ތިން ފަޅުރަށް ދީގެން ވިލިނގިލި އެއާޕޯޓު އެޅުނީސް، ނޭޅީ ކަމުނުދާތީ: އަކްރަމް

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: ވިދާޅުވީ ވިލިނގިލީ އެއާޕޯޓު ޕްރޮޕޯސަލް ކަމުނުދާ ކަމަށް -- ސަން ފޮޓޯ/ މުސާ ނަދީމް

މި ސަރުކާރުން ގއ. ވިލިނގިލީގައި ތަރައްގީކުރަން ނިންމި އިންޓަނޭޝަނަލް އެއާޕޯޓު، އެއަށް ވުރެ މާ ކުޑަ ހަރަދެއްގައި ކުރެވެން އޮތް ކަމަށާއި އެމްޑީޕީ ސަރުކާރުން އެ ކަން ނުކުރީ ޕްރޮޕޯސަލް ކަމުނުދާތީ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

ވިލިނގިލީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރަން ބެލްޖިއަން، ފެރްންޗު ކުންފުންޏެއްކަމަށްވާ ބެސިކްސް ކޮންސްޓްރަކްޝަން ގްރޫޕާ އެކު ފަހުމުނާމާއެއްގައި ސޮއިކުރީ އިއްޔެއެވެ. އެއީ، ގާތްގަނޑަކަށް 500 އާއި 750 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ.

އިންވެސްޓަރުގެ ފައިސާގައި ހިންގާ މި މަޝްރޫގައި އެ އެއާޕޯޓާއެކު 2،400 އަށްވުރެ ގިނަ އެނދު ލިބޭހެން، 12 ފަޅު ރަށެއް ފަތުރުވެރިކަމަށް ވެސް ތަރައްގީކުރެއެެވެ.

އެ މަޝްރޫއަށް ފާޑުވިދާޅުވެ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަކްރަމް ވިދާޅުވީ، ވިލިނގިލީގައި އަޅައި އެއާޕޯޓުގެ މަސައްކަތްކުރަން ހަމަ އެ ކުންފުނިން އެމްޑީޕީ ސަރުކާރަށް ވެސް ހުށަހެޅި ކަމަށެވެ. އޭރު، އެ ކުންފުނިން ހުށަހެޅީ 12 ފަޅުރަށުގެ ބަދަލުގައި ތިން ރަށް ދޭންކަން ހާމަކުރައްވައި އޭނާ ވިދާޅުވީ، އޭރު ދެއްކީ ވެސް ހަމަ މިހާރު އެ ދައްކައި ވީޑިއޯ ކަމަށެވެ.

އެކަމަކު، އެ މަޝްރޫއު ކުރިއަށް ނުގެންދާން އެމްޑީޕީގެ ސަރުކާރުން ނިންމީ އެއީ "ފީސިބަލް" ޕްރޮޕޯސަލްއެއް ނޫން ވީމާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިނގިލީ އެއާޕޯޓު މަޝްރޫއުގެ ބަދަލުގައި ފަޅުރަށަށް އެދިފައިވާއިރު، އެ މަޝްރޫއު ކުރިއަށް ގެންދަން އަދި އެއްބަސްވުމެއް ހަދައިފައެއް ނުވެއެވެ.

https://sun.mv/188989

ވިލިނގިލީ އެއާޕޯޓު މަޝްރޫއު ނިމޭއިރު ތަރައްގީކުރާނެ ކަންކަން:

  • 17 ރިސޯޓު ތަރައްގީކޮށް، ގާތްގަނޑަކަށް 5،000 އުފައްދާނެ
  • މަތީ ފެންވަރުގެ މެރީނާތައް ހުންނާނެ
  • 2،000 މީޓަރަށްވުރެ ދިގު އެއާޕޯޓެއް
  • ހެލިޕެޑެއް ގާއިމްކުރާނެ

އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި ސަރުކާރުން ވަނީ ތިނަދޫ ސިޓީގައި ވެސް ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް އަޅަން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އެ އެއާޕޯޓުގެ މަޝްރޫއާ ގުޅިގެން ވެސް އިދިކޮޅުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް މަޝްރޫއު ކުރިއަށް ގެންދަން ސޮއިކުރި ކުންފުންޏާ ގުޅިގެން ނުރުހުން އަމާޒުވިއެވެ.

comment ކޮމެންޓް