ދިރާގުގެ ނިޔަތް ޕޯސްޓު، އަރައިރުންވާންޖެހޭ ކަމެއްނޫން!

ދިރާގުގެ މައި އޮފީސް -- ސަން ފޮޓޯ

މި ރަމަޟާންމަހުގެ ތަހުނިޔާ ކިޔުމަށްޓަކައި، ރޯދައިގެ ނިޔަތްކަމަށް ބުނާ ޢިބާރާތެއް ލިޔެފައިވާ ޕޯސްޓެއް ދިރާގުން ޢާއްމުކުރިއެވެ. އެއާއެކު އެ ޕޯސްޓުގައި ރަސްގެއެއް ޖަހައި އެއީ ދިރާގުން ކޮށްފައިވާ ވަރަށް ގޯސް ޢަމަލެއްކަމަށް ބުނެފައިވާ ޕޯސްޓުތައް މީސްމީޑިއާގައި ދައުރުވާން ފެށިއެވެ. ބައެއް މީހުން ބުނެފައިވާގޮތުގައި ރޯދައިގެ ނިޔަތް ދުލުން ކިޔުމަކީ ބިދުޢަވެރި ޢަމަލެކެވެ. އަދި, ރޯދައިގެ ނިޔަތްކަމަށް ބުނާ އެއްޗެއް ފެތުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެކަމެއްނޫނެވެ.

މައްސަލައިގެ ޙަޤީޤަތަށް ބަލާއިރު، ރޯދަ ހިފުމަށްޓަކައި ނިޔަތް ކިޔުމުގެ ވާހަކައަކީ އިއްޔެގައި ދިރާގުން މުޅީން އަލަށް ނެރުނު އެ ބުނާފަދަ "ބިދުޢަ"އެއް ނޫނެވެ. އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރީން، އިތުބާރުކުރެވޭ ޢިލްމުވެރި އިމާމުވެރި ބޭކަލުން އެކަމާމެދު ވާހަކަ ދައްކަވާފައިވާ، ވަރަށް އާދައިގެ މައްސަލައެކެވެ. އެހެންކަމުން، ނިޔަތާމެދު އެނގުން މުހިއްމު ބައެއް މަޢުލޫމާތު މި ތަނުގައި ހިމަނައިލަމެވެ.

ނިޔަތަކީ ހިތުގެ ޢަމަލެއް

އަލްއިމާމުއްނަވަވީ ވިދާޅުވާގޮތުގައި ނިޔަތަކީ ފަރުޟެއް ނުވަތަ އެ ނޫން ވެސް ޢަމަލެއް ކުރުމަށް ހިތުގައި ޢަޒުމު ކަނޑައެޅުމެވެ. ހުރިހާ ޢިލްމުވެރީން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ނިޔަތުގެ މަޙައްލަކީ ހިތެވެ. އެހެންކަމުން ހިތުން ނިޔަތް ނުގަނެ ހަމައެކަނި ދުލުން ނިޔަތް ކިޔައިލުމަކުން އެއީ ނިޔަތެއްކަމުގައެއްނުވާނެއެވެ.

ރޯދައަށް ނިޔަތް ގަތުން

ނިޔަތާނުލައި ރޯދަ ޞައްޙަ ނުވާނެކަމަށް ހަތަރު މަޛުހަބުގެ ޢިލްމުވެރީން އިއްތިފާޤުވެފައިވެއެވެ. ޙަދީޘުން އެނގޭގޮތުގައި ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.(متفق عليه) އެހެންކަމުން ކޮންމެ އަޅުކަމެއް ވެސް ޝަރުޢީގޮތުން ޞައްޙަވުމާއި ނުވުން ބިނާވާނީ ނިޔަތުގެ މައްޗަށެވެ.

ފަރުޟު ރޯދައަށް ނިޔަތް ގަންނަންޖެހޭ ވަގުތު

ޖުމްހޫރުން (މާލިކީންނާއި ޝާފިޢީން އަދި ޙަންބަލީން) ވިދާޅުވާގޮތުގައި ފަޖުރުލުމުގެ ކުރީން، ރޭގަނޑު ފަރުޟު ރޯދައަށް ނިޔަތް ގަންނާންޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ފަޖުރުލުމުގެ ކުރީން، ރޯދައަށް ހުރުމަށް ޤަޞްދު ނުކުރާމީހާއަށް ރޯދައެއްނުވެއެވެ."(އަބޫދާއޫދު: 4/112) އައްޝައުކާނީ ވިދާޅުވާގޮތުގައި ރޭގަނޑު ރޯދައަށް ނިޔަތް ގަތުމަކީ ވާޖިބެއްކަމަށް މި ޙަދީޘުން ދަލީލު ލިބެއެވެ.

ނަމަވެސް ޙަނަފީން ދެކެވަޑައިގަންނަވާގޮތުގައި ރަމަޟާންމަހުގެ ރޯދަ ހިފުމަށްޓަކައި ކޮންމެހެން ރޭގަނޑު ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. ދުވާލުވުމުން ނިޔަތް ގަތަސް ރޯދަ ޞައްޙަވާނެއެވެ. މި ރައުޔުގެ ބޭފުޅުން ގެންނަވާފައިވަނީ ސުންނަތް ރޯދަ ހިފުމަށްޓަކައި ދުވާލުގެ ވަގުތުގައި ނިޔަތް ގަތުން ހުއްދަވުމާ ބެހޭގޮތުން ހުރި ދަލީލުތަކެވެ. އެހެންކަމުން މި މައްސަލައިގައި ދެ ފަރާތުން ގެނެސްފައިވާ ދަލީލުތަކަށް ބަލާއިރު އެންމެ ރަނގަޅުކަމަށް ބުރަވެވެނީ ޖުމްހޫރުންގެ ރައުޔަށެވެ.

ކޮންމެ ރޯދައަކަށް ވަކީން ނިޔަތް އައުކުރުން

ޖުމްހޫރުން (ޙަނަފީންނާއި ޝާފިޢީން އަދި ޙަންބަލީން) ވިދާޅުވާގޮތުގައި ރަމަޟާންމަހުގެ ކޮންމެ ރޯދައަކަށް ވަކީން ނިޔަތް ގަންނާންޖެހޭނެއެވެ. އެއީ, "ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށް" ކަމަށް އޮންނަ ޙަދީޘުން ލިބިދޭ ޢާއްމު ޙުކުމެވެ. ކޮންމެ ދުވަހެއްގެ ރޯދައަށް ވަކީން ނިޔަތް ގަންނާންޖެހެނީ އެއީ ކޮންމެ ދުވަހެއްގެ ރޯދައަކީ ވެސް އެކަމަށް ކަނޑައެޅިފައިވާ ވަގުތުގައި އަދާކުރާ ވަކި އަޅުކަމަކަށްވާތީއެވެ.

މާލިކީން އަދި ޙަނަފީ މަޛުހަބުގެ ޢިލްމުވެރިއެއްކަމަށްވާ ޒުފަރު ވިދާޅުވާގޮތުގައި، ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއްސުރެ މެދުނުކެނޑި ވިދިވިގެން ކުރިއަށްދާގޮތަށް ރޯދަ ހިފާމީހާ ކޮންމެ ރޯދައަކަށް ވަކީން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. ރަމަޟާންމަހުގެ ފުރަތަމަ ރޭ ނިޔަތް ގަތުމުން އެ މަހުގެ ހުރިހައި ރޯދައެއް ހިފުމަށް އެ ނިޔަތް ފުދޭނެއެވެ.

ނަމަވެސް ބަލިވުން ނުވަތަ ދަތުރެއްގައިވުންފަދަ ޝަރުޢީ ޢުޛުރެއްގެ ސަބަބުން ރޯދަ ހިފުން މެދުކެނޑުނު މީހާ އަލުން ރޯދަ ހިފަން ފައްޓާއިރު ނިޔަތް އައުކުރަންޖެހޭނެއެވެ. މި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މުޅި ރޯދަމަހުގައި ހިފާ ހުރިހައި ރޯދައެއް ބެލެވޭނީ އެއް އަޅުކަމެއް އަދާކުރުން ކަމުގައެވެ. ފަހުގެ ޢިލްމުވެރީންގެ ތެރެއިން އިބުނު ޢުޘައިމީން އިޚުތިޔާރުކުރައްވަނީ މި ރައުޔެވެ.

ޑރ. ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައިވާގޮތުގައި، ރޯދައަށް ނިޔަތް ގަތުމަކީ ވަރަށް ފަސޭހަކަމެކެވެ. ދުލުން ވަކި އެއްޗެއް ކިޔާކަށްނުޖެހޭނެއެވެ. ރޯދައަށްޓަކައި ކަންތައްތައް ތައްޔާރުކުރުން އެއީ އޭގެ ޒާތުގައި ނިޔަތެވެ. މިސާލަކަށް ހާރު ކެއުމަކީ ނިޔަތެވެ. ރޯދަ މަސް އައުމުން ރޯދަ ހިފަން ތައްޔާރުވެ ހުންނަމީހާ ތަބީޢީގޮތުން އެވަނީ ނިޔަތުގެ މަތީގައެވެ. އެއީ އެކަމާމެދު ކަންބޮޑުވެ ވާހަކަ ގިނަކުރާންޖެހޭކަމެއްނޫނެވެ.

ދުލުން ނިޔަތް ކިޔުން

ޖުމްހޫރުން (ޙަނަފީންނާއި ޝާފިޢީން އަދި ޙަންބަލީން) ދެކެވަޑައިގަންނަވާގޮތުގައި ދުލުން ނިޔަތް ކިޔުމަކީ މުސްތަޙައްބު (recommended) ކަމެކެވެ. މި ބޭކަލުން ދެކެވަޑައިގަންނަވާގޮތުގައި ހިތުގައިވާ ނިޔަތަށް ތާއީދުކުރުމުގެގޮތުން ދުލުން ވެސް ނިޔަތް ކިޔުމަކީ ރަނގަޅު ކަމެކެވެ. نهاية المحتاج إلى شرح المنهاج އެވެ ކިޔުނު ފޮތުގައިވެއެވެ. ޢިލްމުވެރިން އިޖުމާޢުވެފައިވާގޮތުގައި ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އެހެންކަމުން ދުލުން ކިޔާ އެއްޗަކާމެދު ހިތް ޣާފިލުވެގެންވާނަމަ ދުލުން ނިޔަތް ކިޔުމަކުން ނުފުދޭނެއެވެ.

އަޅުކަމުގައި ދުލުން ނިޔަތް ކިޔުމަކީ ހުއްދަކަމެއް ކަމަށާއި އެހެންނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭކަމެއްނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންވެއެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި އެއީ ކުރުމާއި ނުކުރުން ހަމަހަމަވެގެންވާ ކަމެކެވެ. އައްނަވަވީ ވިދާޅުވެފައިވެއެވެ. ނިޔަތަކީ ހިތުގެ ޢަމަލެކެވެ. ދުލުން ނިޔަތް ކިޔުން ވާޖިބެއްނޫނެވެ. އަދި މީގެ އިތުރުން ވެސް، ޙައްޖުގައި ދުލުން ނިޔަތް ކިޔުން މުސްތަޙައްބުކަން ސާބިތުވާތީ (މުސްލިމް: 1232) ، އެކަމަށް ޤިޔާސްކޮށް އެހެން އަޅުކަންތަކުގައި ވެސް ދުލުން ނިޔަތް ކިޔުން ހުއްދަވާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

ފާޅުގައި އަޑުހަރުކޮށް ނިޔަތް ކިޔުން

جمال الدين أبوالربيع ވިދާޅުވެފައިވެއެވެ. ހަރުއަޑުން ނިޔަތް ކިޔުމާއި އަދި އިމާމުގެ ފަހަތުން ބާރުއަޑުން ކިޔެވުމަކީ ސުންނަތުގެތެރޭގައި ހިމެނޭކަމެއްނޫނެވެ. އެކަމަކު އެއީ މަކުރޫހަ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ނަމާދުކުރާ އެހެންމީހުންނަށް އުނދަގުލެއްވާނަމަ އެއީ ޙަރާމް ކަމެކެވެ.

މިޞްރުގެ ދާރުލްއިފްތާއިން 2021 ވަނަ އަހަރު ނެރެފައިވާ ފަތުވާގައިވެއެވެ. ދުލުން ނިޔަތް ކިޔުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ނުވަތަ އަޞްޙާބުންގެ ފަރާތުންވެސް ސާބިތުވެފައިވާ ކަމެއްނޫންކަމަށާއި އެއީ މަގުފުރެދިގެންވާ ބިދުޢަވެރި ޢަމަލެއްކަމަށް (ބައެއް ފަރާތްތަކުން) ބުނުމަކީ ނުރައްކާތެރި ކަމެކެވެ. އަދި އެއީ މުސްލިމު ޢިލްމުވެރީންނަށް ކުރެވޭ އެކަށީގެންނުވާ ތުހުމަތެކެވެ. އެއީ (ދުލުން ނިޔަތް ކިޔާ) މުސްލިމުންނަކީ މަގުފުރެދިފައިވާ ބައެއްކަމަށް ބުނުމެވެ. ފިޤުހުގެ ފަރުޢީ މައްސަލައެއްގައި އެގޮތަށް މަގުފުރެދިގެންވާކަމަށް ޙުކުމްކުރުން ހުއްދައެއްނުވާނެއެވެ. ވަކީން ޚާއްޞަކޮށް، ދުލުން ނިޔަތް ކިޔުމަކީ މުސްތަޙައްބު ކަމެއްކަމަށް ޖުމްހޫރުން ވިދާޅުވެފައިވަނިކޮށް އެފަދަ ނުރައްކާތެރި ބުނުމެއް ބުނެގެންނުވާނެއެވެ.

comment ކޮމެންޓް