ހޫނުގަދަވުމުން ދީނީ އަދި ދުނިޔެވީގޮތުން ސަމާލުވާންޖެހޭ ބައެއް ކަންކަން

ހޫނުގަދަ ދުވަސްވަރެއްގައި ދީނީ އަދި ދުނިޔެވީގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައް ހުރޭ -- ފޮޓޯ / އީކޯވޮޗް.ކޮމް

އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް މާޗު މަހާއި އޭޕްރީލު އަދި މެއި މަހުގެ ކުރީކޮޅަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރުގެ ގޮތުގައި ފާހަގަކުރެވެއެވެ. މާބޮޑަށް ހޫނުގަދަވުމަކީ އޭގެ ސަބަބުން ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. އޭގެތެރޭގައި؛ ހަށިގަނޑުން ފެން މަދުވުމާއި، ހީޓް ސްޓްރޯކްޖެހުމާއި، އަކުނިވަޔަށް ދެމުމާއި، ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވުމާއި، ހަންގަނޑު އެނދުމާއި އަދި ހަމުގައި ލައްޖެހުން ފަދަ މައްސަލަތައް ހިމެނެއެވެ.

ބަޔާންވެ ދިޔަފަދަ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަމާލުކަން ދެވިދާނެ މުހިއްމު ކަންތައްތަކެއްވެއެވެ. އޭގެތެރޭގައި؛ ގަޔަށް ދޫކޮށް ހުންނަ ލުއި ފޭރާން ބޭނުންކުރުމާއި، އެއާ-ކަންޑިޝަންކޮށްފައި ހުންނަ ތަނެއްގައި ވަގުތު ހޭދަކުރުމާއި، ހޫނުގަދަ ވަގުތުގައި ބުރަ މަސައްކަތްތައް ނުކުރުން ހިމެނެއެވެ. ހަމަމިއާއެކު، ހޫނު ގަދަ ވަގުތެއްނަމަ ކުޅިގަދަ ބަރު ކެއުންތަކާ ދުރުހެލިވުން ރަނގަޅެވެ.

ގަދަ ހޫނުގައި ޕާކުކޮށްފައި އޮންނަ ވެހިކަލުގައި ކުޑަކުދިން ބައިތިއްބުމަކީ ނުރައްކާތެރިކަމެއްކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. ބިއްލޫރިގަނޑު ތިރިކޮށްލާފައިވިޔަސް، އަވީގައި ޕާކުކޮށްފައި އޮންނަ ވެހިކަލުގެތެރޭގައި މީހުން (ޚާއްސަކޮށް ކުޑަކުދިން) ތިބޭނަމަ ހީޓު ސްޓްރޯކްޖެހުމާއި މަރުވުންފަދަ ހިތާމަވެރި ކަމެއް ހިނގުމުގެ ފުރުސަތު އޮވެއެވެ. ވެހިކަލެއްގައިނޫނަސް ހޫނުގަދައިރު ކުޑަކުދިން ބޭރަށް ގެންދާނަމަ އެކުދީންގެ ރައްކާތެރިކަމަށް ޚާއްސަ ފިޔަވަޅުތައް އަޅަންވާނެއެވެ.

ހޫނުގަދަ ދުވަސްވަރު ސަމާލުކަން ދޭންޖެހޭ އަނެއްކަމަކީ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމެވެ. ކަރުހިއްކައިނުގަތަސް، އެމީހެއްގެ ހަރަކާތްތެރިކަން ހުންނަ މިންވަރެއްގެ މައްޗަށް ބަލައި ވީހާވެސް ގިނައިން ދިޔާ ތަކެތި ބޭނުންކުރުން މުހިއްމެވެ. ނަމަވެސް މާބޮޑަށް ފޮނިގަދަ ބުއިންތަކާއި ކެފެއިން ގިނަ ބުއިންތައް އަދި ވަރަށް ބޮޑަށް ފިނިކޮށް ހުންނަ ބުއިންތަކާ ދުރުހެލިވުން ރަނގަޅެވެ.

ހޫނުގަދަވާ ވަގުތުގައި ބޭރުގައި އުޅޭނަމަ ހިޔާ ލިބޭ ސަރަހައްދުތަކުން ހިނގުމާއި އެފަދަ ހިސާބުތަކުގައި މަޑުކުރުމަކީ ގަދަ ހޫނުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމެކެވެ. އަދި މީގެއިތުރުން، އެންމެ ހޫނުގަދަވާ ވަގުތުތަކުގައި ފެންވެރުމާއި، ބޭރަށް ނިކުންނައިރު އަވި އައިނާއި ތޮފިފަދަ އެއްޗެތި ބޭނުންކުރުމަކީވެސް ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެވެ.

މަތީގައި ބަޔާންކޮށްފައި އެވަނީ ގަދަ ހޫނުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ޞިއްޙީގޮތުން ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތަކެވެ. މިއާއެކު، ހޫނުގަދަ ދުވަސްވަރެއްގައި ދީނީގޮތުން ސަމާލުކަން ދިނުން މުހިއްމު ބައެއް ކަންކަންވެސް ހުރެއެވެ. މިސާލަކަށް؛ ހޫނުގަދަ ދުވަސްވަރަކަށް ނުވިޔަސް ހޫނުން ލިބޭ ދަތިކަން އިހުސާސްކުރަންޖެހޭ އެއްތަނަކީ މިސްކިތެވެ. ރާއްޖޭގެ ގިނަ މިސްކިތްތަކުގެ ފިނިކުރާ ނިޒާމު ހުންނަނީ އެކަށީގެންވާ މިންވަރަށްވުރެވެސް މާ ދެރަކޮށެވެ. މިގޮތަށް ހުންނަ ކުޑަ ތަނަކަށް އެއްފަހަރާ ގިނަ ބަޔަކު ޖަމާވެއްޖެނަމަ، ތަނުގެ ފިނިހޫނުމިން މައްޗަށް ގޮސް ހަށިގަނޑުގެ ހޫނު ބޭރުކުރަން ދަތިވެއެވެ. މިހެންވުމުން، އާއްމުކޮށް ހުންނަ ވަރަށްވުރެ ބޮޑަށް ހޫނުކަން އިހުސާސްކުރެވި ދާހިއްލަން ފަށައެވެ. އަދި އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްވަރެއްގައިނަމަ މިކަން އިތުރަށް ގޯސްވެއެވެ. މިފަދަ ދުވަސްވަރެއްގައި މިސްކިތަށް ގޮސްއުޅުމުގައި ސަމާލުކަން ދެވިދާނެ ދެކަމެއް ތިރީގައި އެވަނީއެވެ.

މިސްކިތަށް ދާން ކައިރިކޮށްފައި ފެންވަރައި ސާފުތާހިރުވުން: ޚާއްސަކޮށް މެންދުރު ނަމާދާއި އަސުރު ނަމާދަށް ދިއުމުގެ ކުރިން ރަނގަޅަށް ފެންވަރައި ސާފުތާހިރުވުން މުހިއްމެވެ. ފެންނުވަރައި ސާފުތާހިރުކަން ކުޑަވެފައި ވަނިކޮށް ދާހިއްލަން ފަށައިފިނަމަ ހަށިގަނޑުން ނުބައިވަސް ދުވާގޮތްވާނެއެވެ. އަދި ޠަބީޢީގޮތުން ހަށިގަނޑުގެ ވަސް ގަދަ މީހުންނަށް މި މައްސަލަ ދިމާވާލެއް ބޮޑުވެފައި އަވަސްވާނެއެވެ. ނަމާދަށް ހުންނައިރު މިފަދަ މީހާގެ ގައިން ނުބައިވަސްދުވާނަމަ ކައިރީގައި ތިބޭ މީހުންނަށް ވަރަށް އުނދަގޫވާނެއެވެ. އެކަމުގެ ސަބަބުން އެމީހުންގެ ޚުޝޫޢަތްތެރިކަން ގެއްލި ނަމާދަށް ދޭންޖެހޭ ސަމާލުކަން ނެތިދާ ހާލަތެއް އައުންވެސް އެކަށީގެންވެއެވެ. ވީމާ، އަވަދިނެތި މަސައްކަތުގައި އުޅެންޖެހުމުން ފެންވަރާނެ ވަގުތެއްނެތް މީހާވެސް، ނަމާދަށް ދާންވުމުން ވީހާ ރަނގަޅަކަށް ސާފުތާހިރުވެ މީރުވަސްދުވާ އެއްޗެއް ބޭނުންކޮށްގެން މިސްކިތަށް ދިއުމަށް ސަމާލުކަން ދޭންވާނެއެވެ.

ހޫނުގަދަވެ ދާހިއްލާ ވަގުތުތަކުގައި މާބޮޑަށް ގައިގޯޅިކޮށް ނުތިބުން: މީހާ އާދައިގެ މަތިން ކޮޅަށް ހުންނައިރު އަތާއި ފައި ޠަބީޢީގޮތުން ހުންނަ މިންވަރުގައި (މާބޮޑަށް ފޭނުކޮށް އަދި މާބޮޑަށް ކައިރިވެސްނުކޮށް) ބަހައްޓައިގެން އެކަކު އަނެކަކާ ކައިރީގައި ތިބެ ބަދަހިކޮށް ސަފު ހެދުމަށް ނަބަވީ އިރުޝާދުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ހަމަމިއާއެކު، ދަތި އުނދަގޫ ޙާލަތުގައި ލުއިފަސޭހަކަން ގެނެސްދިނުމުގެ އުސޫލުވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވެއެވެ. ކޮވިޑުގެ ހާލަތުގައި ގައިދުރުކޮށް ނަމާދުކުރީވެސް މިފަދަ ޤަވާއިދުތަކަށް ބިނާކޮށެވެ. ވުމާއެކު ހީޓްވޭވް ކަމުގައި ބަލާ، އާދަޔާ ޚިލާފަށް ހޫނުގަދަވާ ދުވަސްވަރު މިސްކިތުގެ ސަފުތައް ހެދުމުގައި އެކަކު އަނެކަކާ "ފިތިބާރުނުވާނެހެން" ސަފުތަކުގައި ތިބުން ރަނގަޅުކަމަށް ފެނެއެވެ. އެއީ ހޫނުގަދަ ވަގުތެއްގައި އެކަކު އަނެކަކާ ފިތިބާރުވެގެން ތިބުމުން ލިބޭ ނުތަނަވަސްކަމާއި އުނދަގުލުން ސަލާމަތްވެ، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމަ ނަމާދެއްކުރުމުގެ މަޞްލަޙަތު ބޮޑުވީމައެވެ. ޝަރުޢީ ދަލީލުތަކުން މަގު ދައްކައިދެނީ މިގޮތަށެވެ.

އަހަރުތެގޭގައި ކުރިމަތިވާ އެންމެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދީ އެމީހުންގެ ޞިއްޙަތު ރައްކާތެރިކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވިދާނެ ކަންތައްތައްވެސް ހުންނާނެއެވެ. އެގޮތުން؛ އެދުވަސްވަރަށް ޚާއްސަކޮށް، މިސްކިތްތަކާއި މަދަރުސާގެ ކިލާސްތައް ފިނިކުރުމަށް އިތުރު ވަސީލަތްތައް ޤާއިމުކުރެވިދާނެއެވެ. ދުރުރާސްތާއަށް ބަލައިގެން ކުރެވިދާނެ އެއްކަމަކީ މަގުތަކާއި ޢާއްމު ތަންތަނުގައި ވީހާ ގިނައިން ގަސް އިންދައި ބެލެހެއްޓުމެވެ. މިއާއެކު، ހޫނުގަދަ ދުވަސްވަރު ދީނީ އަދި ދުނިޔެވީ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާބެހޭ މަޢުލޫމާތު ދީ މީހުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް