ކުއްޖަކު ލިބުމަކީ މަސައްކަތުގައި އިސްކަންދޭ ކަންކަން ބަދަލުވާންޖެހޭ ސަބަބެއް ނޫން: ފަރިނީތީ

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މަންމައަކަށް ވުމަކީ ފިލްމީ ދާއިރާއިން ލިބޭ ފުރުސަތުތަކަށް އޮތް ހުރަހެއް ނޫން ކަމަށް ނެޓްފްލިކްސްގެ އާ ސީރީޒް 'ޝަކް: ޓްރަސްޓް ނޯ ވަން' އާއެކު އޯޓީޓީ ޕްލެޓްފޯމަށް ތައާރަފުވާން ތައްޔާރުވަމުންދާ ބޮލީވުޑްގެ ބަތަލާ ފަރިނީތީ ޗޯޕްޅާ، ބުނެފިއެވެ.

އޭނާ ވަނީ ކުދިން ލިބުމަށްފަހުގައި ވެސް ފަންނާނުންގެ މަސައްކަތް ބަލައިގަނެ، އެއްބާރުލުން ދޭތީ ފިލްމީ ދާއިރާއަށާއި ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. ފަރިނީތީ އާއި އޭނާގެ ފިރިމީހާ، ރާގަވް ޗައްދާއަށް އަލަތު ދަރިފުޅު ނީރް ލިބިފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ވެބް ސީރީޒް 'ޝަކް: ޓްރަސްޓް ނޯ ވަން'ގެ ޓްރެއިލާ ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފަރިނީތީ ބުނީ، މަންމައަކަށް ވުމާ ގުޅިގެން މިހާތަނަށް އެއްވެސް ޕްރޮޑިއުސަރަކު، ޑައިރެކްޓަރަކު ނުވަތަ ވާހަކަލިޔުންތެރިއަކު ވެސް އޭނާގެ ޤާބިލުކަމާމެދު ސުވާލު އުފައްދާފައި ނުވާ ކަމަށެވެ.

"މަންމައަކަށް ވީތީ މަސައްކަތް ހުއްޓާލާކަށް އަހަރެން ބޭނުމެއް ނޫން. މިއީ ދެ ފަރާތުގެ ވިސްނުމާ ގުޅިފައިވާ ކަމެއް. މަސައްކަތުގެ ފުރުސަތުތައް އަހަންނަށް ލިބެންވާނެ. ކުއްޖަކު ލިބުމަކީ ދިރިއުޅުމަށް ލިބުނު ވަރަށް މަތިވެރި އުފަލަކަށް ވާއިރު، އެކަމުގެ ސަބަބުން ކެރިއަރަށް ހީނަރުކަމެއް އައުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫން،" ފަރިނީތީ ބުނެފައިވެއެވެ.

ވެބް ސީރީޒް 'ޝަކް: ޓްރަސްޓް ނޯ ވަން'ގެ ކާސްޓުންނާ އެކު ބަތަލާ ޕަރިނީތީ ޗޯޕްރާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ވަޒީފާ އަދާކުރާ މައިންނާމެދު ބެލުންތެރިންގެ ވިސްނުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކަށް ތައުރީފުކުރަމުން ޕަރިނީތީ ބުނީ، މި ޒަމާނުގެ ބެލުންތެރިން ފަންނާނުންގެ އަމިއްލަ ދިރިއުޅުމާއި މަސައްކަތް ވަކިކޮށް ބަލައިގަންނަ ކަމަށެވެ. އަދި އާލިއާ ބަޓް، ދީޕިކާ ޕަދުކޯން އަދި އޭނާގެ ދައްތަ ޕްރިޔަންކާ ޗޯޕްޅާ ފަދަ ތަރިންނަކީ މައިންނަށް ވުމަށްފަހު ވެސް ކާމިޔާބުކަމާއެކު ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްގެން ތިބި ނަމޫނާ ފަންނާނުންކަން ފަރިނީތީ ފާހަގަކުރިއެވެ.

މީގެ އިތުރުން، މަންމައަކަށް ވިޔަސް މަސައްކަތުގައި އިސްކަންދޭ ކަންކަމަށް ބަދަލު ނާންނަ ކަމަށާއި، ނަމަވެސް މަސައްކަތާއި އާއިލީ ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓުން މިހާރު މާ މުހިންމު ކަމަށް އޭނާ ބުންޏެވެ. އަދި ދަރިފުޅު ބެލެހެއްޓުމުގައި ފިރިމީހާ ރާގަވްގެ ފަރާތުން ލިބޭ އެއްބާރުލުމާއި، ބަލިވެއިން ދުވަސްވަރު 'ޝަކް'ގެ މުޅި ޓީމުން ދިން އެހީތެރިކަންވެސް އޭނާ ފާހަގަކުރިއެވެ.

ރެންސިލް ޑިސިލްވާ ޑައިރެކްޓްކޮށް، ސިދާތު ޕީ. މަލްހޯތުރާއާ އެކު ޕްރޮޑިއުސްކޮށްފައިވާ 'ޝަކް: ޓްރަސްޓް ނޯ ވަން' އަކީ އެލްކެމީ ފިލްމްސްގެ އުފެއްދުމެކެވެ. އިތުބާރާއި ޝައްކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސަސްޕެންސް ސީރީޒްއިން ފަރިނީތީގެ އިތުރުން ސޯނީ ރާޒްދާން، އަނޫޕް ސޯނީ، ޖެނިފާ ވިންގެޓް، ތާހިރު ރާޖް ބާސިން، އަދި ސުމީތު ވިއާސް ފަދަ ހުނަރުވެރި ތަރިން ފެންނާނެއެވެ.

މި ސީރީޒް ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

comment ކޮމެންޓް