ސައިކަލު މަޑުކުރަން ފުލުހުން އެންގުމުން ސައިކަލު މަޑުނުކޮށް ދިޔަ މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ، ކުޅުދުއްފުށީ ސިޓީގައި ހިނގި ހާދިސާއެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި މި ހާދިސާގައި، ފުލުހުންވަނީ ކުޅުދުއްފުށީ މާލިމީމަގުން ސައިކަލުގައި ދިޔަ މީހަކު މަޑުކުރަން އަންގައިފައެވެ. އެހެންނަމަވެސް ފުލުހުންގެ އެންގުމާ އެއްގޮތަށް މަޑުނުކޮށް ދިޔަ މީހާގެ މައްޗަށް ދައުލަތުންވަނީ ގާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އުފުލާފައެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އުފުލުނު މި ދައުވާއަށް، ދައުވާ ލިބުނު މީހާވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އިއުތިރާފުގެ އެއްބަސްވުން ހެދުމާއެކު އެ މީހާގެ މައްޗަށް އޮތް އަދަބުވަނީ ލުއިވެފައެވެ.
ގާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގެ އަސާސީ އަދަބަކީ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އިއުތިރާފު އެއްބަސްވުން ދައުލަތަށް ބަލައިގަނެ، އެ އަދަބު ގާޒީވަނީ ދެބައި ކުޅަ އެއްބަޔަށް ކުޑަކޮށްދީފައެވެ.
އަދަބު ލުއި ކުރުމުން، މި މައްސަލައިގައި އެ މީހާގެ މައްޗަށް އިއްވާފައިވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމީ މިދިޔަ ހަފްތާގައެވެ.