ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ހުޅުމާލޭން އެޕާޓްމެންޓް ކުއްޔަށް ދޭ ކަމަށް ބުނެ އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުން އަންނަކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެގޮތުން ''ހުޅުމާލޭ ޑެއިލީ ރެންޓް އެޕާޓްމެންޓް'' ފަދަ ޓިކްޓޮކް އެކައުންޓުތަކާއި 7217905 ނަންބަރު ބޭނުންކޮށްގެން ވެސް އެފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އެފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް އެފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އެ މުައްސަސާއިން ހާމަކުރިއެވެ.
ފުލުހުން ބުނި ގޮތުގައި އެފަދަ ސްކޭމްތައް ހިންގަނީ:
އޮޅުވާލައިގެން އިޝްތިހާރުކުރުން: މީހުން ޝައުގުވެރިކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި، އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭކަމަށް ބުނެ އިޝްތިހާރުކުރުން.
އަވަސްއަރުވާލައިގެން ފައިސާ ހޯދަން އުޅުން: މެސެޖިން ޕްލެޓްފޯމްތަކުން މުއާމަލާތްކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުން ވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިން ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރުން.
އެޑްވާންސް ފައިސާ އަތުލުން: ވަކި ބޭންކް އެކައުންޓްތަކަކަށް 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ބުނުން.
ވަގު ލިޔެކިޔުމާއި އައިޑީ ބޭނުންކުރުން: އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުން.
ފައިސާ ލިބުމުން ރިޕްލައި ކުރުން ހުއްޓައިލުން: ފައިސާ ޓްރާންސްފާ ކުރި ސްލިޕް ފޮނުވުމާއެކު، އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިނުން.

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް ހިންގި ހަރަކާތެއް: ހުޅުމާލޭން އެޕާޓްމެންޓް ކުއްޔަށް ދޭ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދޭ -- ފޮޓޯ/ އެމްއެންޔޫއެސްޔޫ
އެފަދަ ސްކޭމްތަކުގައި ނުޖެހި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ކުއްޔަށް ހިފާ ތަން ބަލައި ޔަގީންކުރުން ހިމެނެއެވެ. އެގޮތުން އެޕާޓްމަންޓަށް އަމިއްލައަށް ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިން ފީއެއް ޓްރާންސްފާ ނުކުރަން އެ މުއައްސަސާއިން އިލްތިމާސްކުރެއެވެ.
ހަމައެއާއެކު، ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުމަކީ ވެސް އެ ޚިދުމަތުން އެދޭ ގޮތެކެވެ.
މީގެ އިތުރުން ވެސް، އޮންލައިން މުއާމަލާތްތަކަށް ސަމާލުވެ، ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
ފުލުހުން ވަނީ އެ އޮޅޮވާލުންތަކުގެ ޝިކާރައަކަށްވެފައިވާ މީހުންގެ އިތުރުން، އެފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އެދިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ މަހަކު ވެސް ސްކޭމްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ގެއްލެއެވެ. އެގޮތުން މިދިޔަ އޯގަސްޓު މަހު ވެސް ސްކޭމްތަކަށް ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.