްޓިވަލްގައި ހަބޭސްގެ ފަރާތުން ދިވެހި ސަގާފީ ރީތި ހުށަހެޅުންތަކާއި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައް ފެންނާނެ ކަމަށް އެ ބޭންޑުން ބުނެއެވެ.
ސްޕޮންސަރުންގެ ބޮޑު އެހީއާއެކު ހަބޭސް ގްރޫޕް ތުރުކީއަށް ފުރާފައިވާއިރު، ހުރިހާ ސްޕޮންސަރުންނަށް ހަބޭސް ޓީމްގެ ފަރާތުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ހަބޭސް ބޮޑުބެރު ގްރޫޕަކީ ދިވެހިންގެ ތެރޭގައި އެންމެ ނަން ހިނގާ އަދި އެންމެ ފޭން ބޭސް ބޮޑުބެރު ގްރޫޕެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހިންގެ ނަން ފަވާލާފައިވާ ހަބޭސް ބޮޑުބެރު ގްރޫޕް ދިވެހިންގެ ތެރެއަށް ތައާރަފްވެގެން ދިޔައީ އޮގަސްޓް 7، 2011 ގައެވެ. ހަތް މެންބަރުންނާއެކު ފެށި އެ ގުރޫޕުގައި މިހާރު 27 މެންބަރުން އެބަތިއްބެވެ.
ހަބޭސް ބޮޑުބެރު ގްރޫޕަކީ، ބޮޑުބެރުގެ މިއުޒިކު ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށް އެހެން ހުރިހާ ގްރޫޕްތަކަށް ނަމޫނާ ދައްކަމުން އަންނަ ބޭންޑެކެވެ. އެއީ ބޮޑުބެރުގައި މިހާރު އެންމެ ވަރުގަދަ އެއް ބްރޭންޑުކަންވެސް ފާހަގަކޮށްލެވެއެވެ.