އާދަޔާ ޚިލާފު ވޯޓެއް، ރިޔާސަތުން ލީ ވޯޓާއެކު މަޖިލީހުން ބިލެއް ބޭރުކޮށްލައިފި

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ހުށަހެޅި ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް، މަޖިލިސް ރިޔާސަތުން ލީ ވޯޓާއެކު މިއަދު ނިންމައި ބިލު ބޭރުކޮށްލައިފިއެވެ.

މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ. މިއަދުގެ ޖަލްސާގައި މެންދުރު މި ބިލަށް ވޯޓުލުންވަނީ ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް އެ ވަގުތު މަޖިލީހަށް ހާޒިރުވެ ތިއްބެވީ، ރިޔާސަތުގައި އިންނެވި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި އިތުރު ދެ މެމްބަރުންނެވެ.

އެހެންވެ ބިލަށް ވޯޓުލީއިރު ފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ނުފެންނަ ކަމަށް ވެސް ވޯޓުދެއްވީ ހަމަ އެއްމެ މެމްބަރެކެވެ.

"އަޅުގަނޑަކަށް ނޭނގެ މި ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި އަދި މިފަދަ ވޯޓެއް މި ގޮތަށް ނެގުނުކަމެއް،" ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅި ނަމަވެސް ސަރުކާރުގެ މެމްބަރުންގެ ފަރާތުން މި ބިލު ފާސްކުރަން ބޭނުންވާކަމަށް އެކަށީގެންވާ ތަރުހީބެއް ނުފެންނަ ކަމަށެވެ. އެއީ ސަރުކާރު މެމްބަރުން ވެސް ތަޅުމުގައި ހާޒިރުވެ ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ވޯޓުގައި ބައިވެރިވެވަޑައިގެން ސަލީމު ވެސް ވޯޓު ދެއްވީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފްލޯއިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެމްބަރަކު ހަމަ އެއްވެސް މެމްބަރަކު ހާޒިރުވެވަޑައިގެން ނެތްކަން. އެހެންވީމާ މި ބިލުގެ މުހިންމުކަން އަަޅުގަނޑަށް ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނިފައި ނުވާތީ އަޅުގަނޑު ވޯޓު ދެނީ ނުފެންނަ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އެސްޑީއެފް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. މި ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށް ޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ޓަކައި އުފެއްދި ފަންޑެކެވެ.

comment ކޮމެންޓް