ބަންގްލަދޭޝްގެ 135،149 ޕާމިޓް: ގަވާއިދާ އެއްގޮތީ އެންމެ 39،004

މޭ 12، 2020: ދޯނީގައި މަސައްކަތް ކުރާ ބިދޭސީއަކު ބޯޓުގައި މާޑުކޮއްލައިގެން: ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގިނަ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއަށް ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ގެންނަން ދޫކުރާ ވޯކް ޕާމިޓްގެ އެކްޓިވް ޕާމިޓުގެ ގޮތުގައި މިހާރު ވެސް 135،149 ޕާމިޓް އޮތްއިރު އޭގެ ތެރެއިން ގަވާއިދާ އެއްގޮތަށް ފައިސާ ދައްކަމުން އަންނަނީ އެންމެ 39،004 ޕާމިޓްގެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްއިން ބިދޭސީ މަސައްކަތްތެރިން ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މިއަދު ވަނީ މިނިސްޓަރާ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އަދި، އިތުރު ސުވާލުގެ ވަގުތުގައި އެހެން މެންބަރުން ކުރި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ވަނީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ބައެއް ތަފުސީލުތައް ހިއްސާކުރައްވައިފައެވެ.

އެގޮތުން، ޑިސެމްބަރު 17، 2023ގެ ނިޔަލަށް ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދަކީ 90،624 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު، 135،149 އެކްޓިވް ވޯކް ޕާމިޓު ދޫކުރެވިފައިވެއެވެ.

"އެ ވޯކްޕާމިޓެއްގެ ދަށުން އެ މީހާ ރާއްޖެ އަދި ނާންނަ ޕާމިޓްތަކަކީ ވެސް އެކްޓިވް ވޯކް ޕާމިޓް. އެ ޕާމިޓެއްގެ ދަށުން ރާއްޖެ އައިސްފައި އޭނާ އަނބުރާ ރާއްޖެ ދޫކޮށް ގޮސްފައި އެ ކުންފުންޏަކުން އެ ޕާމިޓު ކެންސަލްނުކުރާ ކަމަށްވެއްޖިއްޔާ އެއީ ވެސް އެކްޓިވް ވޯކް ޕާމިޓް،" މިނިސްޓަރު ތަފުސީލުކޮށްދެއްވިއެވެ.

"މީގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކުރިން ވެސް ދެންނެވިހެން ބޯޑާ ކޮންޓްރޯލް ސިސްޓަމުން ބަލާއިރުގައި ރާއްޖެ ދޫކޮށް ގޮސްފައި ތިބި މީހުން،"

ހޯމް މިނިސްޓަރު އަލީ އިހުސާން: ވިދާޅުވީ، ބިދޭސީންގެ ޑޭޓާބޭސް އަހަރެއް ތެރޭ އެކުލަވައިލާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

އިހުސާން ވިދާޅުވީ، ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެންނަން ހުއްދަ ދިން ފަހުން އެ ގައުމުން 5،400 މަސައްކަތްތެރިން ގެންނަން ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އެގޮތަށް އައިސްފައިވަނީ 4،000 މަސައްކަތްތެރިންނެވެ.

ގާނޫނު ބުނާގޮތުން އެއް ގައުމަކުން އެންމެ ގިނަވެގެން އަންސްކިލްޑް ލޭބަރުން ގެނެވޭނީ 100،000 މީހުންނެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދު އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު 100،000 އަށް އަރާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައި އޮތްއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ ޑޭޓާބޭސް އެކުލަވައިލުން ކަމަށް އިހުސާން ވިދާޅުވިއެވެ.

"ހުރިހާ ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓު ނެގި އެއް ޓޭޑާބޭސްއަކަށް އެޅި ކައުންސިލްތަކަށް އެ ފިންގަޕްރިންޓު ޑޭޓާބޭސްތަކަށް އެކްސެސް ދެވި، ފިންގަޕްރިންޓު ސްކޭންކުރާ މޯބައިލް ޑިވައިސްތަކާއި އަދި ފިކްސްޑް ޑިވައިސްތައް ކައުންސިލްތަކަށާއި ޕޮލިސް ސްޓޭޝަންތަކަށް ދެވި އެ ތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސައިލީމާ ކާކުތޯ ޑޭޓާބޭސްއިން އެނގޭ ވަރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ފަހު އެ މީހުންނަށް ގާނޫނީ އިމުގެ ތެރެއަށް ވަންނަން ފުރުސަތެއް ދޭނެ ކަމަށެވެ. އެއަށް ފަހުގައި ގާނޫނާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

comment ކޮމެންޓް