ހުޅުމާލެއިން ބިންތައް ވިއްކާ ގޮތް ކިޔައިދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދެކޮޅު ހަދައިފިއެެވެ.
އެޗްޑީސީން އެ މައުލޫމާތު ހޯދުމަށް ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މި އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ކުޑޫ ވަނީ އެޗްޑީސީއަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވަނީ ހުޅުމާލެ ލޮޓް ނަންބަރު 11673 ވިއްކުމަށް ކޮށްފައިވާ މުއާމަލާތާއި ހުޅުމާލޭގެ ބިން ވިއްކުމާ ގުޅޭގޮތުން ހަތް ސުވާލެއް ކުރައްވައިފައެވެ. އެގޮތުން ކުޑޫ ސުވާލުކުރެއްވި ކަންތައްތަކަކީ:
- ހުޅުމާލެ ލޮޓް ނަންބަރު 11673 ވިއްކާފައި ވަނީ އުސޫލުން ބޭރުން ސީދާކޮށް ހަވާލުކޮށްގެންތޯ އަދި އެކަން ކުރަން މެދުވެރިވި ސަބަބާ ގުޅޭގޮތުން.
- ހުޅުމާލޭގައި އާއްމުކޮށް ވިއްކުމަށް ބިންތައް ކަނޑައަޅާފައިވޭތޯ ބެލުމަށް.
- ހުޅުމާލެ ލޮޓް ނަންބަރު 11673 އެޗްޑީސީގެ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކުރެވިފައިވޭތޯ ބެލުމަށް.
- ހުޅުމާލޭގައި އެޗްޑީސީން ވިއްކާ ބިންތައް ވިއްކުމުގައި އަގު ކަނޑައަޅަނީ ކޮން އުސޫލެއްގެ މައްޗަށް ބިނާކޮށްގެންތޯ ބެލުމަށް.
- އެޗްޑީސީން ހުޅުމާލެއިން ބިން ވިއްކުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް އޮވޭތޯއާއި އޮތްނަމަ އެއީ ކޮން ދައުރެއްތޯ ބެލުމަށް.
- އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާއިރު ބިން ވިއްކުން ފަދަ މުއާމަލާތް ކުރެވޭއިރު ދެފުށްފެންނަ ގޮތަކަށް އެކަން ކުރޭތޯ އަދި ކުރާނަމަ އެ ގޮތަކީ ކޮބައިތޯ ބެލުމަށް.
- އެޗްޑީސީން ކުރާ މިފަދަ މުއާމަލާތްތައް އާއްމުކޮށް ފެންނަ ގޮތަށް ހުރިތޯ ބެލުމަށް.
ކުޑޫގެ މި ސުވާލުތަކަށް އެޗްޑީސީން މެއި މަހުގެ 12 ވަނަ ދުވަހު ދިން ޖަވާބުގައި ވަނީ އެއީ އެ ކުންފުނީގެ ސިއްރު ހިމެނޭ މައުލޫމާތަތުތަކަކަށް ވާތީ، އެ މައުލޫމާތުތައް ހިއްސާކުރެވެން ނެތް ކަމަށެވެ.