ކުރީ ސަރުކާރުގެ ބަދަލު ކޮމިޓީން އެއް ބިލިއަން ރުފިޔާ ދޫކުރި، މައްސަލަ ބަލަނީ

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު: އުޝާމް ވިދާޅުވީ ކުރީ ސަރުކާރުގެ ބަދަލު ކޮމިޓީން އެއް ބިލިއަން ރުފިޔާ ދޫކުރި ކަމަށް -- ފޮޓޯ/ ސަރުކާރު

އެމްޑީޕީގެ މިދިޔަ ސަރުކާރުން ރައީސް އޮފީހުގައި ގާއިމުކޮށްފައި އޮތް ބަދަލުދޭ ސެޓްލްމަންޓު ކޮމިޓީން 10 މީހަކަށް ބަދަލުގެ ގޮތުގައި ރުފިޔާއިން މިންކުރާނަމަ އެއް ބިލިއަން ރުފިޔާގެ ފައިސާއާއި ހަރުމުދާ ދޫކޮށްފައިވާ ކަމަށާއި އެ ކަމުގައި ބޭއިންސާފު ފާހަގަވާތީ އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރަން މިދިޔަ ސަރުކާރުގައި ވަނީ އުސޫލެއް އެކުލަވާލައިފައެވެ. އަދި، އެ އުސޫލުގެ ދަށުން އޭރުގެ ރައީސް އޮފީހުުގައި ވަނީ ބަދަލުދޭ ކޮމިޓީއެއް އުފައްދައިފައެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް މިއަދު ވިދާޅުވީ، ކުރީ ސަރުކާރުގެ ސެޓްލްމަންޓު ކޮމިޓީން ނިންމައިގެން 10 ފަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާއާއި ރަށްރަށާ ދީފައި އެބަހުރި ކަމަށެވެ.

އެ ކޮމިޓީން އެކި ފަރާތްތަކަށް ދީފައިހުރި ސެޓްލްމަންޓުގެ އަގު ކުރާކަމުގައި ވާނަމަ އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހަރު މުދަލާއި ފައިސާގެ ގޮތުގައި ދައުލަތުން އެކިއެކި ފަރާތްތަކަށް ދީފައިހުރިކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މި އަންނަނީ މި ސެޓްލްމަންޓު ކޮމިޓީން މައްސަލަތައް ނިންމާފައިހުރި ގޮތް ދިރާސާކުރަމުން،" އުޝާމް ވިދާޅުވިއެވެ.

"ޝަރީއަތުގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައި ހުރި ފަރާތްތަކަށް ހަމަ ވަރަށް ސާފުކޮށް ވިން ނުވާނެ ކަހަލަ މައްސަލަތައް ވެސް އެބަހުރި ސެޓްލްމަންޓު ކޮމިޓީން ސެޓްލްކޮށްފައި ބައެއް މައްސަލަތަކުގައި އެބަހުރި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަކި ގޮތަކަށް އަމަލުކުރުމަށް ލަފާދީފައި ވަކި ސެޓްލްމަންޓަކަށް ދާކަމުގައިވަނީނަމަ ވަކި މިންވަރެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައި ހުރި މައްސަލަތަކުގައި އެއަށް ވުރެ ބޮޑެތި އަދަދުތަކުން ސެޓްލްކޮށްފައި ހުރި މައްސަލަތައް ވެސް އެބަހުރި،"

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އެމްޑީޕީ ސަރުކާރުން ވިދާޅުވީ ބަދަލުދީފައިހުރީ ގޯސްކޮށް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެހެންވެ، އޭނާ ވިދާޅުވީ އެ މައްސަލަތައް ދިރާސާކުރަން ބަންޑާރަނައިބުގެ އޮފީހުގައި ޓީމެއް ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރީ ސަރުކާރުގެ ސެޓްލްމަންޓު ކޮމިޓީން ބަދަލުދޭން ނިންމި ނިންމުންތަކަށް އަމަލުކުރުން މަޑުޖައްސައިލަން މިހާރު ފިނޭންސް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއަށް މިހާރު އަންގާފައިވާނެ ކަމަށް އުޝާމް ވިދަޅުވިއެވެ. އޭނާ ވިދާޅުވީ، މައްސަލަ ބެލުމަށް ފަހުގައި ވަކި ގޮތެއް އެންގުމުން ނޫނީ އެ މަސައްކަތް ކުރިއަށް ނުގެންދާން އަންގާފައިވާނެ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީއޭ މި ދަންނަވަނީ މީގައި ގިނައިން ހުރީ އެކިއެކި ފަރާތްތަކަށް ޓޫރިސްޓު ރިސޯޓު ހިންގުމަށްޓަކައި ރަށްތައް ދިނުން ކަމަށްވާތީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރީ ސަރުކާރު ބަދަލުގެ ގޮތުގައި ދޫކުރި އަދަދުތައް ވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން، ބަދަލުދޭން ނިންމާފައިހުރީ އެންމެ އިންސާފުވެރިކޮށްތޯ ކަށަވަރުކުރުމަށް އޮޑިޓާ ޖެނެރަލްގެ އެސެސްމަންޓަކަށް އެދިފައިވާނެ ކަމަށާއި އެ އެސެސްމަންޓު ވަރަށް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް އަވަހަށް އެ މައްސައްކަތް ނިމުނީމާ އަޅުގަނޑުމެން މި 10 މައްސަލައާ ގުޅޭ ގޮތުން ކުރިއަށް ގެންދާނެގޮތެއް ނިންމާނަން،" އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބަދަލު ދޫކުރި ފަރާތްތަކާއި އެ ކަމާ ގުޅޭ ތަފުސީލުތައް ވަނީ ސިއްރުކޮށްފައެވެ.

comment ކޮމެންޓް