އަފްޣާނިސްތާނުގައި ހިންގާ އދ.ގެ މިޝަންގެ މުއްދަތު އިތުރުކުރުމުން ތާލިބާންގެ މަރުހަބާ

އަފްޣާނިސްތާނުގައި ހުންނަ ދަ ޔުނައިޓެޑް ނޭޝަންސް އެސިސްޓެންސް މިޝަން (ޔޫއެންއޭއެމްއޭ). ފޮޓޯ/އިންގްލިޝް އަރަބިޔާ

އދ.އިން އަފްޣާނިސްތާނަށް ދޭ އެހީ އިތުރުކުރުމަށް ނިންމި ނިންމުމަށް އެ ގައުމުގައި ވެރިކަންކުރާ ތާލިބާނު ޖަމާއަތުން މަރުހަބާ ކިޔައިފިއެވެ.

ދަ ޔުނައިޓެޑް ނޭޝަންސް އެސިސްޓެންސް މިޝަން އިން އަފްޣާނިސްތާނު (ޔޫއެންއޭއެމްއޭ) އިން 2002 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި މަސައްކަތްކުރަމުން އަންނައިރު، އަންނަ އަހަރުގެ މާޗް 17ގެ ނިޔަލަށް އެ މިޝަންގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ހުކުރު ދުވަހު ނެގި ވޯޓަކުން ވަނީ ފާސްވެފައެވެ.

"ޔޫއެންއޭއެމްއޭގެ މެންޑޭޓް އިތުރުކުރުމަކީ، މާތްالله އިރާދަކުރެއްވިއްޔާ، އަފްޣާނިސްތާނުގެ މަސްލަހަތަށް ފައިދާ ކުރާނެ ކަމެއް. އަފްޣާނިސްތާނާއި ދުނިޔޭގެ ގައުމުތަކާއި ޖަމިއްޔާތަކާ ގުޅުމަކީ މުހިންމު ކަމެއް. ޔޫއެންއޭއެމްއޭ މެދުވެރިކޮށް މިފަދަ ގުޅުންތައް ބަދަހި ކުރެވޭނެ،" ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ދައުލަތުގެ މީޑިއާ އާރުޓީއޭއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

އަފްޣާނިސްތާނަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށް މަސައްކަތްކޮށްދީ، ބޭރުގައި ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާތައް ދޫކޮށްދިނުމަށް މުޖާހިދު ޔޫއެންއޭއެމްއޭއަށް ގޮވައިލެއްވިއެވެ.

އެމެރިކާއިން ވަނީ އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުގެ 10 ބިލިޔަނެއްހާ އެމެރިކާ ޑޮލަރު ހިފަހައްޓާފައެވެ.

ޔޫއެންއޭއެމްއޭގެ މެންޑޭޓް އިތުރުކުރުމަށް ތާއީދުކުރި ނަމަވެސް ހުޅަނގުގެ ގައުމުތައް އެދޭ ގޮތަށް، އަފްޣާނިސްތާނަށް ޚާއްސަކޮށް މަންދޫބަކު ހޯދުމަށް އދ.އިން ހުށަހެޅި ހުށަހެޅުމަށް ތާލިބާނުން ވަނީ ދެކޮޅު ހަދައިފައެވެ.

ޚާއްސަ މަންދޫބެއް ކޮންމެހެން ބޭނުން ނުވާ ސަބަބަކީ ޔޫއެންއޭއެމްއޭ މިހާރު ވެސް އޮތުމުން ކަމަށް ތާލިބާން ސަރުކާރުގެ ހާރިޖީ ވަޒީރު އަމީރު ޚާން މުއްތާގީ މީގެކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަފްޣާނިސްތާނުގައިތިބި އެމެރިކާ ސިފައިން ފޭބުމުން، ތާލިބާނުން އެ ގައުމުގައި ވެރިކަން ކުރަން ފަށައިފައި އޮތް ނަމަވެސް އެއްވެސް ގައުމަކުން އަދި މިހާތަނަށް އެ ސަރުކާރު ބަލައިގެންފައެއްނުވެއެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް އަރައި އަލްގައިދާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައި ވަނީ 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނުވަ ވަނަ ދުވަހު ނިއު ޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރެރިސްޓު ހަމަލައާ ގުޅިގެންނެވެ. އެ ހަނގުރާމައިގައި އަފްޣާނިސްތާން ސުންނާފަތިކޮށް، އެގައުމުގެ އިގްތިސާދު ވަނީ އިނދަޖައްސައިފައެވެ.

comment ކޮމެންޓް