ބުރާސްފަތި ދުވަހު އޮތް ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރާއި ބައެއް މަސްވެރިން ހައްޔަރުކުރި މައްސަލަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ، އައިއެލްއޯއަށް އެމްޑީޕީން ހުށަހަޅައިފިއެވެ.
މިއަދު ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ، ބޮޑު ކަންނެލި މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖަށް ހުރަސްއަޅައި، މަޢުރޫފް ހިމެނޭހެން އަށް މީހަކު ހައްޔަރުކުރި މައްސަލަ އައިއެލްއޯއަށް މިއަދު ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ހުށަހެޅުމުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށާއި، މަސްވެރިންގެ މަންދޫބުންނާ މަޝްވަރާކުރަން ފެށުމަށް ސަރުކާރަށް އެންގުމަށް އެދިފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ބަޔާނުގައި އެމްޑީޕީން ވަނީ މަޢުރޫފާއި އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައިފައެވެ.
މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް، ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރީ ހަތަރު މީހުންކަން ފާހަގަކޮށް އެމްޑީޕީން ވަނީ، އިތުރު ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުނުކޮށް، ބަންދުގައި ބައިތިއްބާފައި ވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ތުހުމަތުކޮށްފައެވެ.
އިއްޔެ ބަންދުގެ މުއްދަތު ޖެހި މީހުންނަށް އިޝާރާތްކޮށް، އެ ބަޔާނުގައި ވަނީ، އެ މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރި ކަމަށް އިއްޔެގެ އަޑުއެހުމުގައި ސާފުކޮށް ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އޭގެއިތުރުން، ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ، ގާނޫނުއަސާސީއާއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް، އާއްމުކޮށް ކޯޓުން ޢަމަލުކުރަމުން އަންނަ އުސޫލާ ވެސް ޚިލާފަށް ކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ.
"މިއީ، ގާނޫނުއަސާސީއާ ޚިލާފަށް އަދި ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއް ކަމުގައި ވީތީ، އެކަން މި ޕާޓީން ކުށްވެރިކުރަން،" އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ވަނީ، އިހުތިޖާޖުން ހައްޔަރުކުރި ހުރިހާ އެންމެން ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި އިހުތިޖާޖުން މަޢުރޫފަށް ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗުގައި އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އޭނާ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) 'ސަން' އަށް ވިދާޅުވިއެވެ.