ފާފަތައް ފުހެވި ދަރަޖަތައް އުފުލޭނެ ފަސޭހަ ތިންކަމެއް!

ދަތި އުނދަގޫ ވަގުތުގައިވެސް ފުރިހަމައަށް ވުޟޫކުރުމަކީ ވަރަށް މަތިވެރި އަޖުރު ހުރި ކަމެއް -- ފޮޓޯ / އާސްކްއިސްލާމް.އައިއާރު

ފަހުން ތައުބާވުމުގެ ފުރުޞަތު އޮތްކަމަށް ބަލައި ޤަޞްދުގައި ފާފަ ކޮށްގެންނުވާނެއެވެ. އެހެނީ ފާފައެއް ކުރުމަށްފަހު އެކަމަށް ތައުބާވުމަށް ތިމާގެ ޢުމުރު ތަންދޭނެކަން ނުވަތަ ނޫންކަން އެއީ އެއްވެސް މީހަކަށް އެނގޭނެކަމެއްނޫނެވެ. މިކަމަށް އިޝާރާތްކުރައްވައި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "ތައުބާ ލެއްވުން ﷲ ގެ ޙަޟުރަތުން އޮތްކަން ކަށަވަރީ، ނޭނގި ތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭމީހުންނަށެވެ. ފަހެ، ﷲ އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ. ... އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ޙާޟިރުވެއްޖެނަމަ، އެހިނދު ތިމަން މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުންކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ."(ނިސާ: 17-18)

އިންސާނާ އެހެން ތަނަކަށް ކުރާ ދަތުރެއްގައި އިމްތިޙާނަކަށްޓަކައި މަޑުކޮށްލި މި ދުނިޔޭގައި، އޭނާއަށް ފާފަ ކުރެވޭނެކަން ﷲ ދެނެވޮޑިގެންވެއެވެ. ދުނިޔޭގެ މި ކުރު ޙަޔާތުގައި، ފާފައިގެ މައްޗަށް ފާފަކޮށް އެގޮތުގައި ހަލާކުވެ ދިއުން ނުވަތަ ފާފައެއް ކުރެވޭހިނދު އެކަމަށް ތައުބާވެ ޠާހިރުވުން އެއީ އިންސާނާއާ ކުރިމަތިވެފައިވާ އިމްތިޙާނުގެ ބައެކެވެ. މީގެ ތެރެއިން ކުރިން ބުނި ގޮތް ރަނގަޅުނުވާނެ ކަމަށާއި ސަލާމަތްވުން އޮތީ ހަމައެކަނި ފަހުން ބުނި ގޮތުގައިކަމަށް އަންގަވާފައިވެއެވެ. އެއާއެކު، އިންސާނާއަށް ކުރެވޭ ފާފަތައް ﷲ ގެ އިރާދަފުޅާއެކު ފުހެވި ސުވަރުގޭގައި އޭނާގެ ދަރަޖަ އުފުލޭނޭ މަގުތައް އިސްލާމްދީނުގައި ވަނީ ދައްކަވާފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އެކަމެއްގެ ސަބަބުން ﷲ ތަޢާލާ (ތިޔަބައިމީހުންގެ) ފާފަތައް ފުއްސަވައި އަދި ދަރަޖަތައް އުފުއްލަވާނެ ކަމަކާމެދު ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ޚަބަރުދެއްވަންހެއްޔެވެ؟" އެހނިދު އަޞްޙާބުން ދެންނެވިއެވެ. ޝައްކެއްނެތެވެ. ﷲ ގެ ރަސޫލާއެވެ. ވިދާޅުވެދެއްވާށެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ދަތި އުނދަގޫ ޙާލަތްތަކުގައިކަމަށްވިޔަސް ފުރިހަމައަށް ވުޟޫކުރުމާއި، މިސްކިތާ ދިމާލަށް ފިޔަވަޅުތައް ގިނަކުރުމާއި އަދި އެއްނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުމެވެ."(މުސްލިމު: 251) މި ޙަދީޘްގައިވާ ތިންކަންތަކާމެދު އިތުރަށް ބަލައިލަމާހިނގާށެވެ.

ފުރިހަމައަށް ވުޟޫކުރުން: ޙަދީޘްގައި އަންގަވާފައި އެވަނީ ދަތި އުނދަގޫ ޙާލަތްތަކުގައިކަމަށްވިޔަސް ފުރިހަމައަށް ވުޟޫކުރުމަށެވެ. ފަތިހުގެ ވަގުތު ނުވަތަ ފިނި މޫސުން އަންނަ ތަންތަނުގައި އެ ދުވަސްރު ފަދަ ފިނިގަދަ އިރެއްގައި ވުޟޫކުރުމަށްޓަކައި ގުނަންތަކަށް ފެންލުމަކީ އެހައި ހިތްރުހޭ އަދި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނުވަތަ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ވެސް ވުޟޫގެ ގުނަވަންތަކުގައި އެންމެ ރަނގަޅަށް ފެންޖެއްސުމަށް ދަތިވެދާނެއެވެ. ނަމަވެސް މިފަދަ ދަތި ޙާލަތްތަކުގައި ވެސް، ވުޟޫގެ ގުނަވަންތަކުގައި ރަނގަޅަށް ފެންޖައްސައިގެން ފުރިހަމައަށް ވުޟޫކުރާނަމަ އެއީ ފާފަތައް ފުހެވި ދަރަޖަ މަތިވެރިކުރައްވާނެ ކަމެއްކަމަށް އެވަނީ އަންގަވާފައެވެ.

މިއާއެކު ހަދާނުގައި ބަހައްޓަންޖެހޭ މުހިއްމު ނުކުތާއެއްވެއެވެ. އެއީ ފިނިގަދަ އިރެއްގައި އާދައިގެ ފެނުގެ އިތުރުން ހޫނުފެންވެސް ލިބޭން ހުއްޓައިމެ، ޘަވާބު ހޯދުމުގެ ނިޔަތުގައި، ދަތި އުނދަގޫކަން ޤަޞްދުގައި ލިބިގަނެގެން ކޮންމެހެން އާދައިގެ ފެނުން ވުޟޫކުރާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި އެ ވަގުތެއްގައި އެ މީހަކަށް ބޭނުންކުރަން އެންމެ ހިތްއެދޭ ފެނެއް ލިބޭން ހުރިނަމަ އެ ބޭނުންކޮށްގެން ވުޟޫކުރާނީއެވެ. އިސްލާމްދީނަކީ ދަތި އުނދަގޫކަން ލިބިގަތުމަށް ހިތްވަރުދޭ ދީނެއްނޫނެވެ. ﷲ އެކަލާނގެ އަޅުތަކުންނަށް އެދިވޮޑިގަންނަވަނީ ލުއިފަސޭހަ ގޮތެވެ. ދަތި އުނދަގޫ ގޮތެއް އެދިވޮޑިއެއްނުގަންނަވައެވެ. (ބަޤަރާ: 185)

މިސްކިތާ ދިމާލަށް ފިޔަވަޅުތައް ގިނަކުރުން: މިއީ ތިމާ ދިރިއުޅޭ ތަނާ ދުރުގައި ހުންނަ މިސްކިތަށް ދިއުންކަމަށް ވެދާނެއެވެ. ނުވަތަ އެއީ ގިނަގިނައިން މިސްކިތުގެ ޖަމާޢަތަށް ދިއުންކަމަށް ވެސް ވެދާނެއެވެ. މި ދެގޮތަށް ވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ޙަޤީޤަތަކީ މިކޮންމެ ގޮތެއްގައި ވެސް މިސްކިތަށް ދާނަމަ އެޅޭ ފިޔަވަޅުތައް ގިނަވާނެއެވެ. އަދި ޙާލަތު ނިޔާކުރާގޮތުން ހިނގާފައި ދިއުމުގެ ބަދަލުގައި ސަވާރީއެއްގައި ދިޔަނަމަވެސް ތަފާތެއް ނޯންނާނެއެވެ. ކޮންމެ ގޮތަކަށް ދިޔަނަމަވެސް ގިނަގިނައިން މިސްކިތަށް ދިއުމަކީ ފާފަތައް ފުއްސަވައި ދަރަޖަ އުފުއްލަވާނެ ކަމެކެވެ.

އެއްނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުން: ޙަދީޘްގައި އެވާ މަތިވެރި އަޖުރު ހޯދަން އެދޭމީހާ، އެ ވަގުތުގެ ނަމާދު އަދާކުރުމަށްފަހު ދެން ޖެހިގެން އޮންނަ ނަމާދަށް އިންތިޒާރުކުރާނެއެވެ. އޭނާ ކޮންމެ ކަމެއްގައި އުޅުނުނަމަވެސް ކުރިއަށް އޮތް ނަމާދާމެދު އޭނާގެ ހިތް ޣާފިލެއްނުކުރާނެއެވެ. ނަމާދުގެ މަތިން ހަނދާން ބަހައްޓައި ވަގުތު ޖެހުމުން ލަސްނުކޮށް ނަމާދު އަދާކުރާނެއެވެ. އެފަދަމީހާ ދުވަހުގެ ހުރިހައި ކަމެއް ވެސް ރާވައިލާނީ ނަމާދުކުރުން ވެސް ތާވަލުގައި ހިމަނައިގެންނެވެ.

ފާފަތައް ފުއްސަވައި ދަރަޖަތައް އުފުއްލަވާނެކަމަށް ޙަދީޘްގައި އަންގަވާފައި އެވަނީ މާބޮޑު ބުރައަކާނުލައި ކުރެވޭނެ ތިންކަމެކެވެ. ވުޟޫކުރުމާއި، މިސްކިތާ ދިމާލަށް އަޅާ ފިޔަވަޅު ގިނަކުރުމާއި އަދި އެއްނަމާދު ކުރުމަށް ފަހު އަނެއް ނަމާދަށް އިންތިޒާރުކުރުމަކީ ހިތްވަރެއްހުރި ކޮންމެ މީހަކަށް ވެސް ދާދި ފަސޭހައިން ކުރެވިދާނެ ކަންތައްތަކެވެ. އަދި މި ކަންކަން ކުރުމުން ލިބޭނެކަމަށް އަންގަވާފައި އެވާ މަތިވެރި ދަރުމައާއި ޘަވާބަށް އެދުންވެރިވެއްޖެމީހާއަށް، މިއީ ވަކީން ފަސޭހަ ކަންކަމަށްވާނެކަން ޔަޤީނެވެ.

comment ކޮމެންޓް