ކުރިމަތިވާ ފުރައްސާރައަށް ނުބަލައި ނަމޫނާ ދައްކާ މުވައްޒަފު!

ވަކި ބާވަތެއްގެ މަސައްކަތްކުރާ މީހުންނަކީ ތިމާއަށްވުރެ މާ ދަށްބައެއްކަމަށް ދެކޭނަމަ އެއީ ތިމާގެ ވިސްނުމުގެ ކޮށިކަން -- ފޮޓޯ / ޕީއެސްއެމްނިއުސް.އެމްވީ

އެއީ އުމުރުން ދޮށީ ނަމަވެސް، ނަމޫނާ ކަނބަލެކެވެ. މަސައްކަތުގެ އަޚުލާޤު ދަންނަ ތެދުވެރި އިޚުލާޞްތެރިއެކެވެ. ޙަވާލުވެފައިވާ ޒިންމާއަކީ ކޮބައިކަން ދަނެގެން މަސައްކަތްކުރާ މުރާލި ކަނބަލެކެވެ. ގަހުގައި އަޅާ މޭވާއިން އެ ގަހުގެ ބާވަތް ދެނެގަނެވޭފަދައިން، މީހެއްގެ ބޭރުފުށުގެ ޢަމަލުތަކުން އޭނާއަކީ ކޮންކަހަލަ މީހެއްކަން ދެނެގަންނާން ފަސޭހަވެއެވެ. ވެމްކޯގެ ކުނިޖަމާކުރާ އިސްޓޭޝަނެއްގައި މަސައްކަތްކުރާ އެ މުވައްޒަފާމެދު ބަހެއް ބުނެލުމުގެ ފުރުޞަތު ލިބުނީ ވެސް އެގޮތަށެވެ.

އެފަދަ ކަމެއް ވެދާނެކަމަކަށް އެ ދައްތަ ދުވަހަކު ވެސް ހިތަށް ވެސް އަރާފައެއްނުވެއެވެ. ކުނި ގޯންޏެއް ހިފައިގެން އައި މީހެއް ގާތުގައި، ތިޔަ ގޯނީގައި ހުރީ ކޮންއެއްޗެއްތޯ ސުވާލުކޮށްލުމާއެކު ފުންމައިގެން އައިސް އެ ދައްތަގެ ނޭފަތް މަތީގައި އަޅައިވިހެލިއެވެ. ލިބުނު ސިހުމާއި ގަންނާކުރެއްވި ބިރުން އެ ދައްތައަށް ވާހަކަ ވެސް ނުދެއްކުނެވެ.

ކުނި ހިފައިގެން ދާ ބައެއް މީހުންނަކީ އެ މީހުންނަށް އެއްވެސް ކަހަލަ އިރުޝާދެއް ވެސް ދޭން ޤަބޫލުވާ ބައެއްނޫނެވެ. އެއަށްވުރެ އެ މީހުންގެ ޖާހާއި ޝަރަފުވެރިކަން ބޮޑުކަމަށް ދެކެއެވެ. އެފަދަ މީހުން ދެކޭގޮތުގައި ކުނި މެނޭޖުކުރުމުގެ "ބުރަ އަދި މުހިއްމު" މަސައްކަތްކަތުގައި ޙަރަކާތްތެރިވަނީ އެ މީހުންނަށްވުރެ މާ ދަށް ބައެކެވެ. ޤަވާޢިދާ ޚިލާފުކަމެއް އެ މުވައްޒަފުން ފާހަގަކޮށްފިނަމަ ހެއްދެވި ނެހެއްދެވިއަށް ގޮވައި އެ މީހުން ދެރަކޮށްލުމީ ހިނގާ ކަމެކެވެ. އެކަށީގެންނުވާ ގޮތްގޮތަށް ޢަމަލުކުރާ މީހުންނަށް އިރުޝާދުދީ އިޞްލާޙުކުރަން ގިނަ މުވައްޒަފުން ޖެހިލުންވަނީ ވެސް އެހެންވެގެންކަމަށް ވެދާނެއެވެ.

ނަމަވެސް މީހަކު ބުނެފާނެ އެއްޗަކަށް، އައިސްދާނެ ރުޅިއަކަށް އެ ދައްތަ ނުބަލައެވެ. ނޭފަތްމަތީ ޖެހުމުގެ ކުރިންނާއި ފަހުން ވެސް އެ ދައްތަގެ ސާބިތުކަމަކަށް ބަދަލެއްނާދެއެވެ. ކަސްޓަމަރުންނަށް ދޭންޖެހޭ އިރުޝާދުތައް މަޑުމައިތިރިކަމާ އެކު ދެމުން ގެންދަނީ ފިސާރި ހިތްވަރާ އެކުގައެވެ.

އެއްފަހަރެއްގައި މީހަކު ކުނި ކޮތަޅެއް ހިފައިގެން ގޮސް ޑަސްބިނަށް ވައްޓައިލަން އުޅެނިކޮށް، އެ ދައްތަ އިންތަނުން ތެދުވެގެން ނިކަން އަވަހަށް އައިސް، އެހަށް މަޑުކޮށްލުމަށް އެދުނެވެ. ކުނި ހިފައިގެން އައި މީހާ މަޑުކޮށްލުމުން، ކޮތަޅު ހުޅުވައިލުމަށް ދައްތަ އެދުނެވެ. އެތެރޭގައި ފިލާކޮޅެއްހެން އެ އޮތީ ކޮންއެއްޗެއްތޯ ސުވާލުކުރުމާއެކުގައެވެ. ދެކޮޅުވެރިކަމެއް ނުދައްކައި އެ މީހާ ކޮތަޅު ހުޅައިލައި އޭގައި އޮތް ދެ ފިލާކޮޅު ނެގިއެވެ. އެކަހަލަ އެއްޗެތި (އެ) ޑަސްބިނަށް ނޭޅޭނެކަމަށާއި، ފިލާކޮޅުފަދަ އެއްޗެތި ޖެހޭނީ ވަކިން ބަހައްޓަންކަމަށް މުވައްޒަފު ބުންޏެވެ. އަދި, އެ ބާވަތުގެ ތަކެތި އުކައިލުމަށް ވަކީން އަގު ނަގާގޮތަށް ހަމަޖައްސާފައިވާކަމަށް ބުންޏެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ އެ ކޮތަޅުގައި ފިލާކޮޅެއްކަހަލަ އެއްޗެއް އޮތްކަން އެ މުވައްޒަފަށް އެނގުނީ ހާދަ ރަނގަޅަކަށް ބަލަން އިނީމައެވެ. އޭނާ އެއިނީ ޑިއުޓީ އަދާކޮށްލުމުގެ ނިޔަތުގައި ގޮނޑި ހޫނުކުރާކަށްނޫނެވެ. އޭނާގެ ޒިންމާ ފުރިހަމައަށް އަދާކުރާށެވެ. ދުވަސްވެފައިވާ ދެ ލޮލަށް އެ ކޮތަޅުގެ އަޑި ފެނުނީ އެހެންވެގެންނެވެ.

އެހެން ހާދިސާއެކެވެ. ވޭސްޓު ކަލެކްޝަން ސްޓޭޝަނަށް އެއްލައިލާފައި އޮތް، ޓީވީ ލާ ފޮށިގަނޑެއް މީހަކު ނަގައިގެން ބަލަންހުއްޓައި އެ ދައްތަ އައުމުން، އެ ފޮށިގަނޑު ގެންދިޔަޔަސް ހެޔޮތޯ އޭނާ ސުވާލުކުރިއެވެ. އެ ގެންދަނީ އަލުން އެ ތަނަށް އެ ފޮށިގަނޑު ގެންނަންތޯ ދައްތަ އަހައިލިއެވެ. އެ ބުނި އެއްޗެއް ރަނގަޅަށް ނޭނގުމުން، ފޮށިގަނޑު ނެގިމީހާ ސުވާލުކޮށްލުމުން ދައްތަ ބުންޏެވެ. މިހެން މި އަހައިލީ ބައެއްމީހުން އެކަހަލަ ފޮށިގަނޑު ގެންގޮސްފައި ޓީވީކަހަލަ އެއްޗެތި ލައިގެން އަނެއްކާ ގެނެސް (ޤަވާޢިދާ ޚިލާފަށް) އެ ސްޓޭޝަނުގައި ބަހައްޓާތީއެވެ. އެކަހަލަ ބޮޑެތި ކުނި އުކައިލަންޖެހެނީ އެކަމަށް ވަކީން އަގު ދައްކައިގެންނެވެ. ފޮށިގަނޑު ނެގިމީހާ އެއީ ކަރުދާސްގަނޑުގެ ބޭނުމުގައި ގެންދާ އެއްޗެއްކަމަށް ބުނުމުން އެ ދައްތަ ހިނިތުންވެލާފައި ... އާނ ކޮއްކޯއޭ ގެންދާށޭ ބުނެލިއެވެ.

ބުނެވިދިޔަ ދެ ހާދިސާއިން ވެސް އެ ދައްތަގެ ފަރާތުން އެ ފެނުނީ ކޮންފަދަ ރަނގަޅު ޒިންމާދާރުކަމެއްހެއްޔެވެ؟ އެއީ ކިހައި ރީތި ނަމޫނާއެއްހެއްޔެވެ؟ ނަމަވެސް ބޮޑައިކަމާއި ކިބުރުވެރިކަމާއި، ބުއްދީގެ މައްޗަށް ރުޅި އިސްކުރާ މީހުންނަށް އެ ދައްތަގެ ޢަމަލުތައް ކަމުނުގޮސްފާނެއެވެ. އެއީ މާ ކަންތައް ބޮޑުކުރުންކަމަށް ދެކެފާނެއެވެ. ކުނި އުކައިލަނީ އަގެއް ދީގެން ކަމަށާއި، ބޭނުން އެއްޗެއް ބޭނުންގޮތަކަށް އެ ތަނަށް އުކައިލެވެންޖެހޭނެކަމަށް ދެކޭ ބަޔަކު ވެސް އުޅެފާނެއެވެ. މައްސަލައެއްނެތެވެ. އެއީ އެ މީހުންގެ ވިސްނުމެވެ.

މި ލިޔުމުގައި ބަލައިލަން ބޭނުންވީ ވެމްކޯގެ އެ މުވައްޒަފުގެ ތެދުވެރިކަމާއި މަސައްކަތަށް ފަރުވާތެރިވުމުގެ ލާމަސީލުކަމުގެ މައްޗަށެވެ. ނޫކަށި ޒުވާނުންނަށް ނަމޫނާއަކަށް ވާނެ ފަދަ ރަނގަޅު ކަންތައްތަކެއް އެ ދައްތަގެ ފަރާތުން ފެނުނީމައެވެ. އެ ދައްތަ ނޫނަސް އެފަދައިން މަސައްކަތް ކުރާ އިޚުލާޞްތެރީން މި ޤައުމުގައި ތިބޭނެކަން ޔަޤީނެވެ. ބޭނުންވަނީ އެންމެންނަކީ ވެސް އެފަދައިން މަސައްކަތްކުރާ ތެދުވެރީންނަށް ވުމެވެ. އެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާ އެކު އަދާކުރުމެވެ.

ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ، ސަރުކާރާއި އަމިއްލަ ތަންތަނުގައި ތިބޭ މުވައްޒަފުން ދޭ އިރުޝާދުތައް، ޚިދުމަތް ހޯދާ ފަރާތްތަކުން ޤަބޫލުކުރަންވާނެއެވެ. ޤަވާޢިދުތަކާއި ޢާއްމު އުޞޫލުން ބަލާއިރު ގޯސްކަމަށް ފެންނަ އިރުޝާދެއް ދީފިނަމަ ރީތިކޮށް ވާހަކަ ދައްކައިގެން ޙައްލު ހޯދަން މަސައްކަތް ކުރާނީއެވެ. ހަމަމިއާއެކު، ވަކި ބާވަތެއްގެ މަސައްކަތްކުރާ މީހުންނަކީ ތިމާއަށްވުރެ މާ ދަށްބައެއްކަމަށް ދެކޭނަމަ އެއީ ތިމާގެ ވިސްނުމުގެ ކޮށިކަމެވެ. އަހުރެމެން މުސްލިމުން ބަލަންޖެހޭނީ ކުރާ މަސައްކަތުގެ ބާވަތަކަށްނޫނެވެ. އަމިއްލަ ދެއަތުން ޙަލާލު ގޮތުގައި މަސައްކަތްކޮށްގެން ޙަލާލު އާމްދަނީ ހޯދުމަށެވެ.

comment ކޮމެންޓް