ފުވައްމުލަކު މަގު ހެދުމުގެ ދެވަނަ ފިޔަވަހި ރައީސް އިފުތިތާހުކޮށްދެއްވައިފި

ފުވައްމުލަކު މަގު ހެދުމުގެ ދެވަނަ ފިޔަވަހި ރައީސް އިފުތިތާހުކޮށްދެއްވުން: ވިއްސާރަވުމުގެ ސަބަބުން ފުވައްމުލަކު މަގުތަކުގައި ފެން ބޮޑުވެ ޗަކަ ވަޅުގަނޑުތައް ހެދުމަކީ އެ ރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް -- ފޮޓޯ/ ރައީސް އޮފީސް

ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވީ، އެ މަނިކުފާނުގެ ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީއަށް ފަހު މިއަދު ފުވައްމުލަކަށް ވަޑައިގަތުމަށް ފަހުއެވެ.

ފުވައްމުލަކުގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25ގައެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން 2019 ވަނަ އަހަރު ފެށިއިރު، އެ ފިޔަވަހީގައި ހިމަނާފައިވަނީ 34 މަގުގެ މަސައްކަތެވެ.

ދެވަނަ ފިޔަވަހީގައި ހަވާލުކޮށްފައިވަނީ 12.17 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތެވެ.

އެ މަޝްރޫއުގެ އަގު 255 މިލިއަނަށް ރުފިޔާއަށް އަރާއިރު، މަސައްކަތް ނިންމަން ޖެހެނީ ދެ އަހަރުންނެވެ.

ވިއްސާރަވުމުގެ ސަބަބުން ފުވައްމުލަކު މަގުތަކުގައި ފެން ބޮޑުވެ ޗަކަ ވަޅުގަނޑުތައް ހެދުމުގެ މައްސަލައަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް