ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތަފުސީލީ ދަފުތަރެއް އެކުލަވައިލައި ނިންމައިލެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިހާތަނަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ދަފުތަރެއް އެކުލަވައިލެވިފައެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދާ ގުޅޭގޮތުން ހުށަހެޅުއްވި ސުވާލަށް ޖަވާބު އަރުވަން ހޯމް މިނިސްޓަރު އިހުސާން ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފައެވެ. އިތުރު ސުވާލުގެ ވަގުތުގައި އެހެން މެންބަރުން ވެސް ވަނީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ސުވާލުތައް އަމާޒުކުރައްވައިފައެވެ.
އެގޮތުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ބިދޭސީ މަސައްކަތްތެރިންގެ ދަފުތަރު އެއްކޮށް އެކުލަވައިލާ ނިންމޭނެ ތާރީޚަކާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާ އެކު ތަފުސީލީ ދަފުތަރެއް އެލުވައިލާ ނިންމައިލެވޭނެ ކަމަށެވެ. އަދި، ސަރުކާރުގެ އަމާޒަކީ އެ ދަފުތަރު ހެދުމަށް ފަހު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުރިހާ ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓު ނެގި އެއް ޓޭޑާބޭސްއަކަށް އެޅި ކައުންސިލްތަކަށް އެ ފިންގަޕްރިންޓު ޑޭޓާބޭސްތަކަށް އެކްސެސް ދެވި، ފިންގަޕްރިންޓު ސްކޭންކުރާ މޯބައިލް ޑިވައިސްތަކާއި އަދި ފިކްސްޑް ޑިވައިސްތައް ކައުންސިލްތަކަށާއި ޕޮލިސް ސްޓޭޝަންތަކަށް ދެވި އެ ތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސައިލީމާ ކާކުތޯ ޑޭޓާބޭސްއިން އެނގޭ ވަރުކޮށްދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ބިދޭސީންގެ ދަފުތަރެއް ހެދިފައި ނެތުމުގެ ސަބަބުން މިހާރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ހާމަކުރެއްވި ބައެއް ތަފުސީލުތަކުން އެނގޭ ގޮތުގައި މިހާރު ވެސް އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި ބަންގްލަދޭޝް މަސައްކަތްތެރިންނަށް 135،149 ޕާމިޓް އެބަހުއްޓެވެ. އެކަމަކު، އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކައި ގަވާއިދާ އެއްގޮތަށް އަމަލުކުރަނީ އެންމެ 39،004 ޕާމިޓު ހޯލްޑަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިދޭސީންގެ ދަފުތަރު އެކުލަވައިލުމަށް ފަހުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދާ އެއްގޮތްވާން ފުރުސަތެއް ދޭނެ ކަމަށެވެ. އަދި، އެއަށް ފަހުގައި ގަވާއިދާ ހިލާފަށް ތިބި އެންމެން އަނބުރާ ގައުމަށް ފޮނުވައިލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.