ފާސް ނެތް ބިދޭސީން ގެންގުޅުނު 9 ގޮޅިއެއް ޖޫރިމަނާކޮށްފި

ފާސް ނެތް ބިދޭސީން މާރުކޭޓުގެ ގޮޅިތަކުގައި -- ފޮޓޯ/ ކައުންސިލް

ފާސް ނެތް ބިދޭސީން ގެންގުޅުމުން ދަތުރުވެރިންގެ މާރުކޭޓުގެ ނުވަ ގޮޅިއެއްގެ ވެރިން ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ސިޓީ ކައުންސިލުން ވަނީ ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތް ބިދޭސީން ގެންގުޅޭ ގޮޅިތަކުގެ ވެރިން ޖޫރިމަނާކުރަން ފަށައިފައެވެ.

އެގޮތުން، ސިޓީ ކައުންސިލުން ބުނީ، ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކުރާތީ މި މަހު މިހާތަނަށް ނުވަ ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ފުރަތަމަ ފަހަރު ގޮޅީގެ ވެރިފަރާތް 2،000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ދެވަނަ ފަހަރަށް ތަކުރާރުވެއްޖެ ނަމަ 4،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު ރެޑް ނޯޓިސް ފޮނުވާނެއެވެ. އަދި، ތިންވަނަ ފަހަރަށް ތަކުރާރުވެއްޖެ ނަމަ ގޮޅި ކައުންސިލަށް ނެގުމުގެ ބާރު ވެސް ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އޮފިސަރުންނާއި ފުލުހުން ގުޅިގެން މި ފަހުން ވަނީ ބާޒާރު މަތީ ސަރަޙައްދުގެ ދުވާރުމަތީގައި މުދާ އަތުރައިގެން ދިވެހިންނާއި ބިދޭސީން ކުރަމުން ދިޔަ ވިޔަފާރިތައް ވެސް ހުއްޓުވައިފައެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުނި އަޅައި، ގޮނޑުކޮށްފައިވާ މާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

comment ކޮމެންޓް