ގެދޮރު ލޯނުގެ އިކުއިޓީ ދައްކައިދޭން ސަރުކާރުގެ އެއްބަސްވުންތަކެއް؛ މާލޭގެ ބިންތަކަށް 1 މިލިއަނާ ހަމައަށް އެހީ

ހައުސިން މިނިސްޓްރީން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު: ގެދޮރު ލޯނުގެ އިކުއިޓީ ދައްކައިދޭއިރު، މާލޭގެ ބިންތަކަށް 1 މިލިއަނާ ހަމައަށް އެހީ ލިބޭނެ -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން މި ސަރުކާރުން ތަޢާރަފުކުރި "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެކީތެރިކަންދޭ 'ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި' ސްކީމްތައް ތަންފީޒި ކުރުމަށް، މާލީ ހަތަރު އިދާރާއަކާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، އެ މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ބޭންކުތަކާއި މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުޙައްމަދު ޝަރީފާއި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ޚުމްރީއާއި އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޒީނާދާއި އެމްއެފްއެލްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްތިޝާމާ އަޙްމަދު ސަޢީދެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ނިންމި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމްޔޫޑީއާރްޕީ)ގެ ދިރާސާތަކާ ހަވާލާދީ މިނިސްޓްރީން ބުނި ގޮތުގައި، ދިވެހި ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ.

އެހެންވެ، ސަރުކާރުން ތަޢާރަފުކޮށްފައިވާ "ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް"ގެ ދަށުން މިއަދު އިތުރުކުރި ދެ ބައިގެ މަގުސަދަކީ އެ ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ، މާލީ ދަތިތަކުގެ ސަބަބުން މިހާތަނަށް ގެދޮރު އިމާރާތް ކުރެވިފައިނުވާ ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ. އެއީ:

ހެލްޕް ޓު ބިލްޑް

● ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ

● މި ބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް (ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު މީގެ ތެރޭގައި ނުހިމެނޭނެ)

● އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް -/200،000 ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެ

● އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތް ކުރަން ބޭނުންވާ ހާލަތެއްގައި، ބޮލަކަށް -/200،000 ރުފިޔާގެ މަގުން، އެއް މިލިއަން ރުފިޔާއާ ހަމައަށް، ލޯނުގެ އިކުއިޓީ ޕޭމަންޓްގެ ގޮތުގައި ހަމަޖައްސައިދޭނެ. ނަމަވެސް މި އުޞޫލު ހިނގާނީ މާލޭގެ ބިންތަކަށް އެކަނި.

● ކުރެހުމާއި ބީއޯކިއުއަށް ބަލައި އެއް މިލިއަނަށް ވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް -/200،000 ރުފިޔާ

ހައުސިން މިނިސްޓްރީން ވަނީ އެއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއްކަން ފާހަގަކޮށްފައެވެ. ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހެލްޕް ޓު ބައި

● އެފޯޑަބަލް ހައުސިން: ޕީ.ޕީ.ޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް -/250،000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެ. އެއީ 2024 ގެ 'ހިޔާވަހި' ސްކީމާ ވަކިން ހިންގޭ ސްކީމެއް.

● މާކެޓް ރޭޓް ޔުނިޓްސް: ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް -/250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެވޭނެ.

● މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށް. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެ.

މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ. މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

comment ކޮމެންޓް