ގެދޮރު ގަތުމަށް ހިލޭ އިކުއިޓީ ދޭ ސްކީމަށް ފޯމު ހުށަހަޅަން އަންނަ މަހު ހުޅުވާލަނީ

މިނިސްޓަރު މުއްތަލިބު: ގެދޮރު ގަތުމަށް ހިލޭ އިކުއިޓީ ދޭ ސްކީމަށް ފޯމު ހުށަހަޅަން އަންނަ މަހު ހުޅުވާލާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ގެދޮރު އެޅުމަށާއި ގަތުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ދައްކަންޖެހޭ އިކުއިޓީ ދެއްކުމަށް ސަރުކާރުން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ 'ހެލްޕް ޓު ބިލްޑް' އާއި 'ހެލްޕް ޓު ބައި' ސްކީމަށް ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ނިމުނު އާދީއްތަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ، ސަރުކާރުން ތަޢާރަފުކުރި "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެކީތެރިކަންދޭ 'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމްތައް ތަންފީޒު ކުރުމަށް، މާލީ ހަތަރު އިދާރާއަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

https://sun.mv/229294

އެ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މުއްތަލިބު ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގިނަ އާއިލާތަކަށް ގެދޮރު މިލްކުކުރުމުގައި ދިމާވާ ދައްޗަކީ މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމެންޓް ފައިސާ ނޫންކަމަށާއި، ގިނަ އާއިލާތަކަށް ލޯނު ހޯދުމަށް އޮތް ހުރަހަކީ ބޭންކުތަކަށް ދައްކަންޖެހޭ އިކުއިޓީ ފައިސާ ދެއްކުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެފޯޑަބަލް ހައުސިން އިންސްޓިޓިއުޓުން މިނިސްޓްރީއަށް ތައްޔާރުކޮށްދީފައިވާ "މޯލްޑިވްސް އެފޯޑަބަލް ހައުސިން ރިފޯމް ސްޓަޑީ" ދައްކާގޮތުން، ސާވޭކުރެވުނު ގޭބިސީތަކުގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ ގޭބިސީތަކުގައި އެއްވެސް ފައިސާއެއް ރައްކާކުރެވިފައި ނެތެވެ. އަދި މަހަކު 3,000 ރުފިޔާއަށްވުރެ ގިނައިން ރައްކާކުރެވެނީ ދިހަ ގޭބިސީއަކުން އެއް ގޭބިސީއަށްވުރެ މަދު އަދަދަކަށްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މިނިސްޓްރީން މިހާރު މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެ އިދާރާތަކުގެ ތެރޭގައި ހިމެނެނީ:

  • ބޭންކް އޮފް މޯލްޑިވްސް
  • މޯލްޑިވްސް އިސްލާމިކް ބޭންކް
  • ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)
  • މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)

މުއްތަލިބު ވިދާޅުވީ، ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމުގެ ދަށުން ހިންގާ ދެ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށެވެ.

އެހެންވެ، އެ ސްކީމަށް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިހާރު ވެސް އެކަމަށް ތައްޔާރުވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އެގޮތުން، ބިމާ ގުޅޭ ލިޔެކިޔުންތައް ހަމަކަން ކަށަވަރުކޮށް، ނަގަންވީ ލޯނާ ގުޅޭ ގޮތުން ލަފާ ހޯދުން ފަދަ ކަންކަން ކުރިއަށްގެންދިޔުމަށް މުއްތަލިބު އިލްތިމާސްކުރެއްވިއެވެ.

https://sun.mv/229162

މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ، އެހީއަށް އެދޭ މީހާގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ނަމައެވެ. އަދި އިމާރާތްކުރާ ބިމަކީ އެހީއަށް އެދޭ މީހާ ނުވަތަ މީހުންގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ.

އެ ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް