ކައުންސިލްތަކަށް އިތުބާރު ބޮޑުކުރަން، ޚިދުމަތް ފުޅާކުރަންޖެހޭ: މިނިސްޓަރު

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު --

ކައުންސިލްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ކުރަންޖެހޭ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު އުމަރު ރޭ ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމުގެ ސިޔާސަތު ވިލަރެސްކުރުމުގެ މާހާސިންތާ "ފަނޯއްލަ ދަރުބާރު" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުން ކައުންސިލްތަކަށް މެންބަރުން އައްޔަންކުރަނީ ހަގީގީ މާނައިގައި އެ ކައުންސިލްތަކުން ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެކަމުގެ އުންމީދުގައި ކަމަށެވެ.

ރާއްޖޭގެ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ދިވެހި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދޭނީ ކައުންސިލްތަކުންކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ކައުންސިލްތަކަށްކުރާ އިތުބާރު ބޮޑު ކުރުމަށް އެ ކައުންސިލްތަކުގެ ޚިދުމަތްތައް ފުޅާކުރަން ޖެހޭ ވާހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެއް ކަމަށެވެ.

"ހަގީގަތުގައި ވެސް ކަައުންސިލްތަކަށް ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވޭ. ރައްޔިތުން ވަރަށް ގިނަ އުންމީދުތަކެއް ކައުންސިލްތަކާ ދޭތެރޭ ކުރޭ. އަދި އަޅުގަނޑުމެނަށް ގަބޫލުކުރެވޭ ކައުންސިލްތައް ހިންގަވަން ތިއްބަވާ ބޭފުޅުން ވެސް އެއް ދުވަހުން އަނެއް ދުވަހަށް ކައުންސިލްތައް ބާރުވެރިކުރުމުގެ މައްޗަށް ކައުންސިލްތައް ހަރުދަނާކުރުމުގެ މައްޗަށް އެތައް މަޝްވަރާތަކެއް ކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއް ދުވަހުން އަނެއް ދުވަހަށް އަންނަ ބަދަލުތަކާ އެކު ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތްތައް ވެސް ވަރަށް ގިނަ ކަމަށާއި މަރުކަޒީ ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުރި ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ރަށްރަށުގައި ހިންގަންޖެހޭ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި "އެންމެ ފުރަތަމަ ޓަކިޖަހަން ޖެހޭ ދޮރަކީ" ކައުންސިލްތަކަށް ހެދުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަބަބަކީ ރައްޔިތުން އެންމެ ބޮޑު އިތުބާރެއްދީ، ރައްޔިތުން އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ކައުންސިލްތައް ކަމަށްވާތީވެ، އަޅުގަނޑުމެން އެ މަގުން ކުރިއަށް ދިޔުމަށް އެބަ ހިތްވަރުދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 2021 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ރިޕަބްލިކް އެންޑް އިންސްޓިއުޓް (އައިއާރްއައި)އާ އެކު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ފެށި ސިލްސިލާ މަހާސިންތާއެކެވެ.

މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިދާރީ ގޮތުންނާއި މާލީގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ. އޭގެ އިތުރުން، އެ ގޮންޖެހުންތައް ހައްލުކުރުމަށް ކައުންސިލްތަކުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުން ހިމެނެއެވެ.

މަހާސިންތާގައި މަޝްވަރާކުރެވޭ ދާއިރާތަކާ ގުޅޭގޮތުން ބައިވެރިން ހުށަހަޅާ ކަންކަން ތަންފީޒުކުރުމަށް ކަމާ ގުޅޭ ވުޒާރާތަކާ އެކު އެކްޝަން ޕްލޭނެއް މަހާސިންތާގެ ތެރެއިން ތައްޔާރުކުރެއެވެ.

comment ކޮމެންޓް