މި ސަރުކާރުގެ އަމާޒަކީ މަސްވެރިކަން އިތުރަށް ފުޅާކޮށް، ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރެއްވުން ކަމަށެވެ. އަދި އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާ ގިނަކޮށް މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާއި ދިވެހީންނާ ގުޅި ލާމެހިފައި ކަމަށެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމުގައި ވިދާޅުވިއެވެ.
އަދި ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ.
މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް ބައެއް ބާވަތުގެ މަސްވެރިކަން ކުރާ މަސްވެރިން، އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭތީ އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.