އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސާކަން ޒާޔާއަށް ޔަގީންވެއްޖެ

އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރި ޒާޔާއާއި އީމާ --

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ބޮޑު ތަފާތަކުން ކުރި ހޯއްދަވައި ފާތިމަތު ޒަހިއްޔާ (ޒާޔާ) ކާމިޔާބީ ހާސިލުކުރައްވައިފިއެވެ.

މި އިންތިޚާބުގައި ޒާޔާއާ އެންމެ ގާތުން ވާދަކުރައްވައި ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ އަންހެނުންގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އީމާ ޝަފީގެވެ.

ދެވަނަ ހޯއްދެވި އީމާ ޝަފީގަކީ އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ނައިބު ރައީސާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އީމާއަކީ ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި އަންހެނުންގެ އަޑު އުފުލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ވެސްޓްމިންސްޓަ ފައުންޑޭޝަން ފޯ ޑިމޮކްރެސީ (ޑަބްލިއުއެފްޑީ) އާއި ނެޓްވޯކް އޮފް ވިމެން ލީޑާސް (އެންޑަބްލިއުއެލް) ފަދަ ޖަމްޢިއްޔާތަކާ ގުޅިގެން އޭނާ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

މި ފަހަރުގެ ގައުމީ މަޖިލިސް އިންތިޚާބަކީ އެމްޑީޕީގެ ތެރޭ އިތުރު ވާދަވެރި ރޫހެއް ގެނުވި އިންތިޚާބެކެވެ. އެގޮތުން "ބޮޑު ބަދަލު" އެޖެންޑާއަށް ތާއީދުކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތައީދުކުރައްވާ ކެންޑިޑޭޓުންނާއި، ކުރީގެ ރައީސް އިބްރާހިމް ޞާލިހު އެންޑޯޒްކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮތެވެ.

އެމްޑީޕީ އަންހެނުންގެ ރޫޙަކީ އެ ޕާޓީގެ އަންހެން މެންބަރުން ތަމްސީލުކުރާ މައި ގޮތްޕެވެ. މި ގޮފީގެ މައިގަނޑު މަގްސަދަކީ ޕާޓީއަށް އަންހެން މެންބަރުން އިތުރުކުރުމާއި، ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. މީގެ އިތުރުން އިޖުތިމާއީ، އިގްތިޞާދީ އަދި ސިޔާސީ ގޮތުން ކަންކަން ނިންމާ ފެންވަރުގައި އަންހެނުން ބާރުވެރިކުރުވުމަކީ ވެސް މި ގޮފީގެ މުހިންމު އަމާޒެކެވެ.

comment ކޮމެންޓް