އަމީރުގެ ރައްދު ރައީސަށް: ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ޕޭކޮމިޝަނުން

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު : އޭނާ ވަނީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ މަޖިލީހުން ހައްލުކުރެވޭ ކަމަށް ރައީސް ވިދާޅުވި ވާހަކަ ދޮގުކުރައްވައިފި --- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ހައްލުކުރެވެނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅު ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދޮގުކުރައްވައިފިއެވެ.

އާންމުންނަށް ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ ޕްރޮގްރާމެއްގައި މ. ނާލާފުށީ މަތަރެސްމާގޭ، މޫސާ ޞާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދަޅުވީ ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަކަމަށާއި، އެ މައްސަލަ ހައްލުކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

"އެއީ މައިގަނޑު މަގުސަދަކީ. ސަރުކާރުން ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑުކުރަން ބޭނުން ވިއަސް އެކަމެއް ނުއެއް ކުރެވޭނެ ކެޓަގަރައިޒް ކޮށްފައި އޮންނަ ގޮތުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޖުމުލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދޭން ބޭނުންވާ ކަމަށެވެ. އެެހެން ނަމަވެސް، އެކަން ކުރެވޭނީ އިގްތިޞާދު ފުޅާވެ އާމުދަނީ އިތުރުވާ މިންވަރަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ވާހަކަ ދޮގުކުރައްވައި އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ އިނާޔަތްތަކާއި މުސާރަ ކަނޑައަޅަނީ ޕޭ ކޮމިޝަނުން ކަމަށެވެ.

އެގޮތުން ޕޭ ކޮމިޝަނުން ޕޭ މެޓްރިކްސް ހަދައި، ފެރޭމް ވޯކް ހަދާފައިވާ ކަމަށާއި އެއީ މަޖިލީހުން ކުރާ ކަމެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.

"2024 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ސިވިލް ސާވިސްގެ މުސާރަ ވެސް ބޮޑޫކުރާ ގޮތަށް. މުއައްސަސާތައް ގިންތިކޮށްފައިވަނީ ޕޭ ކޮމިޝަނުން," އަމީރު ވިދާޅުވިއެވެ.

މުއައްސަސާތައް ވެސް ގިންތިކޮށްފައިވަނީ ޕޭ ކޮމިޝަނުން ކަމަށާއި އެއީ މަގާމުގެ އެލަވަންސްތަކާއި ހާޒިރީ އިނާޔަތްތައް ކަނޑައެޅުމަށް އެކަނި ކަމަށް އަމީރު ވިދާޅުވިއެވެ.

https://sun.mv/189710

މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖިލީހުން ވަނީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ވެސް ފާސްކޮށްފައެވެ.

comment ކޮމެންޓް