އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރަށް ކާރު އެކްސިޑެންޓެއްގައި އަނިޔާވެއްޖެ

އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވިރް.ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުގެ ހަރުކަށި ގައުމީ ސަލާމަތާބެހޭ ވަޒީރު، އިޓަމާ ބެން ގްވިރްއަށް ކާރު އެކްސިޑެންޓެއްގައި އަނިޔާވެއްޖެއެވެ.

އޭނާއަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް އިސްރާއީލުގެ ފުލުހުން ބުނެއެވެ. އެ އެކްސިޑެންޓުގައި އިތުރު ދެ މީހަކަށްވެސް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުގެ މީޑިއާތަކުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި ބެން ގްވިރް ދަތުރުކުރި ކާރު ވަނީ ފުރޮޅާލާފައެވެ.

ތެލް އަވީވް ކައިރީގައި އޮންނަ ރަމްލާ ސިޓީގައި އެ އެކްސިޑެންޓު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި ވަނީ މީހަކަށް ވަޅިން ހަމަލާ ދިނުމުގެ ހާދިސާއެއްވެސް ހިނގައިފައެވެ.

ސެންޓްރަލް ޑިސްޓްރިކްޓް ޕޮލިސް ޗީފް އަވީ ބިޓަން ވިދާޅުވީ ވަޅިން ހަމަލާދީފައި ވަނީ 19 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެ ހަމަލާ ދިނީ 21 އަހަރުގެ ނަފްސާނީ ބަލި މީހެއް ކަމަށްވެސް ބިޓަން ވިދާޅުވިއެވެ. އެ އަންހެން މީހާގެ ހާލު ސީރިއަށް ކަމަށް ފުލުހުން ހާމަކުރެއެވެ.

comment ކޮމެންޓް