ރިޔާސަތުން ކަންކުރީ ދެގޮތަކަށް ކަމަށް ވިދާޅުވެ އަލުން ވަގުތީ ޗެއާޕާސަނެއް އައްޔަންކުރަން މަސައްކަތް ފަށަން ޝާހިދު ލަފާދެއްވައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި: ޝާހިދު ވަނީ އަލުން ޗެއާޕާސަން އައްޔަންކުރުމަށް ލަފާދެއްވާފައި --- ސަން ފޮޓޯ/ ހުސައިން ހާފިޒު

ރިޔާސަތުން ކަންކުރީ ދެގޮތަކަށް ކަމަށް ވިދާޅުވެ އަލުން ވަގުތީ ޗެއާޕާސަނެއް އައްޔަންކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދަ (އިބްރޭ)އަށް ލަފާދެއްވައިފިއެވެ.

ޝާހިދު މިފަދައިން ލަފާދެއްވިއިރު، އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަގުތީގޮތުން ހޮވުނު ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ވަހީދު, ވަނީ އެ މަގާމު ދޫކޮށްލަން ނިންމަވައިފައެވެ.

އެހެންވެ ޝާހިދު އިބްރޭއަށް ފޮނުއްވި ސިޓީގައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 31 ވަނަ ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަން ހޮވުމަށް ނެގި ވޯޓާއި ވޯޓުގެ ރިޕޯޓާ ގުޅޭގޮތުން އޭނާއަށް ފާހަގަވެވަޑައިގަތް ކަންތައްތައް ބަޔާންކުރައްވާފައެވެ.

https://sun.mv/214575

ޝާހިދު ވިދާޅުވީ އެރޭގެ ޖަލްސާގެ ފުރަތަމަ ވޯޓު ނަގާ ނިމުމުން، ޖަލްސާގައި ތިއްބެވި ވޯޓުލެވޭ މެންބަރުންގެ އަދަދަކީ 96 ކަމަށް އިއުލާންކުރެއްވުމަށްފަހު ރިޔާސަތު ނުހިމަނާ، އެ އަދަދަކީ 95 ކަމަށް އިއުލާނުކުރި ކަމަށެވެ.

ވަގުތީ ޗެއާޕާސަން ހޮވުމަށް އެންމެ ފުރަތަމަ ވޯޓަށް އެއްސެވި ނަން ކަމުގައިވާ ޢަބްދުﷲ ވަހީދަށް ލިބުނީ 47 ވޯޓު ކަމަށާއި އެހެންވެ އެ ނަން ފާސްވެއްޖެ ކަމަށް ރިޔާސަތުން އިއުލާންކުރެއްވި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެހެން ނަމަވެސް، 95 ގެ ދެބައިކުޅަ އެއްބަޔަކީ 47 ނޫންކަމަށް ބުނެ އެތަނުގައި ބައެއް މެންބަރުން އިހުތިޖާޖުކުރުމުން، ރިޔާސަތުން ހިސާބު ހެއްދެވުމަށްފަހު ވަހީދުގެ ނަން ފާސްނުވާ ކަމަށް ފަހުން އިއުލާންކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ރިޔާސަތުން ދެފަހަރު ދެގޮތަށް އަމަލުކުރެއްވުމުގެ ސަބަބުން އެރޭގެ ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށްދިޔަކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށްދިއުމުން، ޖަލްސާ މެދުކަނޑާލަން ރިޔާސަތުން ނިންމީ ކަމަށް ވެސް ޝާހިދުގެ ސިޓީގައިވެއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަމަށް ޓަކައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ ވާދަކުރެއްވި ކުރެއްވުން އަނބުރާ ގެންދަވާފައިވާ ކަމަށް ބުނެ ވަހީދު އޭނާއަށް ސިޓީއެއް ފޮނުއްވައިފައިވާ ކަމަށެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ބައެއް ބޭފުޅުން: އެތެރޭ ކޯޅުމުގައި އެމްޑީޕީ ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް --- ސަން ފޮޓޯ

އެހެންކަމުން، ގައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ފުރިހަމަކުރުމަށްފަހު އެ މަސައްކަތް ކުރިއަށްގެންދިއުމަށް މަޝްވަރާ ދެއްވާކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

ވަހީދު އެ މަގާމަށް ކުރިމަތި ލެއްވުމަށް ނިންމެވީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރަކު ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށް އިއްޔެ އޭނާ ނެރުނު ބަޔާނެއްގަވެއެވެ. އެ ހުށަހެޅުން އައުމާއެކު ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ޕާޓީގެ އެޑްވައިޒަރު, އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލަފާ ހޯއްދެވި ކަމަަށާއި ދެ ބޭފުޅުން ވެސް ލަފާ ދެއްވީ އެކަމުގައި ކުރިއަށް ދިއުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

ނަމަވެސް އެ ދެ ބޭފުޅުންނާއި ޕާލަމެންޓްރީ ގުރޫޕުގެ ބޭފުޅުން ފަހުން އަމަލު ކުރެއްވީ ވިދާޅުވިގޮތާ ޚިލާފަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

https://sun.mv/214656

"އެހެން ނަމަވެސް ތާއީދު ކުރައްވައި, އަޅުގަނޑު އެ މަގާމަށް ނުކުތުމަށް ހިތްވަރު ދެއްވި ޕާޓީގެ ރައީސާއި ޕާޓީގެ އެޑްވައިޒަރު އަދި ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުން އެ ވޯޓާ ހަމައަށް ދިޔައިރު އަމަލު ކުރެއްވި ގޮތުންނާއި, އަދި އެ ވޯޓަށް ފަހު އެ ފަރާތްތަކުން އަމަލު ކުރައްވަމުން ގެންދަވާފައިވާ ގޮތުން އަޅުގަނޑު އެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނޭ ކަމީ މިއަދު އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން," ވަހީދުގެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އިންތިހާބުކުރުމުގެ މަސައްކަތް ފެށީ އެ ޕާޓީގެ ޗެއާޕާސަންކަން ކުރައްވަމުން ގެންދެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް، އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މެއި 23، 2022ގައި މި މަގާމާއި ހަވާލުވެވަޑައިގަތް ފައްޔާޒު މި މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު 23 ގައެެވެ.

comment ކޮމެންޓް