މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް އިންތިޚާބުކޮށްފި

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، މިރޭ އިންތިޚާބުކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެހެންވެ، މަޖިލީހުން ވަނީ މަޖިލީހުގެ ރައީސްކަމަށް މެންބަރަކު އިންތިޚާބު ކުރަން މިރޭ 20:30 އަށް ޖަލްސާއެއް އެޖެންޑާކޮށްފައެވެ.

އެ ޖަލްސާގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ފަރާތުން ވަނީ މެންބަރު ސަލީމްގެ ނަމުގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން ވެސް ހުށަހަޅުއްވާފައިއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވައި، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ތާއީދުކުރައްވާ ނަން ހުށަހެޅުއްވި މެންބަރު ޖާބިރު ވަނީ މީގެ ކުރިން ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީން މިއަދު ނެގި ވޯޓުން ކުރި ހޯއްދެވީ ސަލީމެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓު ގުނާފައި ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިގެންނެވެ. އެގޮތުން 69 މެންބަރުންގެ އިއްތިފާގުން އުފެއްދި ފަސް މެންބަރުންގެ ކޮމިޓީގައި ތިއްބެވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީރާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބު ކުރަން މިރޭ ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވީ ސަލީމެވެ.

އެ ވޯޓުގައި 74 މެންބަރުން ބައިވެރިވިއެވެ. ވޯޓުގައި ސަލީމަށް ލިބިވަޑައިގަތީ 51 ވޯޓެވެ. ޖާބިރަށް 23 ވޯޓު ލިބިވަޑައިގަތެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން މެންބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވަނީ-- ފޮޓޯ/ މަޖިލިސް

މިއަދު ހެނދުނު ބޭއްވި 19 ވަނަ މަޖިލީހުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި އީވާ ވަނީ، އޭނާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ދަނިކޮށް އިސްތިއުފާ ދެއްވާފައެވެ.

https://sun.mv/185569

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅީ މަޖިލީހުގެ 50 މެންބަރުންގެ ސޮޔާ އެކުގައެވެ.

އޭގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލަ ވެސް ކުރިއަށް ގެންދިޔަ ނުދީ އެތައް ދުވަހެއްގައި ހިފެހެއްޓުމަށް ފަހު ނަޝީދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު އެ މަގާމަށް އިންތިޚާބުކުރެއްވީ މިހާރުގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.

comment ކޮމެންޓް