ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެއަށް

ރައީސް ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން-- ސަން ފޮޓޯ: މޫސާ ނަދީމް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ އުތުރަށް ފެއްޓެވި ދަތުރުފުޅު ނިންމާވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަތީ ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށެވެ. މިއީ މި ރަށްތަކަށް ރައީސް ކުރެއްވި ހަ ދުވަހުގެ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. ނ އަތޮޅުގެ އެންމެ ކައުންސިލެއް ފިޔަވައި ހުރިހާ ރަށެއްގެ ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުވުނަތަކުގައި، އެރަށްރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އުތުރަށް ކުރެއްވި މި ދަތުރުފުޅުގެ ކުރިން ރައީސް ވަނީ ރާއްޖޭގެ ދެކުނަށް، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލުތަކާވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވައި ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ މި މަސައްކަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސާއެކު ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް