ޣައްޒާގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ބަލައެއްނުގަނެވޭނެ:އދ

ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ޣައްޒާގެ އަންހެނުންތަކެއް. ޣައްޒާގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ބަލައިނުގަނެވޭނެ ކަަމަށް އދ ން ބުނޭ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ ---

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހާއްސަކޮށް ކުޑަކުދިންނާ އަންހެނުންނަށް ކުރާ އަނިޔާ އދ. އިން ކުށްވެރިކޮށްފިއެވެ.

"ޣައްޒާއިން ދާދި ފަހުން ހޯދި ގިނަ އަދަދެއްގެ ހަށިގަނޑުތަކުން ފެނުނު ނިޝާންތަކުން އަޅުގަނޑުމެން ކަންބޮޑުވޭ. އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ނާސިރު އަދި އަލް ޝިފާ ހޮސްޕިޓަލުން 390 އަށް ވުރެ ގިނަ ހަށިގަނޑު ފެނިފައިވާއިރު، ގިނަ ބަޔަކު މަރުވެފައި ވަނީ އަނިޔާ ކުރުމުން ކަމަށް ހަށިގަނޑުތަކުން ފެނުނު. އަދި ގިނަ ބަޔަކު ދިރި ތިއްބައި މަރާލައިފައިވާ ކަމުގެ އަލާމާތްތައް ވެސް ފެންނަންހުރި،" އދ ގެ ތަޖުރިބާކާރުން ވިދާޅުވިއެވެ.

ޣައްޒާ ހަމަނުޖެހުމުގައި އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވަނީ އަންހެނުންނާއި ކުޑަކުދިން ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

އޭޕްރީލް 20 ވަނަ ދުވަހާ ހަމައަށް އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 34،488 އަށް އުފުލިފައިވާއިރު، އޭގެތެރެއިން 14500 މީހުންނަކީ ކުޑަކުދިން ކަމަށާއި 9500 މީހުންނަކީ ކުޑަކުދިންނެވެ.

ހަމަލާތަކުގައި 77،643 މީހުންނަ ޒަހަމްވެފައިވާއިރު، އޭގެ 75 އިންސައްތައަކީ އަންހެނުންނެވެ. އިތުރު 8،000 އަށް ވުރެ ގިނަ މީހުން ގެއްލި ނުވަތަ އިމާރާތްތަކުގެ ދަށުގައި ތިބިއިރު، އޭގެތެރެއިން ވެސް މަދުވެގެން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަނގުރާމައިގެ ސަބަބުން 1.7 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 1.1. މިލިއަން މީހުންނަކީ ކާބޯތަކެތީގެ ރައްކާތެރިކަން ނެތް މީހުންނެވެ. އދ.ގެ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ހަމަލާ ފެށުނީއްސުރެ އިސްރާއީލުގެ އަސްކަރިއްޔާގެ އަތްދަށަށް ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ކުދިން ވަނީ ގަދަކަމުން ގެންގޮސްފައެވެ.

އަދި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ވެސް އިސްރާއީލުން ސުންނާފަތިކޮށްލައިފައިވާ ކަމަށް އދ. ގެ ތަޖުރިބާކާރުން ފާހަގަކުރެއްވިއެވެ.

އެނދާއި ސިއްހީ ވަސީލަތްތައް ނެތުމުން ގާތްގަނޑަކަށް 50،000 މާބަނޑު އަންހެނުންނާއި 20،000 ކުޑަކުދިން އެބަތިއްބެވެ. ދުވާލަކު 183 އަށް ވުރެ ގިނަ އަންހެނުން ތަދުކަނޑުވާނެ އެއްވެސް ބޭހެއް ނެތި ވިހައެވެ. އިންކިއުބޭޓަރުތަކަށް ކަރަންޓް ނުލިބުމުގެ ސަބަބުން އެތައް ސަތޭކަ ކުދިން މަރުވެފައިވާ ކަމަށްވެސް ތަޖުރިބަކާރުން ވިދާޅުވެއެވެ.

ހަނގުރާމައިގެ އެ ހާލަތުގެ ސަބަބުން ބަލިވެ އިނދެ ބައިގެންދާ އަންހެނުންގެ ނިސްބަތް 300 އިންސައްތައަށް ވަނީ އިތުރުވެފައެވެ. ގާތުން ދޭ އަންހެނުންގެ ތެރެއިން 95 އިންސައްތަ މީހުންނަށް ރަނގަޅު ކާނާ ނުލިބެއެވެ.

އިސްރާއީލުން ގެންގުޅޭ ހުރިހާ އަދާވާތްތެރިކަން ހުއްޓައިލަން ޖެހޭ ކަމަށާއި، ގައުމުތަކުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ވެސް ހުއްޓައިލުމަށް ވެސް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

އެ ހަތިޔާރު ބޭނުންކުރަމުންދަނީ ޣައްޒާގެ އަންހެންނުނާއި ކުޑަކުދިން މެރުމަށްކަން ގައުމުތަކަށް އެގެންޖެހޭ ކަމަށާއި ބައިނަލްއަގުވާލީ ގާނޫނުތަކުގެ ދަށުން އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލުމަށް ކަމަށްބުނެ އޮކްޓޫބާރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކުން އަންނަނީ ޣައްޒާގައި ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް