ހަނގުރާމަ ހުއްޓައިލުމަށް ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުން ރައްދުދީފި

ހަމާސްގެ ލީޑަރު އިސްމާއީލު ހަނިއްޔާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުގެ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓައިލުމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުން ރައްދުދީފި ކަމަށް ހަމާސްގެ ޣައްޒާގެ ނާއިބު ޚަލީލް އަލް ހައްޔާ ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އެ ހުށަހެޅުން މިހާރު ދިރާސާކުރަމުން އަންނަ ކަމަށް އެ ބަޔާނުގައިވެއެވެ.

"އެޕްރީލް 13 ވަނަ ދުވަހު މިސްރާއި ގަތަރުގެ މެދުވެރިންނަށް ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުގެ ރަސްމީ ޖަވާބު ހަމާސްއަށް ލިބިއްޖެ." އެ ބަޔާނުގައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދޭތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހަނގުރާމަ ހުއްޓައިލުމަށް ހުށަހަޅައި އެއްބަސްވުންތަކުގައިވެސް ހަމާސްއިން ބުނަނީ ހަނގުރާމަ ދާއީމީކޮށް ހުއްޓައިލުމަށެވެ. ނަމަވެސް އިސްރާއީލުން މިހާތަނަށްވެސް އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިސްރުގެ ވަފުދެއް މިހާރުވެސް ވަނީ އިސްރާއީލަށް ޒިޔާރަތްކޮށްފައެވެ.

ބުރާސްފަތި ދުވަހު އެމެރިކާ އާއި އިތުރު 17 ގައުމަކުން ވަނީ ހަމާސް އިން ރަހީނުކޮށްފައިވާ ހުރިހާ އެންމެން ދޫކޮށްލުމަށް އިލްތިމާސްކޮށްފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމާލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް