ޕާކިސްތާނުގެ ޑްރާމާތައް ޔޫޓިއުބުން އުނިކުރަން ނިންމައިފި، ދެން މި ޑްރާމާތައް ބެލޭނީ ކިހިނެއް؟

ޕާކިސްތާނުގެ މަގުބޫލު ދެ ޑްރާމާ ސީރީޒްއެއްގެ ޕޯސްޓަރު. ޕާކިސްތާނުގެ ޑްރާމާތައް ޔޫޓިއުބުން ނެގުމަށް ވަނީ ނިންމާފައި--ފޮޓޯ/އިންޑިއާޓުޑޭ

ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޕާކިސްތާނުގެ ޑްރާމާތައް ޔޫޓިއުބުން ނެގުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޭއާރްވައި ޑިޖިޓަލްއިން އެ ކުންފުނީގެ ޑިޖިޓަލް ޚިދުމަތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމައި ހާމަކޮށްފައިވާ ގޮތުގައި، މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ޗެނަލްގެ ޑްރާމާތައް ޔޫޓިއުބަކުން ނުފެންނާނެއެވެ. އޭގެ ބަދަލުގައި، އެ ހުރިހާ އުފެއްދުންތަކެއް ދެން ސްޓްރީމް ކުރާނީ އެ ކުންފުނީގެ ރަސްމީ އޯޓީޓީ ޕްލެޓްފޯމް ކަމަށްވާ "އޭއާރްވައި ޕްލަސް" މެދުވެރިކޮށެވެ.

މި ބަދަލާއެކު، ބެލުންތެރިން އެ ޗެނަލްގެ އުފެއްދުންތައް ބެލުމަށްޓަކައި ޔޫޓިއުބުގެ ބަދަލުގައި ބޭނުންކުރަން ޖެހޭނީ "އޭއާރްވައި ޕްލަސް" އެޕްލިކޭޝަނެވެ. މިއީ ހިލޭ ޑައުންލޯޑް ކުރެވޭ އެޕްލިކޭޝަނަކަށް ވުމުގެ އިތުރުން، މިވަގުތު އޭގައިވާ ކޮންޓެންޓް ބަލައިލުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ.

ޕާކިސްތާނު ޑްރާމާ "ދަރު-އޭ-ނިޖާތު"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭ

ޕާކިސްތާނުން އުފައްދާ މުނިފޫހިފިލުވުމުގެ ގިނަ ކޮންޓެންޓްތަކަށް ރާއްޖޭގައި ވެސް ބޮޑު ތަރުހީބެއް އޮންނައިރު މި ދުވަސްވަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑްރާމާތަކުގެތެރޭ، މަޝްހޫރު ވާހަކަލިޔުންތެރިޔާ އުމައިރާ އަހުމަދުގެ ވާހަކައަކަށް ސާގިބް ޚާން ޑައިރެކްޓްކޮށްފައިވާ "ދަރު-އޭ-ނިޖާތު" އަދި ފަރުހާން ސައީދު އާއި ސަނާ ޖާވިދު ލީޑް ރޯލު ކުޅޭ "ބަސް ތޭރާ ސާތު ހޯ" ހިމެނެއެވެ.

ޔޫޓިއުބުން ޕާކިސްތާނުގެ ޑްރާމާތައް އުނިކުރަން ނިންމި ނިންމުމާ އެކު އޭގެ އެންމެ ބޮޑު އަސަރެއް ކުރާނީ އިންޑިއާގެ ބެލުންތެރިންނަށެވެ. ސަބަބަކީ، މިހާރުވެސް އިންޑިއާގައި މަގުބޫލު ގިނަ ޑްރާމާތަކެއް ބަލަމުން އަންނަނީ ޔޫޓިއުބް މެދުވެރިކޮށް ކަމަށް ވާތީއެވެ.

'އޭއާރްވައި ޕްލަސް' އަކީ ހިލޭ ބޭނުންކުރެވޭ ޕްލެޓްފޯމަކަށް ވީނަމަވެސް، ޔޫޓިއުބު ބޭނުންކުރުމަށް އާދަވެފައިވާ ބެލުންތެރިން ވަކި ޚާއްސަ އޯޓީޓީ އެޕްލިކޭޝަނަކަށް ބަދަލުވާން ޖެހުމަކީ ބައެއް ފަރާތްތަކަށް އެހާ ފަސޭހަކަމަކަށް ނުވެދާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

comment ކޮމެންޓް