އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ބާއްވަނީ، އެންމެ މޮޅު ޑްރާމާއަކަށް 50،000 ރުފިޔާ

މީގެ ކުރިން އެންސީއޭއިން ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތެއްގެ އިނާމުދިނުމުގެ ހަފުލާ--ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އިން އިންތިޒާމުކުރާ އޮފީސްތަކުގެ ޓެލެޑްރަމާ މުބާރާތް, ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވުމަށް އުސޫލް އާއްމުކޮށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެންސީއޭއިން ބުނީ އެ މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ 13:30ގެ ކުރިން އެންސީއޭއަށް ފޯމް ހުށަހެޅުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ. އެ ފޯމް އެންއޭސީންނާއި އެ ސެންޓަރުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އެ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަށް 50،000 ރުފިޔާގެ ފައިސާގެ އިނާމް އެންސީއޭއިން ހުށަހަޅާފައިވާ އިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، އެންމެ މޮޅު އަންހެން އަދި ފިރިހެން ސަޕޯޓިން އެކްޓަރަށް 10،000 ރުފިޔާ އަދި، އަލަށް ދާއިރާއަށް ތައާރަފުވާ އެންމެ މޮޅު ފަންނާނަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް އެ ސެންޓަރުން ހުށަހަޅާފައިވެއެވެ.

އެ ސެންޓަރުން ބުނިގޮތުގައި މުބާރާތް ބާއްވާނީ މަދުވެގެން ފަސް އޮފީސް ބައިވެރިވާނަމައެވެ. އަދި، މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު
އޮފީސްތަކާއި އަމިއްލަ މުވައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށް މައުލޫމާތު ދިނެވެ. އެހެންނަމަވެސް މިނިސްޓްރީގެ ދަށުން ހިނގާ އެއްވެސް އޮފީހަކަށް ބައިވެރި ނުވެވޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ސެންޓަރުގެ ނަންބަރު 3310729 އަށް ގުޅުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް ޓީވީއެމުން 1994 ވަނަ އަހަރުން ފެށިގެން 2006ގެ ނިޔަލަށް ކުރިއަށް ގެންދިޔައެވެ. އެއަށްފަހު، އެ މުބާރާތް އަށް އަހަރަށްފަހު އަލުން ބާއްވާން 2015 ވަނަ އަހަރު އެ ސެންޓަރުން ނިންމިއެވެ.

އޭރު ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އޮފީސްތަކުން ޑްރާމާތައް ގެނެސްދެއެވެ. އަދި މިހާރު ވެސް ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުންނަކީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެ ދާއިރާއަށް ނުކުމެފައި ތިބި މީހުންނެވެ.

comment ކޮމެންޓް