ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ރާއްޖެ ސާބިތުވެ އޮތީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ ގަައުމެއްގެ ގޮތުގައި ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، 2007 ވަނަ އަހަރު އދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ)ގައި ރާއްޖެއިން ބައިވެރިވުމަކީ، މިކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި މުޢާހަދާގެ އުސޫލުތައް ދެފުށް ފެންނަ ގޮތެއްގައި ދަމަހައްޓަން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ގާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީއަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ އަސާސީ ޙައްގުތައް ނިގުޅައިގަނެވޭކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުޢާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫޢެއް ކަމުގައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ތައާރަފުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނާއި، "ހިންމި" ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތަޢާރަފުކުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނު ވަނީ، އިޖްތިމާޢީ ޒިންމާދާރުކަމާއި، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި، މަދަނީ ޖަމްޢިއްޔާތަކާއި، ޔޫއެންސީއޭސީގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ނަމަވެސް މިކަމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
އެ މަނިކުފާނު ވަނީ، ގަައުމަށް އަމާނާތްތެރިވުމާއި، އިޚްލާޞްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ގަައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައިފައެވެ. އަދި ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ގާާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ގާއިމުކުރާ ގައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ރައީސް ދެއްކެވި ވާހަކައަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން މިދިޔަ މަހުގެ 11ގައި އެ މަނިކުފާނު ވަނީ ކޮރަޕްޝަން އެންމެ ގިނައީ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތަކުގައި ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވީއިރު، މި ސަރުކާރަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި ހުޅުމާލޭން ގޯތި ހައްގު ނޫން ބަޔަކަށް އެޗްޑީސީން ގޯތި ދިން މައްސަލައަކާއި، ބިޑަކާ ނުލައި ދެ ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ބެހުމާއި ސަރުކާރު ކުންފުނިތަކަށް އެ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން މަސައްކަތް ހަވާލުކުރުމާއި ޕީއެންސީއަށް މެންބަރުން އިތުރު ކުރުމާ ގުޅުންހުރި މައްސަލަތައް ހިމެނެއެވެ.
މީގެ އިތުރުން، މިހާރު އޮތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޒިންމާ އަދާނުކުރުމުގެ ތުހުމަތުތައް ވެސް ކޮށްފައިވެއެވެ.