އަފްޣާނިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ ކަންދަހާރުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެ, 12 މީހުން ޒަޚާމުވެއްޖެއެވެ. ނަމަވެސް އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ކަންދަހާރު ސިޓީގައި ހުންނަ ހޮސްޕިޓަލަކަ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ ނަގައިފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން އެ ހަމަލާ އަމާޒުކޮށްފައިވަނީ ކަންދަހާރުގައި ހުންނަ ނިއު ކާބްލް ބޭންކް ބުރާންޗުގެ ބޭރުގައި މަޑުކޮށްގެން ތިބި ބަޔަކަށެވެ.

ކަންދަހާރް ޕްރޮވިންސްގެ ޑިރެކްޓަރު އޮފް އިންފޮމޭޝަން އެންޑް ކަލްޗާ އިނާމުއްލާ ސަމަންގަނީ ވިދާޅުވީ ބޮން ގޮއްވާލިއިރު، ގިނަ ބަޔަކު ބޭންކަށް ގޮސް ތިބީ އެ މީހުން މުސާރަ ހޯދުމަށެވެ. އެ ހާދިސާގައި ގެއްލުން ލިބިފައިވަނީ އާންމުންނަށްކަން ވެސް ސަމަންގަނީ ފާހަގަކުރެއްވިއެވެ.

ކުރިން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން ބޮން ގޮއްވުމާއި ޖާނުން ފިދާވުމުގެ ހާދިސާތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް ހަތިޔާރު އެޅި ގިނަ ޖަމާއަތްތަކަކީ އެ ގައުމަށް ނުރައްކަލެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މާޗު މަހުގެ 11 ވަނަ ދުވަހު މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުނު ފަހުން އަފްޣާނިސްތާނުގައި ބޮން ގޮއްވުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށް ވެސް ތާލިބާން އޮފިޝަލުން ހާމަކުރެއެވެ.

comment ކޮމެންޓް