ށ. ފުނަދޫ އެއާޕޯޓު ބޮޑުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ފުނަދޫގައި: ފުނަދޫ އެއާޕޯޓު ބޮޑުކޮށްދެނީ -- ފޮޓޯ/ މޫސާ ނަދީމް

ށ. ފުނަދޫ އެއާޕޯޓު ބޮޑުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުނަދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓުގެ ރަންވޭއަށް އޮންނަ ޖާގަ އިތުރުކުރުމާއި އެ ތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

" އެއީ ފްލައިޓް ޖައްސަން ރަންވޭގެ ދިގުމިން އިތުރުކުރުމާއި މިފަދަ ގިނަގުނަ ކަންތައްތައް އެބަހުރި. އެހެންވީމާ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އިރާދަކުރެއްވިއްޔާ މި އެއާޕޯޓު ބޮޑޫކޮށްދީ ތަރައްގީކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ފުނަދޫގައި ހިންގުމަށް ނިންމާފައިވާ އިތުރު މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެންމެ އިސްކަމެއްދޭ އެއް ކަމެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިޔަށް ގެންދާ އެއް މަޝްރޫއަކީ އެ ރަށުގެ ހޮސްޕިޓަލް ހުރިހާ މާނައެއްގައި ވެސް ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ.

ށ. އަތޮޅުގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

"އެހެންވީމާ އެއާޕޯޓު ބޮޑުކޮށް، ބިންއިތުރުކޮށް، ބަނދަރު ރަނގަޅު ފެންވަރަކަށް ހަދައި، ހުރިހާ މަގުތައް ރަނގަޅު ފެންވަރެއްގަ ހެދުން، މިހިރީ އެކުއެކީގަ އިރާދަކުރެއްވިއްޔާ ގެންދަން ޖެހޭ ކަންތައްތައް. އެހެންވީމަ މި ވިސްނުމުގައި އަޅުގަނޑުމެން ފުނަދޫ ރައްޔިތުންގެ ތަރައްގީއަށްޓަކައި މި ކަންކަން ކުރަން ނިންމާފައުވާ ވާހަކަ ތިބޭފުޅުންނަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ފުނަދޫގެ އެއާޕޯޓުގައި އޮންނަ ރަންވޭއަކީ 1،200 މީޓަރު ދިގު، 30 މިޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނަ އިރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

އެމްޓީސީސީން ތަރައްގީ ކުރި ފުނަދޫ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ 2020ވަނަ އަހަރުގެ ޖެނުއަރީމަހުގެ 24ވަނަ ދުވަހުގައެވެ.

comment ކޮމެންޓް