މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލަތު ދަރިފުޅު ލިބިފައިވާ ބޮލީވުޑްގެ ފިލްމީ ދެމަފިރިން ކަމަށްވާ ސިދާތު މަލްހޯތްރާ އާއި ކިއާރާ އަދުވާނީގެ ދަރިފުޅުގެ ނަމަކީ 'ސަރާޔާ މަލްހޯތުރާ'ކަން އިއުލާނުކޮށްފިއެވެ.
ބޮލީވުޑްގެ "ޝޭރްޝާ" ދެމަފިރިންގެ ގޮތުގައި މަގުބޫލުވެފައިވާ މި ދެތަރިންނަށް ލިބިފައި ވަނީ އަންހެންކުއްޖެކެވެ. މިހާރު ހަތަރު މަސް ފުރި ފަސް މަހަށްދާ ދަރިފުޅުގެ ފައި ފެންނަ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި ދެ ތަރިން ކުރި ޕޯސްޓުގައި ބުނެފައި ވަނީ އަލަތު ދަރިފުޅަކީ މިހާތަނަށް ދެ މީހުންގެ ދިރިއުޅުމަށް ވެސް ލިބުނު ރަހްމަތެއް ކަމަށެވެ.
އަލަތު ދަރިފުޅުގެ ނަން އިއުލާނު ކުރުމާއެކު ވަރަށް ގިނަ ބަޔަކު ވަނީ އެ ނަން ރީތި ކަމަށް ބުނެ، ސިދާތު އާއި ކިއާރާއަށް މަރުހަބާ ކިޔާފައެވެ. ދަރިފުޅުގެ ނަމަށް ތައުރީފު ކުރަމުން ގިނަ ބަޔަކު ވަނީ ސިދާތު އާއި ކިއާރާގެ ދަރިފުޅުގެ ފޮޓޯ އާއްމުކުރާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ބުނެފައެވެ.

ބަތަލާ ކިއާރާ މެޓް ގާލާގައި--ފޮޓޯ/ޕިންކްވިލާ
ނަމަވެސް ދަރިފުޅުގެ ފޮޓޯ އާއްމުކުރުމުގެ ވިސްނުމެއް ދެ ތަރިންގެ އަދި ނެތް ކަމަށް ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސިދާތު ވަނީ ބުނެފައެވެ.
ފިލްމު "ޝޭރްޝާހް" ކުޅުނު ދުވަސްވަރު ލޯބީގެ ގޮތުން ގުޅުނު ދެ ތަރިން ކައިވެނި ކޮށްފައި ވަނީ 2023 ވަނަ އަހަރެވެ. ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ކިއާރާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ވައިއާރްއެފްގެ ފިލްމު "ވޯ 2"އިންނެވެ.
ކިއާރާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ މާޗް މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ކޭޖީއެފް"ގެ އެކްޓަރު ޔަޝްގެ ފިލްމު "ޓޮކްސިކް"އިންނެވެ.