ނުގަވައިދުން އުޅޭ ބިދޭސީންނާ މެދު ޓިކްޓޮކްގައި ކަންބޮޑުވުން ފާޅުކުރި ޒުވާނާ، ޓާސްކްފޯހަށް

މިނިސްޓަރު އިހުސާން، ޙަސަން ޝަރީފްއާ ބައްދަލުކުރުން: ނުގަވައިދުން އުޅޭ ބިދޭސީންނާ މެދު ޓިކްޓޮކްގައި ކަންބޮޑުވުން ފާޅުކުރި މި ޒުވާނާއަށް، ކަމާ ގުޅުންހުރި ޓާސްކްފޯހުން ޖާގައެއް ދޭން މިނިސްޓަރު ވަނީ ނިންމަވައިފައި -- ފޮޓޯ/ އެކްސް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު ޓިކްޓޮކްގައި ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ޒުވާނަކަށް، ބިދޭސީން ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓާސްފޯސްއިން ޖާގަ ދޭން ނިންމައިފިއެވެ.

މިމަހުގެ 16ގައި، ޙަސަން ޝަރީފް ކިޔާ މީހަކު އާންމުކޮށްފައިވާ ޓިކްޓޮކެއްގައި ބުނެފައިވަނީ، މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މުސީބާތަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ނޫން ކަމަށާއި ނަމަވެސް، މިގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރާއްޖޭގައި ނުގަވައިދުން ތިބި އެތައް ހާސް ބިދޭސީން ކަމަށެވެ.

ދާޚިލީ ސަލާމަތާ ބެހޭ މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މިއަދު ޙަސަން ޝަރީފްއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަމަލުތަކާ މެދު ސޯޝަލް މީޑިއާގައި އޭނާ ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ، މި ސަރުކާރުން ހައްލުކުރަން މަސައްކަތް ކުރަމުންދާ މައްސަލަތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އުފައްދާފައިވާ ޓާސްކްފޯސްގައި ބައިވެރިވުމަށް ޙަސަން ޝަރީފަށް ދައުވަތު ދެއްވާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ފޭސްބުކްގައި ވެސް ވަރަށް ބޮޑަށް ދައުރުވެފައިވާ، ޙަސަން ޝަރީފްގެ ޓިކްޓޮކްގައި އޭނާ ބުނާ ގޮތުގައި ނުގަވައިދުން އުޅޭ ބިދޭސީން ދަނީ ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް ކޮންޓްރޯލް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިގައުމުގެ 99 ޕަސެންޓް ވިޔަފާރި ކޮންޓްރޯލް ކުރަނީ ނުގަވައިދުން އުޅޭ ބިދޭސީން ކަމަށް އޭނާ ތުހުމަތުކުރިއެވެ.

"ދިވެހި މީހެއްގެ ނަމުގައި އެކަން ކުރުވަނީ. ދިވެއްސެއްގެ ސައިޑުން އެމީހުން އެ މަންފާޔާ އެ ބާރު ހޯދަނީ. މީގެ ތެރޭގައި ވަރަށް ސާފުކޮށް މި ބުނަނީ، މި ވާހަކަ އަޅުގަނޑުމެން ދައްކައިގެން ނޫނީ މިކަމެއް ރަނގަޅު ކުރެވޭކަށް ނެތް،" އޭނާ ބުނެއެވެ.

@shareef1988 nu gavaidhun ulhey bidheysee meehun over control #awareness #maldivesawareness #trendingvideo #mystyle #support #dhivehi #maldivestiktok #maldives #pnc #ppm #postivevibes ♬ original sound - Shareef1988

މީގެ އިތުރުން ޙަސަން ޝަރީފްވަނީ، އެންމެ ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް އެފަދަ ވިޔަފާރި ކުރާ ބިދޭސީން ސިފައިންނާއި ފުލުހުންނާއި އިމިގްރޭޝަންގެ ހިމާޔަތް ހޯދާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އަދި ނުގަވައިދުން އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގެންދިޔުމަށް އެގައުމުގެ ސަރުކާރަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އިންޑިއާ މީހުންނަށް ހަޅޭއްލަވާ އިންޑިއާއާ ތަޅާފޮޅާކަށް ނޫންވީކީއެއް،" ޓިކްޓޮކްގައި ބުނެފައިވެއެވެ.

ރާއްޖޭގައި ބިދޭސީން ކުށް ކުރުން އިތުރުވެފައިވާއިރު، ބިދޭސީންނާ ގުޅިގެން ބަލާ މައްސަލަތަކުގެ ތެރޭގައި މާރާމާރީ އާއި މަރުގެ މައްސަލަތައް ވެސް ހިމެނެއެވެ.

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން އެންމެ ފަހުން އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެކްޓިވް ވޯކް ޕާމިޓް އެންމެ ގިނައިން ދޫކޮށްފައި ވަނީ ބަންގްލަދޭޝްއާއި އިންޑިއާއާއި ސްރީލަންކާގެ މީހުންނަށެވެ. އޭގެ ތެރޭގައި އެކްޓިވް ވޯކް ޕާމިޓް އޮތް ބަންގްލަދޭޝްގެ 139،220 މީހުންނާއި އިންޑިއާގެ 94،553 މީހުންނާއި ލަންކާގެ 30،817 މީހުން ހިމެނެއެވެ.

އިހުސާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ތިބީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށްވާއިރު އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަނީ 36 ޕަސެންޓު މީހުންނެވެ.

comment ކޮމެންޓް