ރައީސް ހެއްދެވީ އިތުރުފުޅެއް، ކައުންސިލް މުވައްޒަފުންގެ މުސާރަ ކަނޑައަޅަނީ ސީއެސްސީން: މަޖިލީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލީސް

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ތުހުމަތުކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި އެކަން ހައްލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވީ، 'ރައީސްގެ ޖަވާބު' ޕްރޮގްރާމްގެ ސިލްސިލާއެއްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަމުން އެ ވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ ރައީސްގެ ވާހަކަފުޅު ދޮގުކުރައްވައިފައެވެ.

މަޖިލީހުގެ ނައިބު ރައީސް ސަލީމް: އޭނާ ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ސަލީމް ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 127 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވަނީ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މައްޗަށް ހިނގާނީ ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުން ހަދާ ގާނޫނުތައް ކަމަށެވެ.

އެހެންވެ، އެ މުވައްޒަފުންނާއި މުސާރައާއި އިނާޔަތްތައް ވެސް ލިބޭނީ ހަމަ ސިވިލް ސާވަންޓުންނެކޭ އެއް ހަމައަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނުގައި ވާގޮތުގެ މަތިން ފިނޭންސް މިނިސްޓްރީގެ ލަފަޔާ އެކު ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ވެސް ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

https://sun.mv/189710

"މިހާ ސާފުކޮށް މި މައްސަލަ މިހެން އޮތުމާ އެކުގައި، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން މި ވަގުތުން މި ވަގުތަށް ކުރަންޖެހޭ އެއްވެސް އިތުރު ކަމެއް ނެތް ކަމުގައި ދަންނަވަން،" ރިޔާސަތުގައި އިންނަވާ ސަލީމް ވިދާޅުވިއެވެ.

އެކަމަކު، މ.ނާލާފުށީ މަތަރެސްމާގޭ، މޫސާ ޞާބިރު ވަނީ ސިވިލް ސާވިސްގައި ޚިދުމަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނީ މަޖިލީހުން ކަމަށެވެ. އަދި، އެކަން ނުކުރެއްވިގެން އުޅުއްވަނީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަމަށް މިހާރުން މިހާރަށް ވެސް ހައްލެއް ގެނެވޭނީ މަޖިލިސް ތެރެއިން. މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެން އެކަމަށް ހައްލެއް ލިބޭނީ،" ރައީސް އެ ދުވަހު ވިދާޅުވިއެވެ.

comment ކޮމެންޓް