ސްޓްރެޓެޖީ ބަދަލުކޮށް، އެންމެފަހުން އަފްޣާނިސްތާން ސަރުކާރާ ގާތްވާން އެމެރިކާއިން ނިންމައިފި

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރަށް އިއުތިރާފް ނުވެ އެ ސަރުކާރާ މުއާމަލާތް ކުރަން އެމެރިކާ މި ހަފުތާގައި ވަނީ ނިންމައިފައެވެ.

މިއީ އެމެރިކާއިން މިހާތަނަށް ތާލިބާން އާ މުއާމަލާތް ކުރުމުގައި ގެންގުޅުނު ގޮތްދޫނުކުރުމުގެ ހަރުކަށި ސިޔާސަތު ކަމުނުދާކަމަށް ބެލުމަށްފަހު އެ ސިޔާސަތަށް ބޮޑު ބަދަލެއް ގެނައުމުގެ ނިންމުމެކެވެ.

މި އާ ނިންމުން އެމެރިކާއިން ނިންމީ ޗައިނާއިން ތާލިބާން ސަރުކާރާ މުއާމަލާތް ކުރަންފަށާފައިވާތީއާއި ދާދިއަވަހަށް ރަޝިއާއާއި އީރާންވެސް ތާލިބާން އާ މުއާމަލާތް ކުރަންފަށަން ތައްޔާރުވަމުންދާތީ ކަމަށް ވަނީ ބެލެވިފައެވެ.

ތާލިބާނުންނާމެދު އެމެރިކާ ގެންގުޅޭ ސިޔާސަތަށް މި ބޮޑު ބަދަލު ގެނައި މައިގަނޑު ސަބަބަކީ ޗައިނާ ކުންފުނިތަކުން އަފްޣާނިސްތާނުގައި އިންވެސްޓް ކުރަން ފެށުމެވެ. އަފްޣާނިސްތާނުގައިވާ އަގުބޮޑު ނާދިރު މައުދަންތައް އިންވެސްޓްކުރަން ޗައިނާގެ ކުންފުނިތަކުން ފެށުމެވެ. އެމެރިކާ ގޮތް ދޫނުކޮށް އޮވެއްޖެނަމަ އަފްޣާނިސްތާނުގައިވާ މަސްލަހަތުތައް ގެއްލިގެންދާނެކަމުގެ ބިރު އެމެރިކާއަށް އިހްސާސް ކުރެވުމެވެ. ބައިނަލްއަގްވާމީ ގުޅުންތަކުގެ ތަޖްރިބާކާރުންނާ އަދި ޚާއްސަގޮތެއްގައި އެމެރިކާ އާއި އަފްޣާނިސްތާނުގެ ގުޅުންތައް ދިރާސާކުރައްވާ ބާހިޘެއްކަމަށްވާ އަބްދުލްކަބީރު ނޫރީ މިބަދަލުތައް ސިފަކުރައްވަނީ މިގޮތަށެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިއްޔެ ވަނީ ތާލިބާން ސަރުކާރާ މުއާމަލާތް ކުރުމުގައި ކުރިން ގެންގުޅުނު ހަރުކަށި އަދި ގޮތްދޫނުކުރުމުގެ ސިޔާސަތު ބަދަލުކޮށް އައު ސްޓްރެޓެޖީ އެއް ނެރެފައެވެ. މިއައު ސްޓްރެޓެޖީ ބިނާކޮށްފައިވަނީ ހަތަރު ދާއިރާއެއްގެ މައްޗަށެވެ.

އެއީ : ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ތާލިބާންގެ އެހީތެރިކަން ހޯދުން، ތާލިބާން ސަރުކާރަށް އިގްތިސާދީ އެހީތައް ދިނުމާއި އިގްތިސާދީ މުއާމަލާތްތައް ތާލިބާނުންނާއެކު ފެށުން، އަދި އަފްޣާނިސްތާނުގައި އެންމެބަސީއެއް ނުހުޅުވައި އޭގެބަދަލުގައި ކޮންސިއުލޭޓް އެއް ހުޅުވައިގެން ތާލިބާން އާއެކު ޑިޕްލޮމެޓިކް މުއާމަލާތްތައް ހިންގުމެވެ. ތާލިބާން ސަރުކާރަށް ރަސްމީކޮށް އިއުތިރާފް ނުވިނަމަވެސް މިކަންކަން ކުރެވިދާނެކަމަށް އެމެރިކާ ދެކެއެވެ.

އަފްޣާނިސްތާނުގައި އަލަށް ހުޅުވަން އެމެރިކާ ނިންމި ކޮންސިއުލޭޓްގެ މޭންޑޭޓްގައި ހިމެނެނީ އެމެރިކާއިން އަފްޣާނިސްތާނަށް ދޭ އިންސާނީ އެހީގެ ކަންތައް ބެލެހެއްޓުމާއި އަފްޣާނިސްތާނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ އެމެރިކާ ރައްޔިތުންނަށް ބޭނުންވާ ވިސާ ހޯދައިދީ އެ ނޫންވެސް އެމީހުންނަށް ބޭނުންވާ ކޮންސިއުލޭޓް ޚިދުމަތްތައް ދިނުމެވެ.

ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިއްޔެ ބުނިގޮތުގައި ތާލިބާނުންގެ ވެރިކަމުގައި "ގެއްލުވާލާފައިވާ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް" ހޯދައިދެވޭތޯ އަފްޣާން ގާނޫނީ އިމުގެ ތެރެއިން ކުރެވެންހުރި ކަންކަން ކުރުމަކީވެސް އެމެރިކާ ކުރަން ބޭނުންވާ ކަމެކެވެ. އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާ އެހީތެރިވުމުގެ މަސައްކަތްވެސް ކޮންސިއުލޭޓް މެދުވެރިކޮށް ކުރެވޭތޯ ބަލާނެކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ ބުނެފައިވެއެވެ.

ޗައިނާއަށް ކަނޑައެޅި އަފްޣާން ސަފީރު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު މިދިޔަ ހަފްތާގައި ޗައިނާގެ ރައީސް އަށް އަރުވަނި

ތާލިބާނުންނަކީ އަންހެނުންގެ ހައްގުތަކާމެދު ވަރަށް އެކަހެރި ވިސްނުމެއް ގެންގުޅޭ ބައެކެވެ. އަދި ތާލިބާނުންގެ ދީނީ ފިކުރަކީވެސް ހަރުކަށި ފިކުރެކެވެ. އަނެއްކޮޅުން އަންހެނުންގެ ހައްގުތަކުގެ ނަމުގައި އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން ގެންގުޅޭ ފެމިނިޒަމްގެ މައްޗަށް ބިނާވެފައިވާ ލާދީނީ އުސޫލުތައް ތާލިބާނުން ގަބޫލެއް ނުކުރެއެވެ. ހުޅަނގުގެ މި ލާދީނީ މިއުސޫލުތައް އަފްޣާނިސްތާނުގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ތާލިބާނުން ނުދޭނެއެވެ. އެހެންކަމުން ހުޅަނގުގެ ލާދީނީ ފެނިނިޒަމްގެ ފިކުރު ތާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނުގައި ޕްރޮމޯޓް ކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އަފްޣާނިސްތާނުގައި ކުޅުނު ސިޔާސީ އަދި ޖިއޮޕޮލިޓިކަލް ކުޅިގަނޑުގައި އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ނޭޓޯއިންވަނީ އަފްޣާނިސްތާނު 7 ލައްކައެއްހާ މީހުން މަރާލައި އެގައުމަށް ބޮންއަޅައި އިންފްރާސްޓްރަކްޗަރ މުޅިން ހަލާކުކޮށްލާފައެވެ. ކުށެއްނެތް އެތަށް ލައްކަ އާންމުން މަރައި ސިއްރު ޖަލުތައް ހަދަައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.

ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައާއި އެމެރިކާގެ ލާދިނީ ފިކުރާއި އެމެރިކާ ސްޓައިލްގެ ލެބެރަލް ޑިމޮކްރަސީ އަފްޣާނިސްތާނުގައި ފެތުރުމަށް ޓަކައި 2001 ން 2021 އަށް އެމެރިކާ އަފްޣާނިސްތާނުގައި ގޮނޑިކޮށްކޮ ސަރުކާރުތަކެއް އުފައްދައި ގޮނޑިކޮށްކޮ ސިފައިންގެ ލަޝްކަރެއްވެސް އުފެއްދިއެވެ.

މިކަންކަމަށް 20 އަހަރުތެރޭގައި ގާތްގަނޑަކަށް ދެ ޓްރިލިޔަން ޑޮލަރު، އެމެރިކާ ގެ ޓެކްސް ޕޭޔަރުންގެ ފައިސާއިން އެމެރިކާ ޚަރަދުކުރިކަމާއި މީގެތެރޭގައި އިންތިހާއަށް ކޮރަޕްޝާންވެސް ހިމެނޭކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ވެރިކަމުގައި އޭނާވަނީ ހާމަކުރައްވާފައެވެ. މިއީ ނަތީޖާ ނުނެރެވުނު ބޭކާރު އަދި ކޮރަޕްޝަނާ ގުޅިފައިވާ ޚަރަދުތަކެއްކަމަށް ސިފަކުރައްވައި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް ނިންމެވީ ޓްރަމްޕް އެވެ.

މި 20 އަހަރު ތެރޭގައި އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިން ކެނޑިނޭޅި އަފްޣާނިސްތާނަށް ބޮންއަޅައިގެންވެސް ތާލިބާން ޖަމާއަތް ބަލިކުރުމުގައި އެމެރިކާއާއި ނޭޓޯ ވަނީ ފެއިލްވެފައެވެ. ޓްރަމްޕް ނިންމަފާއިވާގޮތަށް އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލީ 2021 ވަނަ އަހަރު އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައެވެ.

އެމެރިކާ އަފްޣާނިސްތާނުގައި އުފައްދާފައިވާ ގޮނޑިކޮށްކޮ ސަރުކާރަކާއި ގޮނޑިކޮށްކޮ ސިފައިންގެ ލަޝްކަރު، އެމެރިކާ ސިފައިން އަފްޣާނިސްތާނުން ނުބޭލެނީސް ރޫޅި ވިއްސިވިހާލިވެއްޖެއެވެ. ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ އަލުން ހާވާލުވެއްޖެއެވެ.

މިއާއެކު އެމެރިކާއަށް ވާގިވެރިވީ އަފްޣާން މީހުން ހީކުރީ ތާލިބާނުން އެމީހުންނާ ދެކޮޅަށް ބަދަލު ހިފާނެކަމުގައެވެ. މިކަމަށްޓަކައި އެމެރިކާގެ އަސްކަރީ ޓްރަާންސްޕޯޓް ބޯޓުތަކުގައި އެލިގަނެގެންވެސް އަފްޣާނިސްތާން ދޫކޮށްދިޔުމަށް އެމެރިކާއަށް ވާގިވެރިވި އަފްޣާން މީހުން މަސައްކަތްކުރިއެވެ. އެމެރިކާގެ އަނިޔާވެރިކަމާއި ހަންފެތުރުމުގެ އަމަލީ މަސައްކަތަށް އެންމެބޮޑަށް ވާގިވެރިވި އަފްޣާން މީހުން އަފްޣާނިސްތާނުން ބޭރަށް ގެންދިޔައެވެ.

ނަމަވެސް އެމެރިކާ ލަފާކުރި ގޮތާ ޚިލާފަށް އަފްޣާނިސްތާނުން ބޭރަށްނުދެވުނު މިފަދަ މީހުންނާދެކޮޅަށް ބަދަލުހިފުމުގެ އެއްވެސް އަމަލެއް ތާލިބާނުން ހިންގާފައެއް ނުވެއެވެ. ނަތީޖާއެއްގެގޮތުން ތާލިބާނުންގެ ވެރިކަމަށް އައުމާއެކު މުޅި އަފްޣާނިސްތާނުގައި ހަމަޖެހުމާއި ސުލްހަ ގާއިމް ވެގެންދިޔައެވެ. މިއީ 20 އަހަރު ތެރޭގައިވެސް އެމެރިކާއާއި ނޭޓޯއަށް ކުރެވުނު ކަމެއް ނޫނެވެ.

އަފްޣާނިސްތާނުގައި އޮތް އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރު ވެއްޓި ރޫޅުމުގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެމެރިކާވަނީ އަފްޣާން ބޭންތަކުގައިވާ (ޚާއްސަކޮށް މަރުކަޒީ ބޭންކްގައިވާ) އަފްޣާން ރައްޔިތުންގެ ފައިސާކޮޅު (ގާތްގަނޑަކަށް 6 ބިލިޔަން ޑޮލަރު) އެމެރިކާއަށް ކަހާލާފައެވެ. އެމެރިކާގެ ޝަރުތުތަކަށް ތޯލިބާނުން ބޯނުލަނބާކަމަށް ބުނެ އެމެރިކާވަނީ ހައިހޫނުކަމުގައި އުޅޭ އަފްޣާން ރައްޔިތުންނަށް ކާބޯތަކެތި ގަތުމަށްވެސް މިފައިސާ ދިނުމަށް ދެކޮޅު ހަދާފައެވެ. މިފައިސާ ތާލިބާން ސަރުކާރަށް ދިނުމުގެ އިތުރުން އދ. ގެ އިންސާނީ އެހީއާބެހޭ އިދާރާއަށް މިފައިސާ ދިނުމަށްވެސް އެމެރިކާވަނީ ދެކޮޅު ހަދާފައެވެ.

ތާލިބާނުންނަކީ ދީނުގެ ނަމުގައި ދީނުގައި ނެތްވަރަަށް އަމިއްލަ ހަރުކަށި ފިކުރެއް ގެންގުޅޭ ބަޔަކަށްވިޔަސް އަދި އަންހެނުން ބައެއް ހައްގުތަކުން މަހްރޫމް ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބަޔަކަށް ވިޔަސް ތާލިބާނުންގެ ވެރިކަމުގައި އަފްޣާން އަންހެނުންނަށްވަނީ އެމެރިކާގެ ލެބެރަލް އިސްތިއުމާރީ ޒަމާނުގައި ނުލިބޭ ރައްކާތެރިކަމާއި އަމާންކަން ލިބިފައެވެ.

ތާލިބާނުންވަނީ އަފްޣާނިސްތާނުގައި ސުލްހައާއި ހަމަޖެހުން ގާއިމް ކުރުމުގައި ކާމިޔާބު ހޯދާފައެވެ. ކުރިޔަށްވުރެ މާބޮޑަށްވެސްވަނީ އިންސާފާއި ހަމަހަމަކަން ގާއިމް ކޮށްފައެވެ. ދަނޑުވެރިކަން ކުރިއަރުވައި އަމިއްލަ ނަފްސުގެ މައްޗަށް ބަރޯސާވެގެން ގައުމު ބިނާކުރުމުގެ މަސައްކަތްވެސްވަނީ ވަރުގަދައަށް ފަށާފައެވެ.

ތާލިބާނުންގެ ފަރާތުން ނުރައްކަލެއް ނުފެންނާތީއާއި ތާލިބާނުންނަކީ ހުޅަނގުގެ ގޮނޑިކޮށްކޮ އަކަށް ނުވެފައި އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ މިނިވަން ބަޔަކަށްވާތީ މިކަމަށް ހިއްވަރު ދިނުމުގެ ގޮތުން ޗައިނާވަނީ ތާލިބާން ސަރުކާރާއެކު އިގްތިސާދީ ގުޅުންތަކާއި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރަން ފަށާފައެވެ. ދާދިފަހުން ޗައިނާގެ ރައީސްވަނީ ތާލިބާން ސަރުކާރުގެ ސަފީރުގެ ފަތްކޮޅު ބަލައިގެންފައެވެ.

އެމެރިކާ އާ ޔޫރަޕްއާ ޚިލާފަށް ޗައިނާއަކީ އަމިއްލަ ގޮތްގަނޑު ދުނިޔޭގައި ފަތުރަން މަސައްކަތް ކުރާ ގައުމަކަށް ނުވާތީ ތާލިބާނުން އަންހެނުންނާމެދު ގެންގުޅޭ މި އެކަހެރި ފިކުރުތަކަކީ ޗައިނާ ބެހޭކަންކަމެއް ނޫނެވެ. ޗައިނާ ދެކޭގޮތުގައި އެެއީ އެބައެއްގެ އަމިއްލަ ކަމެކެވެ.

ޗައިނާ އެކޭ އެއްގޮތަށް ދާދިއަވަހަށް ރަޝިއާއާއި އީރާންވެސް ތާލިބާނުންނާއެކު އިގްތިސާދީ އަދި ޑިޕްލޮމެޓިކް މުއާމަލާތްތައް އަލުން ފަށާނެކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. އެމެރިކާއާއި އަފްޣާނިސްތާނުގެ ގުޅުންތައް ދިރާސާކުރައްވާ ބާހިޘެއްކަމަށްވާ އަބްދުލްކަބީރު ނޫރީ ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާ ތާލިބާނުންނާމެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ބަދަލުކޮށް ތާލިބާނުންނަށް ރަސްމީކޮށް އިއުތިރާފް ނުވިނަމަވެސް ތާލިބާން ސަރުކާރާ މުއާމަލާތްކުރަން ނިންމަން މަޖްބޫރުވީ މިހެންވެއެވެ.

ޗައިނާއާއި ރަޝިއާ އަދި އީރާނުން ތާލިބާން ސަރުކާރާ މުއާމަލާތްކޮށް ފައިދާ ނަގާނެކަމުގެ ބިރު ހީވެގެންނެވެ. ޗައިނާ ތާލިބާނުންނާ މުއާމަލާތްކޮށް އިގްތިސާދީ ފައިދާ ނަގަމުންދާތީ އެމެރިކާގެ ސިޔާސަތު ބަދަލުކުރިގޮތަށް ތާލިބާނުންނާމެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރަން އިންޑިއާއަށްވެސް މަޖްބޫރުވެގެންދާނެކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް