ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ ބާކީ ވެއްޖެ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ/ އެމްޑީޕީ

ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ މިހާރު ބާކީ ވެއްޖެ ކަމަށާއި ޖަލްސާތަކުގެ ކޮރިޑޯގައި ރާއްޖެ ސޮއްސަމުން ދަނީ ފަހަތަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕެއިން "މިސްރާބު ހަމަމަގަށް" ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ އަނިޔާވެރިކަން މިހާރު ވަނީ ތިލަވާން ފަށާފައި ކަމަށެވެ. އެގޮތުން ހައްގުތައް ހަނި ކުރަމުން ގޮސް ނޫސްވެރިކަމުގައި ވެސް ތަޅު އަޅުވައިފި ކަމަށާއި މުއައްސަސާތަކަށް އަތް ބާނަން ފަށައިފި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"...އަނގަމަތީގައި މަލަން އަޅަން ފަށައިފި. މި ދަނީ ނުބައި މިސްރާބަކަށް. ދަންނަވަންތޯ މިދަނީ ނުބައި މިސްރާބަކަށް،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ފެންނަމުން މި ދަނީ ކުރިން ދިވެހިންގެ ކުރިމަތީގައި އަޅުވާފައިވާ ފިލްމެއް ކަމަށެވެ. އަދި މި ފިލްމުގައި ފެނުނު މަންޒަރުތައް ހަނދާނުގައި އެބަ ހުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރައްޔިތުން މަޖިލީހުގެ މެމްބަރުން ނަގާ ގޭޓުމަތިން ބޮޑު ކަންނެލި އުކާހެން އުކާލި. ފަނޑިޔާރު ގޭގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ގެންގޮސް ކުޑަގޮޅީގައި ބޭއްވި. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ހުރިހާ ބޭފުޅުން ގެންގޮސް ބޭއްވީ ޖަލުގައި،" ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ރައްޔިތުން އެދެނީ މިސްރާބު ހަމަ މަގަށް އަޅުވަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކަމަށާއި އެ ޕާޓީއަށް މިސްރާބު ހަމަމަގަށް އެޅުވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް