މި ސަރުކާރުން ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށް، ހަތަރު ރިސޯޓު އަޅައިދޭނެ: ފައިސަލް

ލ. ފޮނަދޫގައި އޮތް އެއްވުމުގައި މިނިސްޓަރު ފައިސަލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ހަމްޒާ

ލ. އަތޮޅު ފޮނަދުއާއި ގަން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގައި ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށާއި، ފެންވަރު ރަނގަޅު ޚިދުމަތް ލިބޭނެހެން މުޅި އަތޮޅު ތަރައްގީކޮށްދެއްވާނެކަމަށް މި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެެވެ.

މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އޭނާ ދެން އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ އެއްފަސްކޮށް އޮންނަ ގަން ފޮނަދޫ ސިޓީއަކަށް ބަދަލުވާ ދުވަސް ކަމަށެވެ.

"އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،" ފައިސަލް ވިދާޅުވިއެވެ.

ލ. ފޮނަދޫގައި އޮތް އެއްވުމުގެ ތެެރެއިން -- ސަން ފޮޓޯ/ ހަމްޒާ

ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށް ޓަކައި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް ގާއިމްކޮށްދޭނީ މި ސަރުކާރުން ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ފުރިހަމަ ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ވެސް އެންމެ ފުރިހަމައަށް ތަރައްގީކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ ބާރުވެރިކަން އޮތީ ލ. އަތޮޅުގައި ކަމަށާއި، އެއީ އެ ތަރައްގީގެ ޔަގީންކަން އޮތް ސަބަބު ކަމަށެވެ. ފައިސަލް ވިދާޅުވީ މިއީ ފޮނަދޫ ދާއިރާގެ އިންތިޚާބީ މިނިސްޓަރު އަދި ސަރުކާރުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ސިޔާސީ މަސައްކަތްޕުޅުގެ ނަތީޖާ ކަމަށެވެ.

އެއާއެކު ފައިސަލްވަނީ އޭނާގެ ބައްޕަ އަބްދުއްރަހީމަށް ޝުކުރު އަދައިކުރައްވައިފައެވެ.

ލ. ގަން، ފޮނަދޫ ލިންކް ރޯޑުގައި ކުރިއަށްގެންދިޔަ ސައިކަލު ބުރުގެ ތެރެއިން -- ސަން ފޮޓޯ/ ހަމްޒާ

މީގެ އިތުރުން ފައިސަލް ވިދާޅުވީ ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރާނީ ވެސް ޕީއެންސީގެ މެމްބަރާ ގުޅިގެން މި ސަރުކާރުން ކަމަށެވެ.

އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި އަތޮޅުގައި ފަތުރުވެރިިކަން ހިންގުމަށް ޓަކައި މިހާރު ވެސް ބޭރުގެ އެކި އިންވެސްޓަރުންނާ މަޝްވަރާތައް ކުރަމުން އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މި އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓަށް ހަތަރު ރިސޯޓު ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"ޚާއްސަކޮށް ބަރެސްދޫ ޕްރޮޖެކްޓު އަޅުގަނޑުމެން ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާނަމު. އަދި ލ. އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓުގެ ހަތަރު ރިސޯޓު މަދުވެގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ވެރިކަމުގައި އަޅުގަނޑުމެން ގާއިމްކުރާނަން،" އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭ ދުބާއީގެ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް މި އަތޮޅުން ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުންމީދަކީ އެ ރަށުގައި ދެތިން އަހަރެއް ތެރޭ ރިސޯޓު ތަރައްގީވެ، ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ވުންކަމަށެވެ.

comment ކޮމެންޓް