އައްޑޫ ފެނަކައިގެ ކުރީގެ އިސްވެރިންނަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ތަހުގީގުކުރަން އަންގަން މަޖިލީހުން ފާސްކޮށްފި

ފެނަކަ މުވައްޒަފުންތަކެއް: އައްޑޫ ބްރާންޗުގެ ކުރީގެ އިސްވެރިންގެ މައްޗަށް ތަހުގީގެއް ހިންގަން އަންގަނީ -- ފޮޓޯ/ ފެނަކަ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗުގައި މަސައްކަތްކުރި އިސްވެރިންނާއި އެ މީހުންގެ އާއިލީ މެންބަރުންގެ އެކައުންޓުތަކަށް މުސާރައާ ނުބައްދަލު ފައިސާ ޖަމާވިތޯ ބަލަން ވަކި ތަހުގީގެއް ހިންގުމަށް އެދި ފުލުހުންނަށް އެންގުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އައްޑޫގައި ފެނަކައިން ހިންގާ ބްރާންޗުތަކާއި މަޝްރޫއުތަކުގެ 2021-2023ގެ ޚާއްސަ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އައްޑޫގައި ފެނަކައިން ހަތަރު މަޝްރޫއެއް ކުރިއަށް ގެންދިޔައިރު ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ޕެޓީ ކޭޝް ފައިސާއިން، ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުން ތަކެތި ގަނެފައިވެއެވެ.

https://sun.mv/205838

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން ލިޔެކިއުންތައް ފޯޖުކޮށް ޕެޓީ ކޭޝް ފައިސާ ނަގައި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެއެވެ.

މީގެ އިތުރުން ޕެޓީ ކޭޝްއިން ބިލުތަކަށް ފައިސާ ދެއްކުމުގައި ހަރުދަނާ ކޮންޓްރޯލުތަކެއް ގާއިމުކޮށްފައި ނެތުމުން އެއް ބިލަކަށް ދެ ފަހަރަށް ފައިސާ ދައްކައި 36،494 ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ފެނަކަގެ މުވައްޒަފުންތަކެއް -- ފޮޓޯ/ ފެނަކަ

ހަމަ އެއާއެކު ފެނަކައިގެ ޕްރޮކިއުމަންޓު ސިޔާސަތުތަކާ ޚިލާފަށް މަޝްރޫއުތަކުގައި ބޭނުންކުރުމަށް 783،296 ރުފިޔާގެ ތަކެތި މުވައްޒަފުންނާ އާއިލީގޮތުން ގުޅުންހުރި ވިޔަފާރިތަކުން ހޯދައިފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން މަޝްރޫއުތަކުގެ ޕެޓީ ކޭޝްއިން ފައިސާ ޚަރަދުކުރުމުގައި ހޯދައިފައިވާ ޚިދުމަތާއި ތަކެތި ލިޔުމުން އެނގެން ނެތުމުންނާއި މުވައްޒަފުންނާ ގުޅުންހުރި ވިޔަފާރިތަކުން މުއާމަލާތުތައް ކޮށްފައި ހުރުމުންނާއި ލިޔެކިޔުންތައް ފޯޖުކޮށްފައި ހުރުމުގެ ސަބަބުން، މި ކަމަކީ ކުންފުނީގެ ތެރެއިން މުވައްޒަފުންތަކެއް ގުޅިގެން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

އެކަމުގެ ސަބަބުން މަޝްރޫއުތަކަށް ޕެޓީ ކޭޝްއިން ޚަރަދުކުރި 4.37 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ޚިދުމަތާއި ތަކެތި ލިބިގެން ޚަރަދުކުރީ ކިހާ ވަރެއްކަން ކަށަވަރުކުރެވެން ނެތް ކަމަށް، ކޮމިޓީ ރިޕޯޓުގައިވެއެވެ.

އައްޑޫގެ ބްރާންޗުތަކުގެ ފައިސާތައް ބެލެހެއްޓުމަށް ބޭންކު އެކައުންޓަކާއި ތިޖޫރީ ބަހައްޓައިފައި ހުރި ނަމަވެސް، މަޝްރޫއުތަކުގެ ޕެޓީ ކޭޝް ފައިސާއިން ކުރާ ޚަރަދުތައް ބެލެހެއްޓުމަށް އެ ވަސީލަތްތަކުގެ ބޭނުން ނުކޮށް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކުރަމުން ގޮސްފައިވާ ކަން ވެސް ރިޕޯޓުގައިވެއެވެ.

ފެނަކައިގެ މިހާރުގެ އެމްޑީ އަފީފް މުވައްޒަފުންތަކަކާއެކު -- ފޮޓޯ/ ފެނަކަ

ހަމަ އެހެންމެ ކޮމިޓީ ރިޕޯޓުގައިވަނީ، އައްޑޫގައި ފެނަކައިން ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް ބޭނުންވާ 1.52 މިލިއަން ރުފިޔާގެ ތަކެތި ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރަކާ އާއިލީގޮތުން ގުޅުން ހުރި ފިހާރައަކުން ހޯދައިފައިވާ ކަމަށެވެ.

އެ ރިޕޯޓުގައިވަނީ އެއީ އެހެން ފަރާތަކުން ކޯޓޭޝަން ނުލިބޭ ކަމަށް ލިޔުން ތައްޔާރުކޮށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ހިންގި މުއާމަލާތެއް ކަމަށް ބެލެވޭ ކަމަށެވެ.

ވުމާއެކު ކޮމިޓީ ރިޕޯޓުގައިވަނީ ފެނަކައިގެ މުވައްޒަފުން މަނީ ލޯންޑާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ހުރިކަން ފާހަގަކޮށް 2021އިން 2023އަށް އައްޑޫ ފެނަކަ ބްރާންޗުތަކުގައި މަސައްކަތްކުރި އިސްވެރިންނާއި އެ ފަރާތްތަކުގެ އާއިލާގެ މެންބަރުންގެ އެކައުންޓަށް މުސާރައާ ނުބައްދަލު ފައިސާ ޖަމާވިތޯ ވަކި ތަހުގީގެއް ހިންގުމަށް ފުލުހަށް އެންގުމަށް ނިންމައިފައެވެ.

މާލިއްޔަތު ކޮމިޓީގެ މި ރިޕޯޓު މަޖިލީހުން ފާސްކުރީ ވޯޓުގައި 53 މެންބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް