އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސްކަމަށް ސައްލެ

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ހޮވައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރި ގުރޫޕުން މިއަދު ނެގި ވޯޓުގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވީ ދެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ.

އެ ވޯޓުގައި ސައްލެއަށް 26 ވޯޓު ލިބުނު އިރު، ރޮޒެއިނާއަށް ލިބުނީ 23 ވޯޓެވެ. އަދި ޖާބިރަށް ލިބުނީ ހަތަރު ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ ވޯޓް މިއަދަށް އެޖެންޑާ ކޮށްފައި ވަނިކޮށް، ޖަވާބުދާރީ ވުމުގެ ފުރުސަތުގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ އަބްދުﷲ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެއާއެކު މަޖިލީހުގެ ނައިބު ރައީސެއް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ވޯޓްލުން މިރޭ ބާއްވަން ވަނީ ނިންމައިފައެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އޭނާ ވާދަނުކުރައްވައެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 20:30ގައެވެ.

comment ކޮމެންޓް