ކޯޓުތަކުން އިންސާފުވެރިކަން އިސްކޮށް އަދުލުވެރިކަމާ އެކު މައްސަލަތައް ނިންމުމުގެ ބަދަލުގައި އާންމުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ ގަރާރުގައިވާ ގޮތުން، ކޯޓުތަކުން އާންމުންގެ މެދުގައި ގަސްދުގައި ތަފާތުކޮށް، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލުކުރަމުންދާކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ.
ގަރާރުގައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ ހައްގުތައް އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށް ލިބިގެންވާކަން ބަޔާންކޮށް، އެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ.
ނަމަވެސް، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި އިތުރަށް ބެހެއްޓުމާމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރުން އަދުލުވެރިކަމުން އެއްކިބާވަމުންދާކަން ފާހަގަކުރެވޭ ކަމަށް ގަރާރުގައިވެއެވެ.
ސުޕްރީމް ކޯޓް: މައްސަލަތައް ނިންމުމުގައި ތަފާތުކުރާ ކަމަށް ބުނެ ގަރާރެއް ވަނީ ހުށަހަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެގޮތުން، މިދިޔަ އޭޕްރިލް މަހުގެ 18ވަނަ ދުވަހުގެރޭ މާލޭގެ އިމާރާތެއްގެ ފުރާޅެއް މައްޗަށް އަންހެން ކުއްޖަކު ޒަޚަމުތަކަކާއެކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މީހުން އެންމެ ތިން ދުވަހަށް ބަންދުކުރުމަށް ކަމަށް ގަރާރުގައި ބުންޏެވެ.
ނަމަވެސް، އެމްޑީޕީން މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން 15 ދުވަހަށް ބަންދުކުރި ކަމާއި، ހަމަ އެ މަހުގެ ފަހުކޮޅު މާލޭގެ ކެފޭއަކުން ކެއުމަށް ފަހު ބިލަށް ފައިސާ ނުދައްކައި ފިލަން އުޅުނު ކަމަށް ބުނެ، ފުލުހުން ހައްޔަރުކުރި މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް 10 ދުވަހުގެ ބަންދެއް ޖެހިކަން ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި ބުނީ، ބޮޑެތި ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ކުރު މުއްދަތެއް، އަދި ކުދި ކުށްކުށުގެ މުއްދަތުގައި ހައްޔަރުކުރެވޭ މީހުންނަށް ދިގު މުއްދަތެއް ޖަހައި، ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ރައްޔިތުންނަށް އިންސާފު ލިބުމަށް ނިޒާމީގޮތެއްގައި އެޅިގެން ދާނެ ހުރަހެއް ކަމަށެވެ.