ކުޅުދުއްފުށިން ފައިލޭރިއާގެ 19 ކޭސް: ބައްޔަށް ރަށު ރައްޔިތުން ހޭލުންތެރިކުރަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ފޮޓޯ: ކޭއޯ

މިހާތަނަށް ފައިލޭރިއާގެ 19 ކޭހެއް ކުޅުދުއްފުށި ސިޓީއިން ފެނިފައިވުމާއެކު މި ބައްޔާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް އެ ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މި ސެޝަން ބާއްވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިސްނަގައިގެންނެވެ. ސެޝަން އޮންނާނީ އެ ރަށުގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ 08:30 ގައެވެ.

މި ވަގުތު ރަށުތެރޭގެ ހާލަތު އޮތް ގޮތުގެ މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ، ބައްޔާ ގުޅިގެން ރަށުތެރޭ އާންމުންގެ މެދުގައި އެއްވެސް ބިރުވެރިކަމެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، ބަލި ހުރިކަން ދެނެގަތުމަށް ޓަކައި މި ވަގުތު ބިދޭސީންގެ ޓެސްޓުތައް ހަދަމުން އަންނަކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދިވެހިން ވެސް ޓެސްޓުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްޔަށް ހުށަހެޅި، ބަލި ދެނެގަނެވިފައިވާ މީހުންގެ ފަރުވާގެ ކަންކަން ވެސް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެ މީހުން ތިބެނީ ހަމަ އެ މީހުންގެ ސައިޓުގައި. ގައިންގަޔަށް އެރުމުގެ ޗާންސް ކުޑަވުމާއި ބަލީގެ ހަގީގަތް އެނގޭތީ ކަރަންޓީނު ކޮށްގެނެއް ނޫން ފަރުވާ ދެނީ،" އޭނާ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ، ރަށުގައި މަދިރި ގިނަނޫން ކަމަށެވެ. ނަމަވެސް މަދިރި އުފެދިދާނެ ތަންތަން ދެނެގަނެ، އެ ތަންތަނުން މަދިރި ނައްތައިލުމުގެ މަސައްކަތް ވެސް ކުރާކަން އޭނަ ފާހަގަކުރެއްވިއެވެ.

"ދެން ލާވާ ވެސް ޓެސްޓު ކުރަން އެބަ. ރަށުގައި މި އުޅެނީ ކޮންކަހަލަ މަދިރިއެއްތޯ ދެނެގަތުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

މި ބަލި ފަތުރާ ކިއުލެކްސް މަދިރި އަކީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.

އެގޮތުން މަދިރި އާލާވާނެ އެންމެހާ ތަންތަން ނައްތައިލުން ހިމެނެއެވެ.

comment ކޮމެންޓް