ލުބުނާނުން އިސްރާއީލާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖީލީހަށް މައްސަލަ ހުށަހަޅަނީ

ޙަމާސް ޖަމާޢަތުގެ ދެވަނައަށް އެންމެ އިސްވެރިޔާ ޞާލިޙް އަލް ޢަރޫރީ. ފޮޓޯ/ސްކައި ނޫސް

ލުބުނާންގެ ވެރިރަށް ބެއިރޫތަށް މި މަހުގެ ތިން ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާގައި، ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ދެވަނައަށް އެންމެ އިސްވެރިޔާ ޞާލިޙް އަލް ޢަރޫރީ އާއި ހަމާސްގެ ގައްސާމް ބްރިގޭޑްސްގެ އެހެން ލީޑަރުން އަވަހާރަކޮށްލި މައްސަލަ، އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާޓީ ވަނީ އެ ހަމަލާތައް ކުށްވެރިކުރައްވައިފައެވެ. އަދި އެއީ ހަނގުރާމައިގައި އިސްރާއީލުން ގެންގުޅޭ އާ ވައްތަރެއްގެ ޖަރީމާއެއް ކަމަށްވެސް މިކާޓީ ވިދާޅުވިއެވެ.

ލުބުނާނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެގައުމުގެ ސަރަހައްދުތަކަށް އިސްރާއީލުން ދޭ ހަމަލާތަކުގެ މައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް މިކާޓީ ވަނީ އެ ގައުމުގެ ޚާރިޖީ ވަޒީރު އަބްދުﷲ ބޫ ހަބީބުގެ ކިބައިން އެދިވަޑައިގެންފައެވެ.

އިސްރާއީލުގެ މައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ލުބުނާނުން ތައްޔާރުވާއިރު، ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުގެ މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، (އައިސީޖޭ) އަށް ދެކުނު އެފްރިކާއިން ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ބުރާސްފަތި ދުވަހުން އާދިއްތައަށް ވަނީ ތާވަލުވެސްކޮށްފައެވެ.

ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ 1948 ވަނަ އަހަރުގެ ގަތުލުއާންމާ ބެހޭ މުއާހަދާއާ ޔަހޫދީން ހިލާފުވަމުންދާ ކަމުގައެވެ. އެއާއެކު ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.

އައިސީޖޭގެ އިތުރުން ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވެސް ދަނީ އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންނެވެ.

comment ކޮމެންޓް