ތާލިބާން ސަރުކާރުގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސަށް އަރުވައިފި

ޗައިނާގެ ރައީސް އާއި ތާލިބާން ސަރުކާރުގެ ސަފީރު

ބެއިޖިންގް (1 ފެބްރުއަރީ 2024): ޗައިނާއިން ރަސްމީ ސިފައެއްގައި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ސަފީރުގެ ފަތްކޮޅު ބަލައިގަނެ އޭނާއަށް ޑިޕްލޮމެޓިކް ހައިސިއްޔަތު ދީފިއެވެ.

އަފްޣާނިސްތާނުގެ ސަފީރު މައުލަވީ ބިލާލު ކަރީމީ ހިމެނޭގޮތަށް 42 ގައުމެއްގެ ސަފީރުން އިއްޔެވަނީ އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް އަރުވާފައެވެ. މި ފަތްކޮޅުތައް ރައިސް ޝީއަށް އެރުއްވީ ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ޗައިނާގެ ޚާރިޖީ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ބޮޑު ރަސްމިއްޔާތެއްގައެވެ.

އަފްޣާނިސްތާނުގެ ސަފީރާއެކު ޗައިނާގެ ރައީސަށް ފަތްކޮޅު އެރުވި ގައުމުތަކުގެ ސަފީރުންގެ ތެރޭގައި ޔޫރަޕާއި އެފްރިކާގެ ބައެއް ގައުމުތަކާއި އޭޝިއާގެ ބައެއް ގައުމުތަކުގެ ސަފީރުންވެސް ހިމެނެއެވެ.

ޗައިނާއިން ރަސްމީ ސިފައެއްގައި ތާލިބާން ސަރުކާރަށް މިހާތަނަށް އިއުތިރާފު ވެފައިނެތް ނަމަވެސް ރައީސް ޝީ ތާލިބާންގެ ސަފީރުގެ ފަތްކޮޅު ބަލައިގަންނަވައި އަދި ޗައިނާގައި ހުންނަ އަފްޣާން އެންބަސީގައި އަފްޣާން ސަފީރެއްގެ ހައިސިއްޔަތުގައި އޭނާ ހުންނެވުމާއި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ދިނުމަކީ ޗައިނާއިން ތާލިބާން ސަރުކާރަށް ރަސްމީގޮތުން އިއުތިރާފު ވުންކަމަށް ވަނީ ބެލެވިފައެވެ.

ތާލިބާން ސަރުކާރުގެ ސަފީރު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ސަފީރަށް އަރުވަނީ

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބުނާގޮތުން ޗައިނާއިން އެގައުމާމެދު މުއާމަލާތް ކުރަނީ ރަސްމީގޮތުން އިއުތިރާފު ވެފައިވާ އަދި ޑިޕްލޮމެޓިކް ގުޅުންތައް އޮންނަ ވަރަށް ގާތް ގައުމަކާ މުއާމަލާތް ކުރާގޮތަށެވެ. ޗައިނާއާއެކު ކުރާ އެއްވެސް މުއާމަލާތަކުން ޗައިނާއަކީ ތާލިބާން ސަރުކާރަށް އިއުތިރާފުނުވާ ގައުމެއްކަން އިހުސާސް ނުކުރެވޭކަމަށް ތާލިބާން ސަރުކާރު ބުނެއެވެ.

ޑިޕްލޮމެޓިކް ގުޅުންތައް މިގޮތުގައި އޮންނައިރު ތާލިބާންގެ ސަރުކާރާއެކު ޗައިނާ ގެންދަނީ އިގްތިސާދީ ގޮތުންނާއި މާލީގޮތުންނާއި އިންޕޯޓް އެކްސްޕޯޓްގެ ގޮތުންވެސް ގުޅުންތައް ބަދަހިކުރަމުންނެވެ. މީގެތެރޭގައި ޗައިނާ ސަރުކާރުން އަފްޣާނިސްތާނުގެ އިންފްރާސްޓްރަކްޗާ ބިނާކޮށްދޭން ފެށުމާއި ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ދިނުން ހިމެނެއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ފާއިތުވި ދެއަހަރުގައި ޗައިނާވަނީ ތާލިބާން ސަރުކާރުގެ ސިޔާސަތުތަކާއި ސުލޫކު ވަރަށް ރަނގަޅަށް ބަލައި ދިރާސާކުރުމަށްފަހު ތާލިބާން ސަރުކާރަކީ ޗައިނާއަށް އެއްވެސް ނުރައްކަލެއްނެތް އަދި އެސަރުކާރާއެކު މުއާމަލާތް ކުރެވިދާނެ ސަރުކާރެއްކަމަށް ޗައިނާ ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

އަފްޣާން ބިމުން ޓެރަރިޒަމްގެ އެއްވެސް ނުރައްކަލެއް ޗައިނާއަށާއި އަވަށްޓެރި އެހެން ގައުމަކަށްވެސް ނާންނަކަމާއި ތާލިބާނުންގެ ފަރާތުން ޗައިނާގެ މަސްލަހަތަށް ނުރައްކާނުވާކަން ޗައިނާވަނީ ގަބޫލުކޮށްފައެވެ. މިބެލުންތަކުގެ އަލީގައި ތާލިބާން ސަރުކާރާ މުއާމަލާތްކޮށް ގުޅުންތައް ބަދަހިކުރުމަކީ ޗައިނާއަށް ފައިދާހުރި ކަމެއްކަމަށްވެސް ޗައިނާ ސަރުކާރުންވަނީ ނިންމާފައެވެ.

ތާލިބާން ސަރުކާރުގެ ސަފީރުގެ ފަތްކޮޅު ބަލައިގަތުމަށް ރައީސް ޝީ ޖިންޕިން ނިންމެވީ މި ހުރިހާ ކަންކަމެއް ބައްލަވާފައި ކަމަށް އަފްޣާން އެފެއާޒްގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވިގޮތުގައި ޗައިނާ ސަރުކާރަކީ ހުޅަނގުގެ ސަރުކާރުތަކާ ޚިލާފަށް އަފްޣާނިސްތާނުގެ ދާޚިލީ ކަންކަމާބެހޭ ސަރުކާރެއް ނޫނެވެ. އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ފަދަ މޮޅެތި ޝިއާރުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އަމިއްލަ އެދުން ކުރިޔަށްނެރެ އަމިއްލަ މަސްލަހަތުތަކެއް ހާސިލް ކުރަން އުޅޭ ސަރުކާރެއްކަމަކަށްވެސް ނުފެނެއެވެ.

އޭނާ ވިދާޅުވިގޮތުގައި އެހެން ގައުމުތަކާ ޚިލާފަށް ޗައިނާއަށް ތާލިބާން ސަރުކާރު ފަހުމުވާކަންވަނީ ހާމަވެފައެވެ. އަންޑަސްޓޭންޑް ވާކަން ވަރަށް ސާފުކޮށްވަނީ ހާމަވެފައެވެ. ޒަބީހުﷲ މުޖާހިދު އެގައުމުގެ އަވަށްޓެރި ޕާކިސްތާން އީރާން އަދި ރަޝިއާ ފަދަ ގައުމުތަކަށް ގޮވާލެއްވީ ޗައިނާ ނަމޫނާއަކަށް ބަލައިގެން ތާލިބާން ސަރުކާރާއެކު މުއާމަލާތްކޮށް ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރުމުގެ ކަންތައް އަވަހަށް ފެށުމަށެވެ.

ޒަބީހުﷲ ވިދާޅުވިގޮތުގައި އަދުގެ ދުނިޔެއަކީ ވަކި ގައުމެއްގެ ބާރާއި ކޮންޓްރޯލްގެ ދަށުގައިވާ ދުނިޔެއެއްނޫނެވެ. ޔުނިޕޯލާ ދުނިޔެއެއް ނޫނެވެ. މަލްޓި ޕޯލާ ދުނިޔެއެކެވެ. ގިނަ ބާރުތަކެއް ހިމެނޭ ދުނިޔެއެކެވެ. އެހެންކަމުން އެމެރިކާއާއި ހުޅަނގުގެ ބާރުތައް އަފްޣާނިސްތާނާ ދުރަށް ދިޔުމަކުން އަފްޣާނިސްތާނަށް އެކަނި ގެއްލުމެއް ނުވާނެއެވެ. އަފްޣާނިސްތާން ދުރަށް ދިޔުމުން އެގައުމުތަކަށް ވެސް އިގްތިސާދީ ގޮތުންނާއި ޖިއޮޕޮލިޓިކަލް ގޮތުން ގެއްލުންވާނެއެވެ.

އޭނާ ވިދާޅުވިގޮތުގައި އަފްޣާނިސްތާނަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާއިރު ހުޅަނގުން ބުނާގޮތަކަށް އަފްޣާނިސްތާންއަކަށް ބޯލަނބާކަށް ނުޖެހޭނެއެވެ. ހުޅަނގުންވެސް އަފްޣާނިސްތާނާ ގުޅުންތައް ގާއިމް ކުރަންޖެހޭނީ ދެފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ މައްޗަށެވެ. ހުޅަނގުގެ ބަސް އަހަން އަފްޣާނިސްތާނަށް މަޖްބޫރުކުރާ ގޮތަކަށް ނޫނެވެ.

ޗައިނާއިން ތާލިބާން ސަރުކާރާ މުއާމަލާތް ކުރަމުން ގެންދާތީއާއި އިގްތިސާދީ ގުޅުންތައް ބަދަހިކުރަމުން ގެންދާތީ އެމެރިކާއާއި އެމެރިކާގެ ވަށައިގެން އެނބުރޭ ހުޅަނގުގެ ބާރުތައް ކަންބޮޑުވުމުގެ ނަޒަރަކުން ބަަލައި އެކަމަށް ފާރަލަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޗައިނާއިން އަފްޣާނިސްތާނާ ގުޅުންތައް ބަދަހިކޮށްގެން އިގްތިސާދީ ބޮޑެތި ފައިދާތަކެއް ނަގަމުން ގެންދާކަމުގެ އިހްސާސްތަކާއެކު އިންޑިއާވެސް ގެންދަނީ އެކަމާ ވަރަށް ބޮޑަށް ފާރަވެރިވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް