އޭނާގެ ދާއިރާއިން ނިމިދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ބައެއް ކެންޑިޑޭޓުންނަށް އިތުރަށް ވޯޓުދިން ކަމަށް ޖަހައިފައި ހުރި ކަމަށް ވިދާޅުވެ، އިންތިޚާބުގެ ނަތީޖާއާ މެދު ހުޅުމާލޭ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ސުވާލު އުފައްދަވައިފިއެވެ.
ޝަމްހީދު 'އެކްސް'ގައި ލިޔުއްވައިފައިވަނީ ހުޅުމާލެ ދެކުނު ދާއިރާއިން މުޅި މާލޭން ހޮވާ 16 ގޮނޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަމީހުން ފާހަގަ ޖެހިގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަކަށް ނުބެލެވޭ ކަމަށެވެ.
"ބައެއް ކެންޑިޑޭޓުންނަށް 200އެއްހާ ވޯޓް އިތުރަށް ޖަހާފައި ހުރިކަމަށް ބެލެވޭ،" ޝަމްހީދު ލިޔުއްވައިފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި މާލޭ ދާއިރާއަށް ކަނޑައެޅިފައިވާ 16 ގޮނޑީގެ ޖާގައިގައި އެންމެ ގިނަ ވޯޯޓު ހޯއްދަވައިގެން ކުރީގައި އުޅުއްވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އިސް މަގާމުފުރާ ފުރުއްވި ބޭފުޅުން ހިމެނެއެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ފުރަތަމަ އަންހެން ޗެއާޕާސަން މާރިޔާ އަޙްމަދު ދީދީއާއި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފާއި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީއާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު ޢަލީ ޢާޒިމް ހިމެނެއެވެ.
އޭގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުޢިއްޒާއި ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް ޙަލީމް)އާއި މައްޗަންގޯޅި އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި އެ ދާއިރާގެ ކުރީގެ ކައުންސިލަރު މުޙައްމަދު ރަޝީދު (ބޯދިގު)އާއި މާފަންނު ހުޅަނގު ދާއިރާގެ މިހާރުގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ ވެސް ވަނީ ގޮނޑި ކަށަވަރުކުރައްވައިފައެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ 16 ގޮނޑީގެ އިތުރުން ގިނަ ގޮނޑިތަކެއް ހޯދައިފައިވަނީ ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްގެ 'ބޮޑު ބަދަލު' ފެކްޝަނުންނެވެ.