ގިނަ ދުވަސްތަކެއް ވަންދެން އެ މަނިކުފާނު ނުފޫޒު ހިންގެވި އެމްޑީޕީގެ 'ޔުނިޓީ' ނުވަތަ އެއްބަވައިންތަކަން އޮބަހައްޓަން ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތެރޭގައި ދެބަސްވުން ބޮޑުވެ، ޕާޓީގެ ތެރޭގައި ފެކްޝަންތައް ވަނީ ގިނަވެފައެވެ. ޚާއްސަކޮށް، 2028ގެ ރިޔާސީ ޓިކެޓަށް އެހާ އަވަހަށް ބައެއް ބޭފުޅުން މަސައްކަތް ފައްޓަވައިފިއެވެ.
އެ ޕާޓީގެ ވަގުތީ ޗެއާޕާސަންކަމަށް ރޭ ގައުމީ މަޖިލީހުގެ އިއްތިފާގުން އިންތިޚާބުކުރި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)އަށް މަރުހަބާ ދަންނަވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވެސް ވަނީ ޕާޓީގެ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ މަނިކުފާނު ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
"ޕާޓީގެ ޔުނިޓީ އޮބަހައްޓަވާ، ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކާމިޔާބަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތުގައި އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 'ޔުނިޓީ'އަކީ މިހާރަކަށް އައިސް އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަރަށް ގިނައިން ބޭނުންކުރައްވާ ބަސްފުޅެކެވެ. ނަޝީދު އެ ބަސް ބޭނުންކުރެއްވީ އެހެންވެ ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުން ބޮޑުވެ، ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާ ވެސް ކުރުކޮށްލަން ޖެހުނީ ދެބަސްވުން އުފެދި، ހޫނުވެގެންނެވެ. އެކަމަކު، ފަހުން އެ މަގާމަށް ގަޕޯ އައްޔަންކުރީ އެންމެންގެ އިއްތިފާގުންނެވެ.
ވަރަށް ޖޯޝާ އެކު މަސައްކަތްކުރަމުން އައި އެމްޑީޕީ މުޅިންހެން ބައިބައިވީ މިދިޔަ ވެރިކަމުގެ ދުވަސްވަރެވެ. އޭރު މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ހުންނެވިއިރު އެ މަނިކުފާނާއި ޞާލިޙާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވިއެވެ. އެހެންވެ، މިދިޔަ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވުމުން ފަހުން ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ވެސް އުފައްދަވާފައެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ޞާލިޙަށް ތާއީދުކުރަން އެ ބޭފުޅުން ދެކޮޅު ހެއްދެވިއެވެ. އެއަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ނަޝީދު ވަނީ މިއީ އެ މަނިކުފާނު "ބައިވެރިވާ" ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ފަހުން އަނެއްކާ ވެސް ޑިމޮކްރެޓްސް އުވާލުމަށް ފަހު ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން އެނބުރި އެމްޑީޕީއަށް ސޮއިކުރީއެވެ.
އެހެންވިޔަސް އަދިވެސް އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން ބޮޑެވެ. ޚާއްސަކޮށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްތިއުފާދެއްވުމާ އެކު އަނެއްކާ ވެސް ވާދަވެރިކަން އޮތީ ބޮޑުވެފައެވެ. ފައްޔާޒް މިހާރު މަސައްކަތްކުރައްވަނީ ނަޝީދާ އެކުގައެވެ. އޭނާ ވަނީ 2028ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވާފައެވެ.
އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ކަމަށް މަސައްކަތްކުރައްވާއިރު، ޞާލިހް ވެސް ވަނީ އަރިސް ބޭފުޅުން މެދުވެރިކުރައްވާ 2028ގައި ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.