މަސް ގަތުމުގެ ލައިސަންސް ބޭރު ފަރާތްތަކަށް ދީ، ސަރުކާރުން މަސް ގަތުމުގެ ވިޔަފާރިން އެއްފަރާތްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން 'އެކްސް'ގައި ނަޝީދު ލިޔުއްވި ޕޯސްޓެއްގައި ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދަން އެދޭނަމަ، ރޯ މަސް، ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުން މަދުކުރަން ޖެހޭ ކަމަށެވެ.
ހަމައެހެންމެ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދަން އެދޭނަމަ، މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުގެ ކޯލްޑް ސްޓޯރޭޖު ބޮޑުކޮށް، އޮޑިދޯނި ފަހަރު ހިންގަން ދާ ޚަރަދު ކުޑަކުރަން ޖެހޭކަމަށް ނަޝީދު ލިޔުއްވިއެވެ.
"މަސް ގަތުމުގެ ލައިސަންސް ބޭރު ފަރާތްތައް ހިމެނޭހެން ހުޅުވައިލާ މި ވިޔަފާރިން ސަރުކާރު އެއްފަރާތްވާން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ލިޔުއްވާފައިވާއިރު، ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަކަމަށް ބުނެ، ބޮޑުކަންނެލި މަސްވެރިން މާލޭގެ ބޭރުމަތީގައި ވަނީ އިހުތިޖާޖުކުރަން ފަށައިފައެވެ.
އެކަން ފާހަގަކުރައްވައި ނަޝީދު ވަނީ މަސްވެރިންގެ އިހުތިޖާޖަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ހެނދުނު، ކަނޑުމަތީގައި އިހުތިޖާޖު ފެށުމަށްފަހު، އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބު ނުދޭކަމަށް ބުނެ މިސްރާބުޖެހީ މާލެއާ ދިމާއަށެވެ. ރަސްމީ ފާލަން ދޮށަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރު އެއްވެފައިވާއިރު، ކޯސްޓުގާޑުގެ ލޯންޗަކާއި، ޕޮލިސް ލޯންޗެއް ވެސް އެ ސަރަހައްދުގައި ފަޅުތެރޭ އަންނަނީ ހަރަކާތްތެރިިވަމުންނެވެ.
އިއްޔެ ނެރުނު ބަޔާނުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި:
- ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
- ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން
- މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން
ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް އެ ޔޫނިއަންއިން ބުނީ އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން އައި ކަމަށެވެ. އަދި ތަފާތު މަޝްވަރާ ބައްދަލުވުންތަކާއި، މީޓިންތައް، ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ވެސް ނެރެފައިވާނެ ކަމަށް ބުންޏެވެ. އަދި ފިޝަރީޒް މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ވެސް އެދިފައިވާނެ ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: އޭނާ ވިދާޅުވީހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީ ކުރާ ފެސިލިޓީގެ އަމަލީ މަސައްކައި އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުކުރަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ.
އެކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށެވެ.
ވައުދު ފުއްދުމުގެ ދަށުން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީކުރާ ފެސިލިޓީގެ އަމަލީ މަސައްކައި އަންނަ މަހު ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.